މޯލްޑިވިއަން ސިފަ ވަނީ ވަރަށް ފަޤީރު އެއާލައިންއެއްގެ ގޮތުގައި: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ---ފޮޓޯ: މަޖިލިސް

ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ސިފަ ވަނީ ވަރަށް ފަގީރު އެއާލައިނެއް ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލާ ކޮމެޓީއަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ މައްސަލާގައި ވަނީ އެ ސިޓީއަށް ދަތުރުފަތުރު ކުރުމަށް ހުރި ދަތިތައް ބަޔާން ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މެމްބަރު ބޮންޑޭ ވިދާޅުވީ މޯލްޑިވިއަނަކީ ފަގީރު އެއާ ލައިންއެއް ކަމަށާއި، މިއަދު އެ އެއާލައިން ސިފަވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒަޢާމަތުގައި ރާއްޖޭގައި އޮޕަރޭޓް ކުރި އެއާ މޯލްޑިވްސްގެ ފްލައިޓެއް ގޮތަށް ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ފުވައްމުލަކަށް ދިޔުމަށް ކަނެކްޝަން ފްލައިޓެއް ނެތުމުގެ ވާހަކައަށް އަލިއަޅުއްވާލަމުން ބޮންޑޭ ވިދާޅުވީ އެ ފަތުރުވެރިން އެއާޕޯޓްގައި އުޅެނީ ވިއްސި ވިހާލިވެގެން ކަމަށާއި އަދި އެ ފަތުރުވެރިންނަށް މޯލްޑިވިއަންއިން އަޅާވެސް ނުލާ ކަމަށެވެ.

"ތިބޭފުޅުން ޓިކެޓް ވިއްކާފައި، ކަނެކްޝަން ފްލައިޓެއްގެ ގޮތުގައި މޯލްޑވިއަން މިނަގަނީ. ދެން އެމީހުން އެއާޕޯޓްގައި ސަލާން ޖަހަން އުޅެނީ. އެމީހުންނަށް ކަސްޓަމާ ސާވިސް، އަޅާލާނެ މީހަކުވެސް ގިނަ ފަހަރު ނުހުރޭ،" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިވެރިންގެ އަދަދު އިތުރު ވާނެ ކަން ފާހަގަ ކުރައްވަމުން ބޮންޑޭ ވަނީ ކުރިއެރުންތަކާ އެއް ގޮތަށް މޯލްޑިވިއަންއިން ކުރިނާރަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފައެވެ. އަދި މޯލްޑިވިއަންއިން އެއާ ކާގޯ ކެޕޭސިޓީ އިތުރު ނުކުރުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި އެކަމަށްވެސް ބޮންޑޭ ވަނީ ފާޑު ވިދާޅުވެފައެވެ.

"ތިބޭފުޅުންގެ ޝަކުވާ އަކީ ތިމަންނަމެންނަށް އެއާ ކާގޯ ނުލިބެއޭ، އެއާ ކާގޯވެސް ހޯދީމަ ލިބޭނީ. ކާގޯ ފްލައިޓްތައްވެސް އިތުރު ކުރީމަ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ފުވައްމުލަކަކީ ވަކި މަންޒިލެއް ކަމަށާއި، ނަމަވެސް މޯލްޑިވިއަންގެ ސަބަބުން އެތަނަށް ޓޫރިސްޓުންގެ ޑިމާންޑް ދަށް ވަމުން ދާ ކަމަށެވެ.

މޯލްޑިވިއަންއިން ދޭ ބައެއް ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ވާހަކައަކީ އާންމުންގެ ތެރޭގައި ވަރަށް ހޫނުކޮށް ދެކެވޭ ވާހަކައަކެވެ. މީގެ ތެރޭގައި ފްލައިޓްތައް ޑިލޭވުމާއި އަދި ޚިދުމަތުގެ އަގު ބޮޑުވުން ފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް