ފީފާ ވޯލްޑް ކަޕް2022: މުބާރާތް ކާމިޔާބު ކުރާނީ ކޮން ޓީމެއް؟

ފާއިތުވެދިޔަ ތަނަށް ބަލާއިރު، ވޯލްޑް ކަޕް ކާމިޔާބު ކުރާނޭ ޓީމެއް ލަފާ ކުރުމުގައި، ކުޅޭ ޓީމުތަކުގެ ކުޅުންތެރީންގެ ފެންވަރަށާއި، ކޯޗުންގެ ފެންވަރަށާއި، ޓީމެއްގެ ގޮތުގައި ދައްކާ ކުޅުމުގެ ފެންވަރަށާއި، އެންމެ ފަހުން ހޯދައިފައިވާ ކާމިޔާބީތަކަށާއި، އެ ޓީމުތަކަށް ފައިނަލާ ހަމަޔަށް ދިޔުމަށްޓަކައި ކުރިމަތިލާން ޖެހިދާނޭ ޓީމުތައްފަދަ ކަންކަމަށް ބަލައި، ފަންނީ ގޮތުން ވަޒަންކުރުންތަކެއްގެ އެހީގައިވެސް މުބާރާތް ކާމިޔާބު ކޮށްފާނޭ ޓީމު ލަފާ ކޮށްފައިވެއެވެ.

ހަމަ އެހެންމެ، އާދަޔާ ޚިލާފު އަދި ޙައިރާން ކުރުވަނިވި ގޮތްގޮތަށްވެސް، ވޯލްޑް ކަޕް ކާމިޔާބު ކޮށްފާނެ ޓީމު ލަފާ ކޮށްފައިވެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ބައެއް މެޗުތަކުން މޮޅު ވާނޭ ޓީމު ލަފާ ކުރުމަށްޓަކައި ގެންގުޅުނު "ޕޯލް ދި އޮކްޓޮޕަސް" ނަމަކަށް ކިޔުނު ބޯވައެވެ.

މި ބޯވަ ވަނީ މުބާރާތުގައި ޖަރުމަން ޓީމު ކުޅުނު ހުރިހައި މެޗަކާއި މުބާރާތުގެ ފައިނަލް މެޗު ހިމެނޭހެން، މުބާރާތުގެ ދިހަ މެޗަކުން މޮޅުވި ޓީމު ދިމާ ކޮށްފައެވެ. ޕޯލްއަށް ދިމާ ނުކުރެވުނީ ދެ މެޗެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ކޯޗު ޢަބްދުލްޖަލީލް (އަބުޖީ) ވިދާޅުވާހެން، ފުޓުބޯޅަ އަކީ ވަށް އެއްޗެކެވެ. އެއްވެސް ފަރާތަކަށް ބަރު ނުވާ އެއްޗެކެވެ. އެހެންކަމުން މެޗެއްގެ ތެރޭގައި ބޯޅަ "ކޮންމެ ޓީމެއްގެ ކޮޅަށް ވެސް ހިނގައިދާނެ" އެވެ. އަބަދަކު މޮޅު ވަނީ އެންމެ މޮޅު ޓީމެއް ނޫނެވެ. އަބަދު އެންމެ މޮޅު ޓީމު ވޯލްޑް ކަޕް ކާމިޔާބު ކުރާނޭ ނަމަ، 1950 ވަނަ އަހަރާއި، 1966 ވަނަ އަހަރާއި، 1982 ވަނަ އަހަރުގެ މުބާރާތުގެ ތަށި ފަސޭހަކަމާ އެކު ބްރެޒިލް އުފުލައިލީހެވެ. 1954 ވަނަ އަހަރު ހަންގޭރީ ޓީމު ފަސޭހަކަމާ އެކު ތަށި ހިފައިގެން ދަނޑުން ފެއިބީހެވެ. 1974 ވަނަ އަހަރު، ނެދަލެންޑްސްގެ ނަން ޗެމްޕިއަން ޓީމުގެ ގޮތުގައި މުބާރާތުގެ ތަށީގެ ފުލުގައި ލިޔެވުނީހެވެ. 1990 ވަނަ އަހަރު، ޖަރުމަނުގެ ބަދަލުގައި އާޖެންޓީނާއަށް މުބާރާތް ކާމިޔާބު ކުރެވުނީހެވެ.

