އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް --- ފޮޓޯ/ އޭދަފުށި ޓައިމްސް

ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ޔުނިޓެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ބ އަތޮޅު ހޮސްޕިޓަލުން ބުނީ ޑައިލިސިސްގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އާ ޑައިލިސިސް ޔުނިޓެއް ގާއިމްކޮށް ޚިދުމަތްދިނުމަށް މިހާރު ފަށާފައިވާ ކަމަށެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ޕޭޝަންޓުން އަންނަން ފަށާނެ،" އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއަހަރުގެ މެދެއްހާ ހިސާބުގައި ޑައިލިސިސް ހެދުމުގެ ޚިދުމަތް ދިނުމަށް ބ އަތޮޅު ހޮސްޕިޓަލުން ތައްޔާރުވިނަމަވެސް، އެކަން ލަސްވީ މުވައްޒަފުން ތަމުރީނުކުރުމަށް ވަގުތު ބޭނުންވެގެންނެވެ.

ބ. އަތޮޅަކީވެސް ޑައިލިސިސް ހެދުމަށް ބޭނުންވާ މީހުން ގިނަ އަދަދަކަށް ތިބި އަތޮޅަކަށްވާއިރު، މިހާރުވެސް ޑައިލިސިސް ހެދުމަށް ބޭނުންވާ 15 އަށްވުރެ ގިނަ މީހުން އެ އަތޮޅުގެ ރަށްތަކުގައި އެބަތިއްބެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިހާތަނަށް ޑައިލިސިސްގެ ހެދެން ނެތުމުން އެއަތޮޅުގެ މީހުން އެ ޚިދުމަތް ހޯދުމަށް ދަނީ ރ. އުނގޫފާރު ހޮސްޕިޓަލަށާއި، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. ބ. އަތޮޅު ހޮސްޕިޓަލުން ދެކޭގޮތުގައި އެ ހޮސްޕިޓަލުގައި ކިޑްނީ ބަލިމީހުންނަށް ޑައިލިސިސް ހެދެން ފެށުމުން އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅެމުންދާ ކިޑްނީ ބަލިމީހުންނަށް ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަވާނެއެވެ.

ރާއްޖޭގައި ކިޑްނީ އާ ގުޅޭ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ޑައިލިސިސް ހަދަންޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް ޑައިލިސިސް ހަދަންޖެހޭ 150 ހަށްވުރެ ގިނަ މީހުން ތިބިކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން މިހާތަނަށް ޑައިލިސިސްގެ ޚިދުމަތް ދެމުން އަންނަ އަތޮޅު ތެރޭ ހޮސްޕިޓަލްތަކަކީ، ރ. އުނގޫފާރު ހޮސްޕިޓަލް، ހދ ކުޅުދުއްފުށީ ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. ދެން އެންމެ އަވަހަށް ޑައިލިސިސްގެ ޚިދުމަތް ފެށޭނޭ އެއް ހޮސްޕިޓަލަކީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ.

އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށާފައިވާއިރު، ބ. އަތޮޅަކީ ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ އެއް އަތޮޅެވެ. މީގެ އިތުރުން ބ. އަތޮޅަކީ އެ އަތޮޅަކަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިންވެސް ގިނަ އަތޮޅެކެވެ.

މީގެ ތެރެއިން ބައެއް ވިޔަފާރިވެރިންނަކީ ސަރުކާރުތެރޭގެ އިތުރުން ސިޔާސީގޮތުންވެސް ނުފޫޒު ގަދަ ބޭފުޅުންނެވެ. މިފަދަ ބޭފުޅުންތިބެ، މިއަދާހަމައަށް ވެސް އަތޮޅުގެ ރަށްތަކުގައި ޑައިލިސިސް ފަދަ މުހިއްމު ޚިދުމަތެއް ނެތުމަކީ ބ. އަތޮޅުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް