މީހުންނަށް އެހީވުމުން ސިއްހަތަށް ފައިދާވޭ!

ހެޔޮ އަމަލު ކޮށް މީހުންނަށް އެހީތެރިވުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭ ކަމެކެވެ. މިއީ ސަވާބު ލިބޭ ކަންތައްތައްކަން މުސްލިމުންނަށް ވީތީ ދިވެހިންނަށް އެނގޭނެއެވެ. ނަމަވެސް މިފަދަ ހެޔޮ އަމަލުތަކަކީ އިންސާނާގެ ސިއްހަތަށް ވެސް ފައިދާ ކުރާ ކަމެއްކަން އެނގޭ ހެއްޔެވެ؟

ބަދަލުގައި ކަމަކަށް އެދުމެއް ނެތި މީހަކަށް އެހީތެރިވެ އެހެން މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކުރާ ކޮންމެ އަމަލަކީ އޭގެ ސަބަބުން ސިއްހަތަށް ފައިދާ ކުރާ ކަމެއްކަން ދިރާސާއަކުން މިވަނީ ދައްކާފައެވެ.

އިނގިރޭސިވިލާތުގެ ރިސާޗަރުންތަކެއް ހެދި ދިރާސާއަކުން އެނގުނު ގޮތުގައި މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމަކީ އިންސާނާގެ ސިކުނޑީގެ "ރިވޯޑް ސެންޓަރ" ސްޓިމިއުލޭޓް ކޮށްދޭ ކަމެކެވެ. އިންސާނާއަށް އުފާކޮށްދޭ އިހުސާސްތައް ރިލީސްކުރާ ސްޓިމިއުލޭޝަން ކެމިކަލްގެ ސަބަބުން ސްޓްރެސް އަދި ޑިޕްރެޝަންގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވާ ކަމަށް ދިރާސާއިން ހާމަވެފައިވެއެވެ.

މީހަކަށް އެހީވުމުގެ ގޮތުން ފައިސާ ދިނުމުގެ ސަބަބުން މީހާގެ ލޭގެ ޕްރެޝަރު ދަށް ވުމަށް އެހީތެރިވެދޭ ކަމަށް ދިރާސާއިން ދައްކައެވެ. މި ދިރާސާ ކުރުމަށްޓަކައި ދެ ގްރޫޕަކަށް މީހުންތަކެއް ބަހާލުމަށްފަހު ކޮންމެ މީހަކަށް 40 ޑޮލަރު ދީފައިވެއެވެ. އެއް ގްރޫޕުގެ މީހުން އެ ފައިސާ ބޭނުން ކުރީ އަމިއްލަ ކަންތައްތަކަށެވެ. އަނެއް ގްރޫޕުގެ މީހުން އެ ފައިސާ ބޭނުންކުރީ މީހުންނަށް އެހީތެރިވުމަށެވެ. ދިރާސާއިން ދެއްކި ގޮތުގައި ފައިސާ ދީގެން އެހެން މީހުންނަށް އެހީތެރިވި މީހުންގެ ހިތުގެ ސިއްހަތު ރަނގަޅުވުމަށް އެ އަމަލުން އެހީވެދީ ލޭގެ ޕްރެޝަރު ދަށްވިކަން ފާހަގަކުރެވުނެވެ.

ސައިންސުވެރިން ބުނާގޮތުގައި އެހީތެރިވުމަކީ މީހާއަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެގޮތުން މީހަކަށް އެހީތެރިވުމުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުވެ މީހާގެ ދުވަހުގެ ކަންތައް ދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރު އިތުރު ވާ ކަމަށް ސައިންސުވެރިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު