ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު، ގަތަރުގެ ފަސްގަނޑުގައި އެގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ އެކުއެޑޯއިން ގަތަރުގެ މައްޗަށް ކުރިހޯދައިފިއެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެކުއެޑޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެކުއެޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެެވެ. އެއާ ހިލާފަށް ގަތަރުގެ ފަރާތުން މެޗުގައި މާ އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، މާގިނަ ހަމަލާތަކެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ތިންވަނަ މިނެޓުގަ އެކުއެޑޯގެ އެންނާ ވެލެންސިއާ ވަނީ ގަތަރުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު މެޗުގެ ރެފްރީ ނިންމީ އެންނާ ވެލެންސިއާއަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރިކަމަށެވެ.

ގަތަރު ފީފާ ވޯލްޑުކަޕް 2022 - އިކުއަޑޯ އަދި ގަތަރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ އިމޭޖަސް
ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގަ އެކުއެޑޯއިން ވަނީ ގޯލެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. މިއީ ވެލެންސިއާ އަށް ގަތަރުގެ ކީޕަރު ސާދް އަލް ޝީބް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ވެލެންސިއާ ޖެހި ގޯލެކެވެ.
އެ ގޯލާއެކު މޮޅަށް ކުޅެމުންދިޔަ އެކުއެޑޯއިން އެ ޓީމުގެ ދެވަނަ ގޯލު ޖެހީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ގޯލަކީ އެންގޭލޯ ޕްރެސެއިޑޯ ނެގި ހުރަހަކުން ވެލެންސިއާ ބޮލުން ޖެހި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ގަތަރުން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ކެޕްޓަން ހަސަން އަލް ހައިދޯސް އަރިމަތިން ނެގި ހުރަހަށް ހުސްކޮށްއަރައި އަލްމުއިޒް އަލީ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ގަތަރު ފީފާ ވޯލްޑުކަޕް 2022 - އިކުއަޑޯ އަދި ގަތަރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ އިމޭޖަސް
ދެވަނަ ހާފުގައި ގަތަރުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ގަތަރުގެ އިތުބާރު ފޯވާޑް އަކްރަމް އަފީފް ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގަތަރުގެ މުހައްމަދު މުންތާރީ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
ފީފާ ވޯލްޑްކަޕް 2022 ގައި ގަތަރު ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގަ ދެން ހިމެނެނީ އެކުއެޑޯ، ނެދަލޭންޑްސް އަދި އެފްރިކާގެ ޗެމްޕިއަން ސެނެގާލްއެވެ.
އެކުއެޑޯގެ މޮޅާއެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ހޯމަ ދުވަހުގެ ރޭ 9:00ގައި އެ ގްރޫޕްގައި ހިމެނޭ ސެނެގާލް އަދި ނެދަލޭންޑްސް ކުޅޭނެއެވެ.