ޑައިރެކްޓަރު ވިޖޭ ލަލްވާނީގެ ފިލްމުގެ ލީޑް ރޯލަށް ބަތަލާ ކިއާރީ އަދްވާނީ

ޑައިރެކްޓަރު ވިޖޭ ލަލްވާނީގެ ފިލްމުގެ ލީޑްއަކަށް ބަތަލާ ކިއާރީ އަދްވާނީ

ފިލްމު "ޖުގް ޖުގް ޖިއޯ" އާއި "ބޫލް ބުލައްޔާ 2"ގެ ކާމިޔާބީއާއެކު ބަތަލާ ކިއާރާ އަދްވާނީއަށް އިތުރު ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.

ކުރިޔަށް އޮތް ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ގޯވިންދާ ނާމް މޭރާ" ފިލްމުގެ ބަތަލާ ކިއާރާއަށް ފުރުޞަތު ލިބިފައިވަނީ ޑައިރެކްޓަރު ވިޖޭ ލަލްވާނީގެ ފިލްމަކުންނެވެ. ފިލްމު "ކާތިކް ކޯލިންގް ކާތިކް"ގެ ޑައިރެކްޓަރު ވިޖޭގެ ކުރިޔަށްއޮތް ފިލްމަކީ ތްރިލާއެކެވެ. މިފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ، ބޮޑު ގޭންގަކުން ރާވައިގެން ހިންގާ ހައިސްޓަކަށް ނުވަތަ ތަނެއް ލޫޓުވުމުގެ ބޮޑު ރޭވުންގަނޑެއްގެ މައްޗަށެވެ. ފިލްމުގެ ނަމަކަށް ވަގުތީގޮތުން ދީފައިވާނަމަކީ "ލޭމްބް"އެވެ. މިފިލްމާބެހޭ އިތުރު ތަފްސީލުތައް ވަނީ އަދި ސިއްރުކޮށްފައެވެ.

ވަގުތީގޮތުން "ލޭމްބް"ގެ ނަން ފިލްމަށް ދީފައިވީނަމަވެސް މިނަން ކުރިއަށް އޮތްތަނުގައި ބަދަލުވުމަކީ، އެކަށީގެންވާކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިލްމަކީ، ބަތަލާ ކިއާރާ އަދްވާނީ މީގެކުރިން ފެނިފައިނުވާފަދަ ބަދަލަކާއެކު ވަރަށް ވަރުގަދަ ރޯލެއް ކުޅޭނެ ފިލްމެކެވެ. މީގެކުރިން ކިއާރާ މެއިން ލީޑްއިން ފެނިގެންދިޔައީ ނެޓްފްލިކްސްއިން ޕްރިމިއާކުރު ފިލްމު "ގިލްޓީ" އަދި "އިންދޫކީ ޖަވާނީ"އިންނެވެ.

ނީރާޖް ކޮތާރީ ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ފެބްރުއަރީ މަހު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭވަރުވާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކިއާރާއަކީ ތެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހޯދި ބަތަލާއެކެވެ. ކިއާރާ ބޮލީވުޑަށް ތަޢާރަފްވެފައިވަނީ 2014ވަނަ އަހަރު ރިލީޒްވި ހެއްވާ މަޖާ ފިލްމު "ފަގްލީ"އިންނެވެ. އެއަށްފަހު ގިނަ ބައެއްގެ ސަމާލުކަން ބަތަލާއަށް ލިބިގެންދިޔައީ، 2016ވަނަ އަހަރު ރިލީޒްވި ފިލްމު "އެމް.އެސް ދޯނީ"އިންނެވެ. 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ކަބީރް ސިންގް"އަށް ބޮކްސް އޮފީހުގައި ލިބިގެންދިޔަ ކާމިޔާބީއާއެކު ކިއާރާގެ ކެރިއަރަށް ވެސް ކާމިޔާބީގެ ބޮޅުތަކެއް އިތުރުވެގެންދިޔައެވެ.

ކިއާރާގެ އަތުގައި މިވަގުތުހުރި ފިލްމީ މަސައްކަތްތަކުގެތެރޭގައި "ސަތްޔަ ޕްރޭމްކީ ކަތާ" އަދި ތެލުގޫ ފިލްމު "އާރް.ސީ 15" ހިމެނެއެވެ. މިފިލްމަކީ، ބޮޑު ސިޔާސީ ކުޅިގަނޑެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް