ގއ. ކަނޑަށް ގެއްލުނު ފޯނު، ސިންގަޕޫރަށް!

ޝާލިން ލީ އައި އޭނާގެ ފޯން ލިބުނު ޕެކޭޖް--

މި "ލޮސްޓް އެންޑް ފައުންޑް" ސްޓޯރީ ފެށެނީ މިމަހު ރާއްޖޭގެ ޕޭޖެއްގައި ޖަހާފައިވާ ޕޯސްޓަކުންނެވެ. "މިއަދު ފީނަނިކޮށް ގއ. މާނާގާ ފަޅު ބޭރުން ނެގި ވަރަށް އާ ފޯނެއް. ފޯނުގެ ވެރިފަރާތުން – ގުޅާލާ. ނޫނީ މެސެޖެއް ކޮށްލާ." މިހެން ލިޔެ މީހަކު ފޭސްބުކުގައި ޕޯސްޓެއް ޖަހާފައިވެއެވެ.

މި ޕޯސްޓު ރާއްޖޭގެ އެތައް ބަޔަކު ޝެއާކޮށް ހެދިއެވެ. ދިވެހިން އާއްމުކޮށް ސައްލާ ކުރާ ވައިބާ ގްރޫޕުތަކުގައި ވެސް ހިއްސާކުރިއެވެ.

ފޯނު ފެނިގެން މީހަކު ކުރި ޕޯސްޓް

ނަމަވެސް ޕޯސްޓަށް ކުރިއެރުމެއް ނުލިބި ޕޭޖުގެ އަޑިއަށް ގޮސް ގެއްލުނީއެވެ. އޭގެ އެތައް ދުވަހެއް ފަހުން މި ގެއްލުނު ފޯނުގެ ފޮޓޯ އަނެއްކާވެސް ފެންމަތިން ތިލަވެއްޖެއެވެ. މިފަހަރު މުޅިން ތަފާތެވެ. ފޮޓޯ ޖަހާފައި އޮތީ ޝާލިން ލީ ކިޔާ ބޭރު މީހެއްގެ އެކައުންޓަކުންނެވެ.

ޕޯސްޓުގައި ވަނީ މިހެނެވެ.

އެތައް ދުވަހެއް ވަންދެން ފައިސާއެއްކޮށް ގއ. އަތޮޅުގައި އޮންނަ ޕުލްޕަން މޯލްޑިވްސް ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް އަހަރެން އައީ މިދިޔަ މަހުއެވެ. ދެ ހަފުތާވެސް ނުވާ އެ ފޯނު ހިފައިގެން ސްނޯކްލިންގ އަށް ގޮސް އުޅުމުގެ ތެރޭގައި ފޯނު ގެއްލުނީ އޮއެ ގަދަވެ ލައިފް ޖެކެޓުގެ އެހީގައި އޮންނަން ޖެހުމުންނެވެ. ފޯނު އޮތީ ވޯޓަ ޕްރޫފް ޕްލާސްޓިކް ބޭގަކަށް ލާފައި ނަމަވެސް، އެ ފޯނު އެވަގުތު ދޫކޮށްލީ ސަލާމަތީ ހާލަތަށް ވިސްނާ އެކަން ކުރަން ޖެހުމުންނެވެ. އަދި، އެކުގައި ދިޔަ ގައިޑުގެ އެހީގައި ފޯނު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ ކުޑަ ކުޑަ ފޯނެއް މާސިންގާ ކަނޑުން ހޯދުމަކީ ނާދިރު ކަމަކަށް ވުމުން އެކަން ހުއްޓާލީއެވެ. އެހެންނަމަވެސް، އައިފޯނުގެ 'ފައިންޑް މައި އައިފޯން' ފީޗާ އިންވެސް ފޯނުގެ ލޮކޭޝަން ބަލައި ހޯދޭތޯ ބެލީމެވެ.

ޝާލިންގެ ފޯން ކަނޑަށް ގެއްލިފައި ވަނިކޮށް ފެނުނީ ދިވެހި މަސްވެރިއަކަށެވެ. ކަވަރަކަށް ލައިފައި އޮތުމުން ފެން ނުވަދެ، ފޯނު އޮތީ ބޭނުން ކުރެވޭ ހާލަތުގައެވެ.

މަސްވެރިޔާ މަސައްކަތް ކުރީ ފޯނުގެ ވެރި ފަރާތް ހޯދުމަށެވެ. އެގޮތުން ފޯނު ފެނުނުތާ ދެ ދުވަސްފަހުން އެ ފޯނުން ލޮގިންވެ، ވަޓްސްއެޕް ގްރޫޕް ޗެޓުތަކުގައި ޖަހައި އެ ފޯނުގެ ވެރިފަރާތް ހޯދަން މަސައްކަތް ކުރިއެވެ. އެ މަސްވެރިޔާ ބުނީ އެ ފޯނު ފެނުނީ 25 ފޫޓު ކަނޑު އަޑިން ކަމަށާއި 20،000 ރުފިޔާ ދިނުމުން ރައްދު ކޮށްދޭނެ ކަމަށެވެ.

