ހަވަނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް ފަށައިފި

ހަވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފެއްޓެވުމުގެ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހަ ވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރަކު ވެސް ބާއްވާ މި ޑައިލޮގަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު އެކި ދާއިރާތަކުން މަޝްވަރާކޮށް އީޔޫއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ބާއްވާ ޑައިލޮގެކެވެ.

މި އަހަރު ބާއްވާ މި ޑައިލޮގުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ޑިމަކުރަސީއާއި، ސަރުކާރު ހިންގުމުގެ ދާއިރާއާ ގުޅޭގޮތުންނެވެ. ހަމައެއާއެކު އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމުގެ މައްޗަށް ވެސް މަޝްވަރާކުރުންތައް ބާއްވާނެއެވެ.

ހަވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފެށުމުގެ ތެެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހަަމައެއާއެކު ސަލާމަތީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި އިންވެސްޓުމަންޓުތައް ކުރުމާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރާނެއެވެ.

އަދި ޝެންގަން ވިސާއާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެއެެވެ.

މިހާރު ކުރިއަށްދާ މި ޑައިލޮގްގައި އީޔޫގެ މެމްބަރު ގައުމުތަކުން ބައިވެރިވާނެއެވެ.

ހަވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފެށުމުގެ ތެެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މީގެ އިތުރުން ރާއްޖޭގެ އިދާރާތަކުގެ ވެރިންނާއި މިނިސްޓަރުން ވެސް ބައިވެރިވެލައްވާނެއެވެ.

އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް