ޖާގަ ލިބުމާއެކު މާލެއިން ލައިސެންސް ނަގައި، ފަރިތަ ކުރެވޭ ގޮތް ހަދާނަން: މިނިސްޓްރީ

މާލޭގައި ލައިސެންސް ނެގުމަށް ފަރިތަ ކޮށްދެނީ --- ފޮޓޯ/ ގާލްސް ޑްރައިވިން ސްކޫލް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށް ޓެސްޓް ހެދުމަށާއި ދުއްވަން ފަރިތަ ކުރާނެ ޖާގަ މާލެއިން ލިބޭހާ އަވަހަކަށް އެ ހިދުމަތް މާލެއިން ވެސް ދޭގޮތަށް ބަދަލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކުރިން ލައިސެންސް ނެގުމާއި ފަރިތަ ކުރުންތައް ބާއްވަމުން ދިޔައީ މާލޭގައެވެ. ނަމަވެސް މާލޭ އިންޑަސްޓްރިއަލް ޒޯން ހުންނަ ސަރަހައްދުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށްދާތީ އެ ހިދުމަތް ޖެނުއަރީ މަހު ވަނީ ހުޅުމާލެއަށް ބަދަލު ކޮށްފައެވެ.

ލައިސެންސް ނަގަން ފަރިތަކުރުންތަކާއި ޓެސްޓްތައް މިހާރު ކުރިއަށް ގެންދަނީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ.

ހުޅުމާލެއަށް ލައިސެންސް ނެގުން ބަދަލު ކުރިތާ އަހަރެއް ވުމާ ގާތް ވެފައިވާއިރު ލައިސެންސް ނަގަން ފަރިތަކުރުންތަކަށް ހުޅުމާލެ ދާން ޖެހޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/170798

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ހަމަދު އަބްދުލްޣަނީ މިއަދު "ސަން"އަށް ވިދާޅުވީ ލައިސެންސް ނަގަން ފަރިތަކުރުންތަކަށް ހުޅުމާލެ ދާން ޖެހޭތީ ވަރަށް ގިނަ މީހުންގެ ޝަކުވާލިބިފައިވާ ކަމަށެވެ.

ހުޅުމާލެއަށް ލައިސެންސް ނެގުމާއި ފަރިތަކުރުން ބަދަލުކުރީ ކުރިން މާލޭގައި އެކަމަށް ބޭނުންކުރި އިންޑަސްޓްރިއަލް ޒޯނަކީ ފަރިތަކުރުންތަކަށް އެންމެ ރައްކާތެރި ސަރަހައްދަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގަ ފަރިތަކުރާ ސަރައްހަދު އެހާ ރައްކާތެރިއެއް ނޫން. އެހެންވީމަ ހުޅުމާލެގައި އެތަން ގާއިމުކޮށްދިނީ. އެތަނުގައި ޓެސްޓެއް ނުހަދާނަމަ ފަރިތަކުރެވޭނެ. އެކަމަކުވެސް އެނގޭ ހަމަ ވަރަށް އުނދަގޫ ވާނެކަން،" އޭނާ ވިދާޅުވިއެވެ.

ހަމަދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި މާލޭގައި ވެސް ލައިސެންސް ނަގަން ފަރިތަކުރާނެ ތަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ދިމާވަނީ ޖާގައިގެ ދަތިކަން ކަމަށާއި އެކަން ހައްލުވާހާ އަވަހަކަށް އާއްމުންނަށް މާލެއާއި ދެވަނަ ފިޔަވަހީގައި ވެސް ފަރިތަކުރެވޭ ގޮތް ހަދައިދޭނެ ކަމަށް ހަމަދު ވިދާޅުވިއެވެ.

comment ކޮމެންޓް