ބަރަހަނާ ފޮޓޯގެ މައްސަލަ: މަގާމަށް މީހުން އައްޔަން ކުރަނީ މައްސަލައެއް ނެތީމަ

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް އަލީ -- ސަން ފައިލް ފޮޓޯ

ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު އެއްވެސް މައްސަލައެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިއްޔެ އައްޔަންކުރި ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް، އަޝްރަފް ޢަލީ ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާއެކު ބަރަހަނާ ހާލުގައި ހުރި ފޮޓޯއެއް ރޭ މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ރައީސް އޮފީހުން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކުރިން އެމީހުންގެ ކުށުގެ ރެކޯޑު ސާފުކޮށް، އެއްވެސް މައްސަލައެއް އޮތްތޯ ބަލާ ކަމަށެވެ.

ދައުލަތުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރީގަ އެބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކުރާނެ. އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ ބަލާނެ. މައްސަލައެއް އޮތް ކަމަށް ވާނަމަ މަގާމަކަށް އެޕޮއިންޓް (އައްޔަން) ނުކުރާނެ. ތި ވިދާޅުވާ ކަހަލަ ތުހުމަތެއް އުޅޭ ކަމަށް ވާނަމަ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ. ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުޙައްމަދު

ނަމަވެސް އަޝްރަފްގެ މައްސަލަ ސަމާލުކަމަށް އައިސްފައި ވާކަމެއް ނުވަތަ އޭނާގެ މައްސަލަ ބަލަމުންދާ ކަމެއް މިއުވާން ސާފުކޮށްދެއްވާފައެއް ނުވެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުވެފައިވާ ފޮޓޯ އަކީ މީގެ އެތައް އަހަރެއް ކުރިން ލީކުވެ، ބައެއް މީހުންގެ މެދުގައި ދައުރުވެފައިވާ ފޮޓޯއެކެވެ. އެފޮޓޯއާ ބެހޭގޮތުން އަޝްރަފް ވިދާޅުވީ މީގެކުރިންވެސް އަދި މިހާރުވެސް އޭނާގެ އެފަދަ ފޮޓޯއެއް ނޯންނާނެ ކަމަށާއި، އެއީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަންކުރުމާ ގުޅިގެން ކުރި "ޖެއްސުމެއް" ކަމަށެވެ.

ޓްވިޓާގައި ރޭ އެފޮޓޯ އާންމުކޮށްފައިވަނީ، އެއް ޖިންސުން ގުޅުން ހިންގި ކަމުގެ މައްސަލަތަކެއް ސާބިތުވުމުން ޖަލަށް ލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ ނަމުގައި ހިންގާ ވެރިފައިޑް އެކައުންޓަކުންނެވެ.

comment ކޮމެންޓް