ޝައްކެއް ނެތް ގޮތުގައި، ފުޓުބޯޅައިގައި ކާމިޔާބު ލިބުމުގައި ރެފްރީންގެ ނިންމުންތަކާއި، ސަޕޯޓަރުން ޓީމަށް ދޭ ހިތްވަރާއި، މެޗަށް އަރާ އިރު ކުޅުންތެރީން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތިބޭ ޙާލަތާއި، އަދި ނަސީބުފަދަ އެތައްކަމެއް މުހިއްމު ދައުރެއް އަދާ ކުރެއެވެ.

އެހެންނަމަވެސް، ޓީމުގެ ކުޅުންތެރީންނާއި ކުޅުމުގެ ފެންވަރު ފަދަ ކަންކަމަށް ބަލާލައި، މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނޭ ޓީމަކާމެދު ކުރެވޭ ލަފާ ކުރުންތަކެއްވެއެވެ. އެގޮތުން ފާހަގަ ކުރެވޭ އެއް ލަފާ ކުރުމަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މާޓިން ގްރީންގެ ހިސާބެވެ. އެ ހިސާބުން ދައްކާ ގޮތުގައި، މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތް ޓީމަކީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލެވެ. ދެން، އެންމެފަހުން އޮތް ވޯރލްޑް ކަޕް 2018 ކާމިޔާބު ކުރި ފަރަންސޭސި ވިލާތެވެ. ތިންވަނައަށް، އިންގްލެންޑެވެ. ހަތަރުވަނައަށް ސްޕޭނެވެ. ފަސްވަނައަށް ޖަރުމަނެވެ. ހަވަނައަށް އާޖެންޓީނާއެވެ. މި ޓީމުތަކުގެ އިތުރުން، ބެލްޖިޔަމާއި ޕޯޗުގަލަކީވެސް މުބާރާތުގައި ޙައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފާނޭ ޓީމުތަކެވެ.

"ސަން ވޯރލްޑް ކަޕް ފޯރި" އަށް ފެންނަ ގޮތުގައި، މުބާރާތް ކާމިޔާބު ކުރުމުގެ ފެންވަރު ހުރި ޓީމުތަކުގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ ޓީމުތަކަކީ ޖަރުމަނާއި އިންގްލެންޑާއި ފްރާންސާއި ބްރެޒިލާއި އާޖެންޓީނާއެވެ.

ޖަރުމަން

ޖަރުމަނަކީ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފިޔަވައި އެހެން އެއްވެސް މުބާރާތެއްގައި، މޮޅަށް ކުޅެގެން، މޮޅު ކުޅުންތެރީންތަކެއްގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުން މުބާރާތް ކާމިޔާބު ކުރި ޓީމެއް ނޫން ކަމުގައި ބުނެވިދާނެއެވެ.

1954 ވަނަ އަހަރު ޖަރުމަން ތަށި ހޯދީ އެޓީމަށް ވުރެ ހުރިހައި ގޮތަކުން މޮޅު ހަންގެރީގެ މައްޗަށް ޙައިރާން ކުރުވަނިވި ކާމިޔާބެއް ހޯދައިގެންނެވެ. 1974 ވަނަ އަހަރު ނެދަލޭންޑްސްގެ މައްޗަށް ޖަރުމަން ކާމިޔާބު ހޯދިއިރު، މުޅި ދުނިޔެ އޮތީ ނެދަލެންޑްސްގެ މޮޅު އަދި ރީތި ކުޅުމުގެ ޖާދޫގައި ޖެހިފައި، ފައިނަލުން އެޓީމު ޖަރުމަން އަތުން ބަލިވި ގޮތާމެދު އަންތަރީސް ވެފައެވެ. 1990 ވަނަ އަހަރު ޖަރުމަން ޓީމަށް އާޖެންޓީނާ އަތުން މޮޅު ވެވުނީވެސް ހަމަ "ފުޓުބޯޅަ އަކީ ވަށް އެއްޗެއް" ކަމުން، ކޮންމެ ކޮޅަކަށްވެސް ބަރުވެ، ކޮންމެ ޓީމެއްވެސް މޮޅުވާ އުޞޫލުންނެވެ.

