އެންޒައިޓީ ހުންނަ މީހަކަށް އެހީ ވާނީ ކިހިނެއް؟

އެންޒައިޓީ ހުރި މީހެއްގެ އިހުސާސްތައް ދެނެގަތުން މުހިއްމު

ކޮންމެ މީހަކީ ވެސް ކަންތަކާ ކަންބޮޑުވެ ބިރުގަންނަ މީހެކެވެ. ނަމަވެސް އަބަދު ކަންތައްތަކާ ކަންބޮޑުވެ ހަމަ ނުޖެހޭ ކަންތައްތަކާ މާ ގިނައިން ވިސްނޭ ނަމަ މިއީ އެންޒައިޓީގެ ނިޝާނަކަށް ވެދާނެއެވެ. އެހެންވީމާ މިކަހަލަ ހާލަތެއްގައި ގިނަ ފަހަރަށް އެހީއެއް ވެދޭން އުނދަގުވެދާނެއެވެ. އެހެންކަމުން އެންޒައިޓީ ހުރި މީހަކަށް އެހީތެރިވާނީ ކިހިނެއް ހެއްޔެވެ؟

ޖޯން ހޮޕްކިންސް މެޑިސިންގައި މަސައްކަތް ކުރާ ޕީޑިއޭޓްރިކް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޮސެފް މެގުއާޔާ ބުނާގޮތުގައި އެންޒައިޓީ އިހުސާސްކުރެވޭ މީހުންގެ އިހުސާސްތައް ވަރަށް ގިނަ ފަހަރަށް އެހެންމީހުން ގަބޫލު ނުކުރެއެވެ.

"އެހެން ބަލިތަކުގައި ބައެއް ފަހަރަށް ޖިސްމާނީގޮތުން ބަދަލުތައް ފެނިދާނެ އެހެން މީހެއްގެ ކިބައިން. އެކަމު އެންޒައިޓީ ޖެހިފައިވާ މީހެއްގެ ކިބައިން ބޭރުން އެކަހަލަ ނިޝާނެއް ފެންނާކަށް ނުހުރޭ. އެހެންވިޔަސް މިއީ ހަމަ އެހެން މީހަކަށް ވަރަށް ސީރިއަސް ކަމަކަށް ވެދާނެ. އެހެންވީމާ އެމީހުންގެ އިހުސާސްތަކަށް ކަމޭ ހިތައި އެކަމަށް އަޅާލައި ޖެހޭނެ،" އޭނާ ބުންޏެވެ.

ތިމާގެ ގާތް މީހަކަށް އެންޒައިޓީ ޖެހި އޭގެ ހާލަތު ގޯސްވާ މަންޒަރު ބަލަން އެކަކަށް ވެސް ފަސޭހައެއް ނުވާނެއެވެ. އެ ހާލަތުގައި މީހާ ގޯސްކުރުމުގެ ބަދަލުގައި އޭނާގެ ހާލަތު ދެނެގަނެ އެފަދަ ހާލަތެއްގައި އަމަލު ކުރެވިދާނެ ގޮތްތަކެއް ހޯދަން ޖެހެއެވެ.

އެންޒައިޓީގެ ބައިވަރު ނިޝާންތަކެއް ހުރެއެވެ. އޭގެތެރޭގައި ބޯއަނބުރާ ގޮތްވުމާއި ދާހިތްލުމާއި މޭ ނުބައިކުރުމުގެ އިތުރުން ނޭވާ ކުރުވުމާއި ފަސޭހައިން ވަރުބަލިވުން ހިމެނެއެވެ. މިފަދަ ނިޝާންތައް މީހެއްގެ ކިބައިން ފެންނަ ނަމަ އެއީ އެންޒައިޓީގެ ނިޝާނަކަށް ވެދާނެއެވެ.

އެންޒައިޓީ ހުރެއްޖެނަމަ އެކަމަށް އެހީތެރިވުމަށް އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ ހިތްހެޔޮކަމާއި އަޅާލުން ދިނުމެވެ. އެގޮތުން އެއް ކަމަކީ އެމީހުންނަށް ކުރެވޭ އިހުސާސްތަކަކީ ދޮގު ކަމަކަށް ނުދެކުމެވެ. އަދި އެހީތެރިވުމަށް ކުރެވިދާނެ ކަމެއް އެމީހެއް ގާތުން އަހާލުން ރަނގަޅުވާނެއެވެ. ގާތުގައި އިނދެ އެމީހެއްގެ އިހުސާސްތައް ގަބޫލުކުރުން މިހާލަތުގައި ވަރަށް މުހިއްމެވެ.

ނަމަވެސް އެ ހާލަތުގައި އުނދަގޫ ވާ ފަދަ ސުވާލުތައް ކުރުމާ ދުރުވާށެވެ. މިސާލަކަށް އޭނާއަށް އުނދަގޫވާ ސަބަބުގެ ފުނަށް ދިޔުމަށް ގަދަކަމުން މައުލޫމާތު ހޯދަން ނޫޅޭށެވެ. އޭގެ ބަދަލުގައި އެމީހަކު ހަމައަކަށް އެޅި އަމިއްލައަށް ކިޔައިދެންދެން މަޑުކުރާށެވެ.

އެންޒައިޓީގެ އެކި ނިޝާންތައް ފެންނަ ނަމަ ކަންބޮޑުވާ ކަމުގެ އިހުސާސް ހިއްސާކުރާށެވެ. އަދި އެހީތެރި ވެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހުރިކަން ބުނެދޭށެވެ. ގިނަ ފަހަރަށް ގާތް މީހެއްގެ ފަރާތުން ބޭނުންވަނީ ހަމަ އަޅާލުމެވެ.

ނަމަވެސް އެންޒައިޓީގެ ސަބަބުން އެމީހެއްގެ މުޅި ދިރިއުޅުމަށް ބުރޫއަރައި އެއްވެސް ކަމެއް ނުވާ ހިސާބަށް ކަންތައްތައް ދާނަމަ ކަމާ ގުޅޭ މާހިރެއްގެ އެހީ ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނޫނީ މީހާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވަރަށް އުނދަގޫވާނެއެވެ.

comment ކޮމެންޓް