ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އިން ކުޅޭ ދެވަނަ މެޗުގައި، މެކްސިކޯ އާއި ދެކޮޅަށް މިރޭ ނުކުންނައިރު، މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، އެ ޓީމުގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ރެކޯޑަކާއި އަރައި ހަމަ ކުރާނެއެވެ.
އާޖެންޓީނާގެ ގައުމީ ޓީމާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި މަރަޑޯނާ މަރުވެފައި ވަނީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އިއްޔެ އަކީ މަރަޑޯނާ މަރުވިތާ ދެ އަހަރު ފުރުނު ދުވަހެވެ.
އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ބުނާ މަރަޑޯނާ ވަނީ އޭނާގެ ކެރިއަރުގައި އާޖެންޓީނާގެ ސީނިއަރ ގައުމީ ޓީމަށް 91 މެޗު ކުޅެދީ 34 ލަނޑު ޖަހައިދީފައެވެ.
އޭގެ ތެރެއިން އޭނާ ވޯލްޑް ކަޕުގައި ގައުމީ ޖާޒީގައި މަރަޑޯނާ ކުޅެފައި ވަނީ 21 މެޗެވެ.
ސައުދީ އާއި ދެކޮޅަށް ވޯލްޑް ކަޕުގައި ކުޅުނު މެޗާއި އެކު މެސީ ވަނީ މިހާތަނަށް 166 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން ވޯލްޑް ކަޕުގައި އޭނާ ކުޅެފައި ވަނީ 20 މެޗެވެ.
އެހެންކަމުން މިރޭ މެކްސިއޯ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި މެސީ ކުޅެވިނަމަ، ހަމަ ޔަގީނުންވެސް ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑާއި މެސީ އަށް އަރައި ހަމަ ކުރެވޭނެއެވެ.
މެސީ މި ރެކޯޑު ގާއިމް ކުރާނީ ޖުމްލަ ފަސް ވޯލްޑް ކަޕެއްގައި ކުޅެގެންނެވެ. މަރަޑޯނާ މި ރެކޯޑު ހަދާފައި ވަނީ ހަތަރު ވޯލްޑް ކަޕުގައި ކުޅެގެންނެވެ.
1977 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު، އޭރު އުމުރުން 17 އަހަރުގެ މަރަޑޯނާއަށް އެފަހަރުގެ ސްކޮޑުން ފުރުސަތެއް ނުދެއެވެ. އޭނާ ގައުމީ ޖާޒީގައި ޑެބިއު މެޗެއް ކުޅެފައި ވަނީ ވޯލްޑް ކަޕުގެ ކުރިން ނެދަލެންޑްސް އާއި ދެކޮޅަށް އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުޅުނު މެޗެއްގައެވެ.
މަރަޑޯނާ ކުޅުނީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 1986، 1990 އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ.
މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި ކުޅެފައި ވަނީ 2006 ވަނަ އަހަރުއެވެ. އެއަށްފަހު 2010، 2014 އަދި 2018ގެ އިތުރުން މިފަހަރު ގަތަރުގައި ކުޅެމުން އަންނަ ވޯލްޑް ކަޕުގައި ވެސް މެސީ އަންނަނީ އޭނާގެ ޖާދޫ ދައްކަމުންނެވެ.
ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑާއި މިރޭ މެސީ އަރައި ހަމަ ކުރިއަސް، އޭނާ އަކީ މުޅި ޖުމްލަ، އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑާއި މިރޭ މެސީ އަރައި ހަމަ ކުރާއިރު، މިރޭގެ މެޗުގައި އޭނާއަށް އިތުރު ރެކޯޑަކާއި އަރައި ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
އެއީ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާއެވެ.
ސައުދީ މެޗުގައި މެސީ ކާމިޔާބު ކުރި ޕެނަލްޓީ އާއިއެކު ވޯލްޑް ކަޕުގައި މެސީ ވަނީ މިހާތަނަށް ހަތް ލަނޑު ޖަހައިފައެވެ. ދެވަނައަށް އާޖެންޓީނާ އިން ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިއަކު ވެއެވެ. އެއީ މަރަޑޯނާގެ އިތުރުން ގިލެރްމޯ ސްޓެބިލޭ އެވެ. އެއީ އަށް ލަނޑެވެ.
ތާރީޚުގައި ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ގަބްރިއެލް ބަޓިސްޓޫޓާ އެވެ. އޭނާ ވަނީ 10 ލަނޑު ވޯލްޑް ކަޕުގައި ޖަހާފައެވެ.
މިރޭގެ މެޗުގައި ތިން ލަނޑު ޖަހައިގެން މެސީ އަށް މި ރެކޯޑާއި އަރައި ހަމަ ކުރެވޭނެއެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕު ނިމުމުގެ ކުރިން މެސީއަށް މި ދެ ރެކޯޑުވެސް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 1-2 އިން އާޖެންޓީނާ ބަލިވެފައިވާއިރު، މި ރެކޯޑުތައް ހެދި ނަމަވެސް، ގައުމީ ޓީމާއެކު މުބާރާތުގައި ކާމިޔާބީ ނުހޯދިއްޖެ ނަމަ މެސީ އަށް މި ރެކޯޑު ތަކަކީ މާ އަގުހުރި ރެކޯޑު ތަކަކަށް ނުވާނެއެވެ.
ސަބަބަކީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު އޮތީމައެވެ.