ނަމަވެސް ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ޖަރުމަނަކީ ބޮޑެތި މުބާރާތްތަކުގައި އަބަދުވެސް ޓީމެއްގެ ގޮތުގައި ވަރަށް ފަރުވާތެރި، ބުއްދިވެރި، އަދި "ކުށް ނުކުރާ" ގޭމެއް ކުޅޭ ޓީމެއްކަމެވެ. އެހެންކަމުން، ޖަރުމަން ބައިވެރިވާ ކޮންމެ ބޮޑު މުބާރާތެއްގައިވެސް، އެޓީމު މުބާރާތް ކާމިޔާބު ކުރުމުގެ ފުރުޞަތު ހަންޏޭ ބުނެވޭކަށް ނޯވެއެވެ.

މި ހަގީގަތާއިމެދު އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ތަރި ގެރީ ލިނެކަރ ބުނެފައި ވެއެވެ. "ފުޓުބޯޅަ އަކީ ވަރަށް ސީދާސާދާ ކުޅިވަރެކެވެ. އެ ކުޅިވަރުގައި އޮންނަ ކަމަކީ، 90 މިނިޓު ވާންދެން 22 ފިރިހެނުން ބޯޅައެއްގެ ފަހަތުން ދުވެ، ނިމޭ އިރު އަބަދުވެސް ޖަރުމަނުން މޮޅުވުމެވެ."

މިފަހަރުވެސް ޖަރުމަން ޓީމު ވޯރލްޑް ކަޕް ކާމިޔާބު ކޮށްފާނެއެވެ. 2014 ވަނަ އަހަރުގެ މުބާރާތަށް ދިޔައިރު އެ ޓީމުގައި ތިބި ތަރީންފަދަ ތަރީންތަކެއް ޓީމުގައި ނެތް ކަމުގައި ވިޔަސް ވެހެވެ. ޖަރުމަނުގެ ކޯޗަކީ ޔޫރަޕުގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކޯޗު ކަމުގައި ވާ ހާންސީ ފްލިކްކަން މި ފުރުޞަތުގައި ފާހަގަ ކުރަމެވެ.

އިންގްލެންޑް

މި ފަހަރުގެ މުބާރާތުގައި އިންގްލެންޑް ވެގެން ދާނީ އެންމެ ވަރުގަދަ އެއް ބާރަށެވެ. ޒުވާން އަދި ހުނަރުވެރި ކުޅުންތެރީންތަކެއް ހިމެނޭ އިންގްލެންޑްގެ ޓީމުގެ ކޮންމެ މަގާމަކަށްހެން ކުޅޭނީ ތަރިއެކެވެ. ގޯލްކީޕަރު ޖޯރޑަން ޕިކްފޯޑް އާއި، ޑިފެންޑަރުން ކަމުގައިވާ ކައިލް ވޯކަރ، ރީސް ޖޭމްސް، ޖޯން ސްޓޯންސް، އަދި ކީރަން ޓްރިޕިއަރ އާއި، މެދުތެރެޔަށް ކުޅޭ ކެލްވިން ފިލިޕްސް، ޖޫޑް ބެލިންގހަމް، ބުކާޔޯ ސާކާ، ޖެކް ގްރީލިޝް، ފިލް ފޯޑެން، އަދި މޭސަން މައުންޓާއި، ކުރިޔަށް ކުޅޭ ހެރީ ކޭން އަދި ރަހީމް ސްޓަރލިންގއަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ޑިމާންޑް ބޮޑު ކުޅުންތެރީންނެވެ.

އިންގްލެންޑުގެ ބަލިފަޔަކީ އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ކަމުގައި ބައެއް މީހުން ދެކެއެވެ. ސައުތުގޭޓަކީ ކުޅުންތެރީން ގެންގުޅޭން އެނގޭ މޮޅު ކޯޗެކެވެ. ނަމަވެސް ވޯލްޑް ކަޕުގެ ތަށްޓާ ހަމަޔަށް ޓީމެއް ގެންދިޔުމަށް ބޭނުންވާ ޓެކްޓިކަލް ސިކުނޑި އޭނާގެ ކިބައިގައި ހުރި ކަމަށް ބައެއް މީހުން ގަބޫލު ނުކުރަނީއެވެ.

