އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހެއް ގެނެސް، ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރު ދޭން ކަނޑައަޅައިފިއެވެ.
މިކަމާ ގުޅިގެން ޔޫއެސްއެއިޑްގެ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓާ އަންޖަލީ ކައުރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ރާއްޖެއިން އިސްކަންދޭ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށެވެ.
"މި އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަޅުގަނޑުމެންނާ ދެމެދު ފުޅާވެ ކުރިއަރަމުންދާ ޕާޓްނާޝިޕް ދައްކުވައިދޭ ހަރުދަނާ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

ޔޫއެސްއޭއައިޑީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހު ގެނައުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --
ރާއްޖެއާއި އެމެރިކާއާ ދެމެދު މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރު މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ރާއްޖެއަށް 28 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެހީ ފޯރުކޮށްދީފައި ކަމަށް ޔޫއެސްއެއިޑްއިން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.
މި އެހީ ޚާއްސަކުރި ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްގެ ދާއިރާއާއި ގާނޫނީ ބާރުވެރިކަން ހަރުދަނާކުރުމާއި ހިންގުމުގެ ނިޒާމް ލާމަރުކަޒީ ކުރުމާއި ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.
މީގެ އިތުރުން ޔޫއެސްއެއިޑުން ދަނީ ރާއްޖޭގެ ތިމާވެށީގެ ވިލުންވެރިކަމަށާއި އިޤްތިޞާދީ އަދި ޑިމޮކްރެޓިކް އިސްލާހަށް މަސައްކަތް ކުރުމުގައާއި މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.