ކައިވެނިކުރާނެ ކަމަށް ބުނެ ކުރުވި ޚަރަދު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިން ނާކާމިޔާބުވެއްޖެ

ސިވިލް ކޯޓު--

ކުރީގެ އަނބިމީހާ، އަލުން އޭނާއާ ކައިވެނިކުރާނެކަމަށް ބުނެ ކުރުވި ޚަރަދު އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އޭނާއަށް އެ ޚަރަދު ލިބެންޖެހޭ އެއްވެސް އަސާސެއް ނެތްކަމަށް ކޯޓުން ނިންމައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ފިރިހެން މީހާ އެދިފައި ވަނީ އޭނާގެ ކުރީގެ އަނބިމީހާއަށް ކުރި ޚަރަދުތަކުގެ ބަދަލެއްގެ ގޮތުން 34،609 ރުފިޔާ ހޯދައި ދިނުމަށެވެ.

އޭގެ ތެރޭގައި އޭނާގެ އަތުން ކުރުވި ޚަރަދާއި، ނެގި ފައިސާއާއި ވަކީލަކު އައްޔަން ކުރަން ޖެހުމުން އެ ކަމުގެ ފީ ހިމެނޭ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އަންހެން މީހާގެ ޖަވާބު ފޮނުވައިފައިވަނީ ލިޔުމުންނެވެ. އެ ޖަވާބުގައިވާ ގޮތުން ފިރިހެން މީހާއަކީ އޭނާއާ ކައިވެނިކޮށްގެން އުޅުނުއިރު ވެސް އަނބިމީހާގެ ހައްގުތައް އަދާކޮށްދިން މީހެއް ނޫނެވެ. އަދި އެއިރު ވެސް ޚަރަދުނުކުރާކަމަށް އެ ލިޔުމުގައިވެއެވެ.

މީގެ އިތުރުން ވަރިވުމަށް ފަހު އަލުން އިންނާނެކަމަށް އެއްވެސް އިރެއްގައި ނުބުނާކަމަށް ވެސް އޭނާ ކޯޓަށް ދިން ޖަވާބުގައި ބުންޏެވެ. އަދި ކައިވެނިކުރާނެކަމަށް ބުނެ، ނުވަތަ އެ ނޫން ގޮތަކުން ވެސް އެއްވެސް އެއްޗެއް ބުނެ ކިޔައިގެން ނުހޯދާކަމަށް އޭނާ ބުނެފައިވެއެވެ.

އެއާއެކު އޭނާ އެދިފައި ވަނީ އެ މައްސަލައިގައި އަސާސެއްނެތް ކަމަށް ނިންމައިދިނުމަށެވެ.

ދައުވާކުރި ފިިރިހެން މީހާވަނީ އޭނާ ކުރި ޚަރަދުތަކުގެ ތަފުސީލް ހިމެނޭ ލިސްޓެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ޚަރަދުތަކުގެ ތެރޭގައި ޑައިޓްކުރާ ސައިފަތް ގަތުމަށް ކުރި ޚަރަދާއި، އަންނައުނު އަޅާ ފޮށްޓެއް ގަންނަން ކުރި ޚަރަދު ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ލިސްޓުގައިވާ އިތުރު ބައެއް ޚަރަދުތަކަށް ބަލާއިރު، ޖިމް ފީއަށާއި، އޮފީސް ދަތުރު ދާން މޭކަޕްކުރަން ކުރި ޚަރަދުގެ އިތުރުން އިސްލާމިކް ބޭންކުގައި އެކައުންޓެއް ހުޅުވުމަށް ހިނގި ޚަރަދު ހިމެނެއެވެ. އެއިން ކޮންމެ ކަމަކަށް އޭނާގެ އަތުން 1،000 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބުނެއެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މި އަހަރުގެ މާޗު މަހާ ހަމައަށް އަންހެން މީހާގެ އެކައުންޓަށް 14،947 ރުފިޔާ ޖަމާކޮށްދިންކަމަށް ބުނާ ފައިސާ ވެސް ހިމެނެއެވެ. އަދި ވަކީލު ފީގެ ގޮތުގައި 10،000 ހޯދަން ވެސް އެދިފައިވެއެވެ.

ނަމަވެސް މި މައްސަލަ ނިންމަމުން ކޯޓުން ކުރި ހުކުމްގައި ވަނީ މި މައްސަލައިގައި ކުރީގެ ފިރިމީހާ އޭނާގެ ކުރީގެ އަނބިމީހާއަށް ކުރި ޚަރަދަކީ ހަދިޔާއެއްގެ ގޮތުގައި ދިން އެއްޗެއް ނޫންކަން ބަލާނެ ގޮތެއް ނެތްކަމަށެވެ.

ހަަމައެއާއެކު އިއްދައިގެ މުއްދަތުގައި ކުރި ޚަރަދު ވެސް ހޯދަން ހުށަހަޅައިފައިވާކަން ހާމަވާކަމަށާއި އިއްދައިގެ މުއްދަތުގެ ފަހުން ކުރި ޚަރަދު ސާފުނުވާކަމަށެވެ.

މީގެ އިތުރުން އެ ޚަރަދުތަކަކީ އެ ދެ މީހުންގެ ގުޅުމުގެ ގޮތުން ހިތުން ރުހުމުން ނުދޭނެކަމަށް ބުއްދި ގަބޫލުނުކުރާހާ ބޮޑެތި އަދަދުތަކެއް ނޫންކަމަށް ވެސް ހުކުމްގައިވެއެވެ.

އެއާއެކު ކޯޓުން ނިންމީ އެ މައްސަލައިގައި އެއްވެސް އަސާސެއް ނެތްކަމަށެވެ.

މީގެ ކުރިން ކޯޓުން ނިންމައިފައިވާ މިފަދަ މައްސަލަތަކުގައި ވަނީ ދެ މީހެއްގެ ދެމެދު ވަކި އެއްބަސްވުމެއް ނެތި ވެސް އެކަކު އަނެކަކު ދޭ ފައިސާއާއި އެ ނޫން އަގުހުރި މުދާ، ޚަރަދުކުރަން ނުޖެހޭ މަގާމެއްގައި ހުރި މީހަކު ދީފައިވާނަމަ، އެ ފައިސާއާއި މުދާ އެ މީހަކަށް ހޯދައިދެވޭނެކަމަށެވެ.

ނަމަވެސް އެ ހޯދޭނީ އެއީ ހަދިޔާއެއްގެ ގޮތުން ލިބުނު އެއްޗެއްކަން އެ ލިބުނު މީހާއަށް ސާބިތުކޮށް ނުދެވޭނަމައެވެ.

comment ކޮމެންޓް