މިފަހަރަކީ އެފަދަ މީހުންގެ ވިސްނުން ގޯސްކަން ސާބިތު ކުރުމަށް ސައުތުގޭޓަށް ލިބޭ އެންމެފަހު ފުރުސަތު ކަމުގައި ވެދާނެއެވެ. ސައުތުގޭޓް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ސެމީ ފައިނަލަށް ގެންގޮސްދީ، މުބާރާތުގެ ހަތަރުވަނަ ހޯދައިދީފައެވެ. އެއީ 1966 ވަނަ އަހަރު ވޯރލްޑް ކަޕްގެ ތަށި ހޯދި ހޯދުން ފިޔަވައި، އިންގްލެންޑަށް މުބާރާތުގެ ތާރީޚުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެއަށްފަހު، މިއީ މުބާރާތް ކާމިޔާބު ކުރާން ސައުތުގޭޓަށް ލިބޭ ފުރުޞަތެކެވެ. މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލާއި ޗެލްސީ ފަދަ، ޔޫރަޕުގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބާރުތަކުގެ އެންމެ މުހިއްމު ކުޅުންތެރީންގެ މައްޗަށް އެކުލެވޭ ޓީމެއް ގޮވައިގެން ޤަޠަރަށް ގޮސް ސައުތުގޭޓަށް އެ އަމާޒު ޙާޞިލު ނުކުރެވިއްޖެއްޔާ، އޭނާއަށް އިނގިރޭސި ޓީމާއިއެކު އިތުރު ފުރުޞަތެއް ލިބުން ދުރެވެ.

އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލުގައިވެސް އިންގްލެންޑް ކުޅުނެވެ. އެ މެޗުން އިޓަލީ އަތުން އެމީހުން ބަލިވީއެވެ. އެ ތަޖުރިބާގެ އަލީގައި، އިނގިރޭސި ޓީމު މިފަހަރު ވޯލްޑް ކަޕުގެ ފައިނަލަށް ދިޔުމަކީ ގާތް ކަމެއް ކަމުގައި ވާއިރު، އެޓީމު ތަށި ހޯދިޔަސް އެއީ ޙައިރާން ކުރުވަނިވި ކަމަކަށެއް ނުވާނެއެވެ.

ފްރާންސް

ޓީމުގައި ތިބި ކުޅުންތެރީންގެ ފެންވަރަށް ބަލަންޏާ، ވޯލްޑް ކަޕް 2022 އަށް ފަރަންސޭސި ޓީމަށްވުރެ ވަރުގަދަ ޓީމެއް ނުދާނެއެވެ. އެޓީމުގެ ފޯވާޑް ލައިނުގައި ކުޅޭނީ ދުނިޔޭގައި މިހާރު ތިބި އެންމެ ކުޅަދާނަ އެއް ފޯވާޑް ކީލިއަން އެމްބާޕޭއެވެ. ބެންޗުގައި އެންޓޮއިން ގްރީޒްމަން، ވިސާމް ބެން ޔެދަރް، އަދި ކިންގްސްލީ ކޯމަން ތިބޭނެއެވެ. މެދުތެރޭގައި ކުޅޭނީ އޮރޭލިއަން ޗުއަމެނީ، ކްރިސްޓޮފަރ އެންކުންކޫ، އެޑްރިއަން ރޭބިއޮޓް، އަދި އެންގޯލޯ ކޯންޓޭއެވެ. ދިފާޢީ ރޮނގު ބަލަހައްޓާނީ އިބްރާހީމް ކޮނާޓޭ، ޖޫލްސް ކުންޑޭ، ޕްރެސްނެލް ކިމްޕެމްބޭ، ވިލިއަން ސަލީބާ، އަދި ލޫކަސް ހަރނާންޑޭޒް ފަދަ، ޔޫރަޕުގެ އެންމެ މޮޅު ޑިފެންޑަރުންނެވެ.