މި ވާހަކަ މިހާ ހިސާބުން ނުނިމެނީ ފޯނު ހޯދަން ޝާލިން ކުރި މަސައްކަތުންނެވެ. ފައިސާއަށް އެދުމުން އެކަމާ މުޅިން ދެކޮޅު ނުހަދާ އޭނާ މަސައްކަތް ކުރީ ރިސޯޓުގައި ހުރި ދިވެއްސަކާ ވާހަކަދައްކަންށެވެ. ޝާލިންގެ ގެއްލުނު ފޯނު ހޯދުމަށް ފުލުހުންނަށް ރިޕޯޓުކުރިއެވެ. ފުލުހުން ފޯނު ފެނުނު މަސްވެރިޔާއަށް ގުޅިއެވެ. ނަމަވެސް ފޯނު ހަވާލު ކުރާނީ ފައިސާ ދިނުމުން ކަމަށް ބުނި ކަމަކަށް އޭނާ އެއްބަހެއް ނުވިއެވެ. ޝާލިންގެ ދެމަފިރިން ރާއްޖެއިން ފުރަން ޖެހުނީ ފޯނާ ނުލައެވެ.

އޭގެ އެތައް ދުވަހެއް ފަހުން ރާއްޖޭގައި ހުރި އެމީހުންގެ އެކުވެރިޔާ އާ ގުޅިގެން މިވަނީ ފޯނު ހޯދައިފައެވެ. ފޯނު ފެނުނު މީހާއަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އަދަދެއް ދީ، އެ ފޯނު ޑީއެޗްއެލް މެދުވެރިކޮށް ރިސޯޓުން ފޮނުވައިދިނީ 3800 ކިލޯމީޓަރު ދުރުގައި އޮތް ސިންގަޕޫރަށެވެ. ގާތްގަނޑަކަށް ދެ ހަފުތާ ފަހުން އެ ފޯނު އޮތީ ޝާލިންގެ ގޭގެ ދޮރުމަތީ ޑީއެޗްއެލް ޕެކޭޖެއްގައެވެ.

ޝާލިން ބުނި ގޮތުގައި މި ސްޓޯރީގެ ހީރޯއަކީ އެމީހުންނަށް އެހީވެދިން ރާއްޖޭގެ އައްސާންއެވެ. އޭނާއަކީ ޝާލިން ހަނޫމޫނަށް އައި ރިސޯޓްގެ މުވައްޒަފެކެވެ. ފޯނު އައްސާން އަތުގައި ޖެހުނު ދުވަހުން ފަށައިގެން އެ ފޯނު މަސައްކަތް ކުރޭތޯ ބެލުމާއި އެމީހުންނަށް އެ ރައްދުކޮށްދިނުމަށް ކުރި ހުރިހާ މަސައްކަތެއް ކޮށްދިނީ އޭނާ ހެޔޮހިތުންނެވެ.

އެމޭޒަން ވެބް ސާވިސަސްގެ ވާޗުއަލް އިވެންޓް މާކެޓިންގ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޝާލިން ލީ ރާއްޖެ އައި ދުވަހުން ފަށައިގެން އޭނާ ދިޔައީ ހަނީމޫންގެ ވީޑިއޯތައް ހިއްސާކުރަމުންނެވެ. ދުނިޔޭގެ އެންމެ މަގުބޫލު ޑޮމެސްޓިކް އެއާޕޯޓުން ދޯންޏެއްގައި ގޮސް ރިސޯޓަށް ފޭބުމުން ރިސޯޓުން ކީ ބޮޑުބެރުގެ މަރުހަބާގެ ވާހަކަވެސް އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. ރިސޯޓު މުވައްޒަފުން ހިނިތުންވުމާއެކު ކުރި ސަލާމާއި އަދާ ކުރި މެހެމާން ދާރީ އަކީ ހަގީގަތުގައި އެމީހުންނަށް ކިހާ މުހިއްމު ކަމެއްކަން އޭނާ ސިފަކޮށްދިނެވެ. އަދި، މުޅި ހަނީމޫންގައި ހިނގި ހަނދާނުން ނުފިލާނެ ސްނޯކްލިން ދަތުރުގެ ވާހަކަތައް ލިޔެ އެ ރިސޯޓަށް އޭނާ ފައިވް ސްޓާ ދިނެވެ.

ފޯނު ގެއްލުމުން ރިސޯޓުގައި ހުރެ ޝާލިންގެ ފިރިމީހާ އޭނާ އަށް ބުނި ކަމަށްވެއެވެ. ގެއްލޭ މަތިންދާބޯޓެއްވެސް މިއުޅެނީ ނުފެނިގެނެވެ. ރާއްޖޭގެ މާސިންގާ ކަނޑު އަޑިއަށް ގޮސް ވެއްޓުނު ކުޑަ ފޯނެއް އަދި ވަކިން ފެންނާނެ ހެއްޔެވެ. އޭނާގެ ފިރިމީހާ ކުރި ސުވާލަށް ޖަވާބު ދިނީ މިއަދެވެ.

'ޕުލްމެން މޯލްޑިވްސް މާމުތާ ރިސޯޓުގެ ހިދުމަތަށް ދޭނީ ހަމަ ފައިވް ސްޓާ. އެނީތިންގ އިޒް ޕޮސިބަލް. ފޯނުގައި އަޅުވައިފާ އޮތް ވޯޓަ ޕްރޫފް ޕްލާސްޓިކް ކަވަރުވެސް ބަރާބަރަށް މަސައްކަތް ކުރޭ އިނގޭ."

comment ކޮމެންޓް