އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ފަށައިފިން: ޖެންޑާ މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ، --- ފޮޓޯ/ މަޖިލިސް

އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިއްހީ ނިޒާމުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނޭ ގޮތުގެ ތަސައްވުރެއް އެކުލަވާލުމާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު އާސަންދަ ދެމުން އަންނަނީ ފަގީރުންނާއި މުއްސަނދިންނަށް އެއް ހަމައަކުން ކަމަށާއި ރާއްޖޭގެ ސަބްސިޑީ ނިޒާމު މިހާރު ބައްޓަންވެފައި އޮތީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ތެރެއިން--- ފޮޓޯ/މަޖިލިސް

މިނިސްޓަރު ވިދާޅުވީ، މިހާރު އާސަންދަ ދެމުން އަންނަނީ މުއްސަންޖަކަސް ފަގީރަކަސް އެއިން އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް ނުނަގާކަމަށެވެ.

"އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ގައުމީ އުފެއްދުންތެރިކަމަށް ބަލައި ކޮން ގޮތަކަށްތޯ ރައްޔިތުންނަށް ބޭސްފަރުވާ ދޭނީ. ވަޒީފާ އަދާކުރާ އުމުރު ފުރައިގެ ވަޒީފާގައި ހުރި މީހާ މިހާރު ޕެންޝަނަށް ކޮންޓްރިބިއުޓް ކުރާގޮތަށް ހެލްތަށް ކޮންޓްރިބިޔުޓް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގައި އަވަހަށް ގޮތް ނިންމުމަށް ވުރެ ބޮޑަށް އިސްކަންދެނީ، ކުރިއަށް އޮތް ފަސް އަހަރަށް ޕްލޭންކޮށް މިކަމުގައި ވާހަކަ ދައްކައިގެން ގޮތްތަކެއް ނިންމުމަށް ކަމަށެވެ. އެހެންކަމުން ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް އެކުލަވާލައި ކުރިއަށް އޮތް ތަނުގައި މިކަމާމެދު ބަހުސް ކުރުމަށް މަޖިލީހަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އާސަންދަ ނިޒާމު ބައްޓަންވެފައި އޮތްގޮތުން އާދައިގެ ރައްޔިތަކު އައިޖީއެމް ހޮސްޕިޓަލުން ނުކުރެވޭ އޮޕަރޭޝަނެއް އެޑީކޭ ނުވަތަ ޓްރީޓޮޕް ހޮސްޕިޓަލުން ކޮށްގެން ބިލަށް ބޮޑު އަދަދެއް އަރައިގެން ފައިސާ ނުދެއްކިއްޖެނަމަ ޖެހެނީ އެންސްޕާއަށް ސިޓީ ލައިގެން އެހީ ހޯދާށެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ހާލަތްތަކުގައި އެފަދަ ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން ހޭދަކުރަން ޖެހެނީ އެހެން ކަންކަމަށް ހަމަޖައްސާފައި ހުންނަ ފައިސާ ކަމަށާއި، ރަނގަޅު އިންޝުއަރަންސް ޕްރޮގްރާމެއް އޮންނަ ނަމަ އެފަދަ ކަންކަން ފަސޭހައިން ހަމަޖެހޭނެ ކަމަށެވެ. މިގޮތުން އިޖުތިމާއީ ރައްކާތެރިކަމަކީ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ތެރެއިން--- ފޮޓޯ/މަޖިލިސް

އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" އެކުލަވާލުމުގެ މަސައްކަތް ޖެންޑާއިން ފަށާފައިވާއިރު، ވޯލްޑް ބޭންކުން މީގެ ކުރިން އެތައް ފަހަރަކު ވަނީ ދައުލަތުން ސަބްސިޑީ ދެމުން އަންނަ އުސޫލު ބަދަލުކުރުމަށް ލަފާދީފައެވެ.

ދައުލަތުގެ ބަޖެޓުން ދަނީ ކޮންމެ އަހަރަކުވެސް ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ބަޖެޓްގައި ސަރުކާރުން އާސަންދަ ސްކީމަށް 730 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ބަޖެޓް އަހަރު ދެބައި ނުވަނީސް ވަނީ ހުސްވެފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓް ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން އާސަންދަ ސްކީމަށް 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

comment ކޮމެންޓް