މި ޓީމާ ކުރިމަތިލާއިރު މޭ ފިނި ނުވާނޭ ޓީމެއް ދުނިޔޭގައި އޮންނާނޭހެން ހިއެއް ނުވެއެވެ. އެންމެފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަންވެސް ހޯދި ފަރަންސޭސި ވިލާތް ހުއްޓުވުމަކީ ޤަޠަރު 2022 އަށްދާ ކޮންމެ ޑިފެންސްލައިނަކަށްވެސް ދިމާވާނެ އެންމެ ބޮޑު ޗެލެންޖު ކަމުގައި ވާއިރު، އެ ޓީމުގެ ދިފާޢު ފޫ ދުއްވައިލުމަކީ އެއްވެސް ފޯވާޑް ލައިނަކަށް ފަސޭހައިން، އަދި މާގިނަ ފަހަރަކު ކުރެވޭނެކަމެއްހެން ހިއެއް ނުވެއެވެ.

ފްރާންސް ޓީމުގެ ކޯޝަކީ ޑިޑިއެރ ޑިޝޯމްޕްސްއެވެ. އޭނާ އަކީ ވޯރލްޑް ކަޕްގައި ތާރީޚީ ޝަޚްޞިއްޔަތެކެވެ. މުބާރާތުގެ ތާރީޚުގައިވެސް، ކުޅުންތެރިޔެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން މުބާރާތުގެ ތަށި އުފުލައިލި ތިން މީހުންގެ ތެރެއިން އޭނާއަކީ އެކެކެވެ. އަނެއް ދެ މީހުންނަކީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި، ޖަރުމަނުގެ ފްރާންޒް ބެކެންބާއެވެ. މިފަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބު ކޮށްފިއްޔާ، ޑިޝޯމްޕްސްގެ ނަން އަނެއްކާވެސް ތާރީޚުގައި ލިޔެވޭނެއެވެ. އެއީ އިޓަލީގެ ވިޓޯރިއޯ ޕޮޒޯއަށް ފަހު، ދެވަނަ ފަހަރު ވޯރލްޑް ކަޕް ކާމިޔާބު ކުރުމުގެ ޝަރަފު ހޯދާ ކޯޗަކަށް ވެގެންނެވެ. ޑިޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސަށް ވޯރލްޑް ކަޕް ކާމިޔާބު ކުރެވިދާނޭ ކަމާމެދު ޝައްކު ކުރާ މީހުން މާކަ ގިނައެއް ނުވާނެއެވެ.

ބްރެޒިލް

ބްރެޒިލަކީ ފުޓުބޯޅައިގެ ރަސްގެފާނެވެ. ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. ފަސް ފަހަރު ތަށި އުފުލައިލި ހަމައެކަނި ޓީމެވެ.

ނަމަވެސް ފަހަކަށް އައިސް ބްރެޒިލުގެ ހަގީގީ ޖާދޫ ގެއްލިފައިވާކަމަށް އެތައް ބަޔަކު ދެކެއެވެ. 1950 އިން ފެށިގެން 1980 ގެ އަހަރުތަކާ ހަމަޔަށް، ބްރެޒިލް ޓީމުން ދެއްކި ރީތި "ސާމްބާ ފުޓުބޯޅަ" އެ ޓީމަށް މިހާރު ނުކުޅެވޭކަން އެތައްބަޔަކު ފާހަގަ ކުރެއެވެ. ޚާއްޞަކޮށް، ލުއިޒް ފެލިޕޭ ސްކޮލާރީ އާއި ޑުންގާ ފަދަ ކޯޗުންގެ ސަބަބުން، 2000 ގެ ކުރީގެ އަހަރުތަކުގައި ބްރެޒިލް ޓީމަކީވެސް ޔޫރަޕުގެ ބޮޑެތި ޓީމުތަކެކޭ އެއްފަދައިން، ރީތި ކުޅުމަކަށްވުރެ ބޮޑަށް މެޗު ކާމިޔާބު ކުރެވޭނޭ ކޮންމެ ގޮތަކަށް ކުޅޭ "ފަންކްޝަނަލިސްޓް" ޓީމަކަށް ވިއެވެ.

ނަމަވެސް ބްރެޒިލް ޓީމަށް ފަހަކަށް އައިސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އޭގެ ސަބަބަކީ މިހާރު އެ ޓީމުގެ ކޯޗަކަށް ހުރި ޓީޓޭއެވެ. ޓީޓޭގެ ކޯޗުކަމުގައި ބްރެޒިލަށް ކާމިޔާބު ކުރެވުނު ހަމައެކަނި ބޮޑު މުބާރާތަކީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކަމުގައި ވިޔަސް، މިފަހަރު ބްރެޒިލާ މެދު އެތައް ބަޔަކު އުއްމީދުތަކެއް ކުރެއެވެ.

އެއީ މިހާރު ބްރެޒިލް ޓީމުގައި ތިބި ކުޅުންތެރީންނަށާއި، ޓީމެއްގެ ގޮތުގައި އެ ކުޅުންތެރީން ދައްކަމުން ގެންދާ ރީތި ކުޅުމާއި، ޓީޓޭގެ ޓެކްޓިކަލް ރޭވުންތެރިކަން ފަދަ ސަބަބުތަކަށް ޓަކައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، ޓީޓޭގެ އިރުޝާދުގެ ދަށުން، 2021 ގެ ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ފަހުން، ބްރެޒިލް ކުޅުނު އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެއެވެ. މި މުއްދަތުގައި ބްރެޒިލް 13 މެޗު ކުޅެފައި ވާއިރު، އޭގެ ތެރެއިން 10 މެޗުން ވަނީ މޮޅު ވެފައެވެ. އެންމެފަހުން ބްރެޒިލް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައިވާއިރު، އެ މެޗުތަކުގައި ބްރެޒިލް ކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. އެ ޓީމު ވަނީ އެ ފަސް މެޗުގައި 18 ލަނޑު ޖަހައިފައެވެ.

ޓީމުގެ ކުޅުންތެރީންނަށް ބަލާއިރު، ގޯލުގައި ހުންނާނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ލިވަޕޫލްގެ އެލިސަން ނުވަތަ މެންޗެސްޓަރ ސިޓީގެ އެޑާސަންއެވެ. ދިފާޢީ ރޮނގުގައި ފުރަތަމަ އެގާރައަށް ވާދަ ކުރާ ކުޅުންތެރީންގެ ތެރޭގައި އީޑަރ މިލީޓާއޯ، ތިއާގޯ ސިލްވާ، މާރކީނިއޯސް، އެލެކްސް ސާންޑްރޯ ހިމެނެއެވެ. ޓީމުގެ މެދުތެރޭގައި ކަސަމީރޯ އާއި، ފަބީނިއޯ އާއި ބްރޫނޯ ގިމަރާއިސް އާއި، ނޭމާރ އާއި، ރަފީނިއާ އާއި، ވިނީޝަސް ޖޫނިއަރ އާއި ރޮޑްރިގޯ ފަދަ ތަރީން ހިމެނެއެވެ. ކުރިޔަށް ކުޅޭނީ ރިޗާރލިސަން، ގެބްރިއެލް ހެސޫސް، އަދި ގެބްރިއެލް މާރޓިނެލީ ފަދަ ކުޅުންތެރީންނެވެ. މިއިން ކޮންމެ ކުޅުންތެރިއަކީ މެޗެއްގެ ނަތީޖާ ބަދަލު ކޮށްލެވޭ ފަދަ ކުޅުންތެރިއެކެވެ.

ސުވާލަކީ، މި ކުޅުންތެރީންނަށް ހުރިހައި ހުރަސްތަކެއް ގިރާކޮށް މުބާރާތުގެ ތަށްޓާ ހަމަޔަށް ދެވިދާނެހެއްޔޭ، މިއެވެ. ހަމަ ޔަގީނުންވެސް އެއީ ވުން ދުރުކަމެއް ނޫނެވެ.

އާޖެންޓީނާ

އާޖެންޓީނާގެ ތަރިއަކީ ލިއޮނެލް މެސީއެވެ. ވަރަށް ކުރީއްސުރެ، މެސީއަށް އާޖެންޓީނާ ޓީމުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކޭ ކަމަށާއި، އާޖެންޓީނާ ޓީމާ އެކު އެކަށޭނަ ކާމިޔާބީތަކެއް ނުހޯދޭ ކަމަށް އެތައް ބަޔަކު ވާހަކަ ދައްކައެވެ.

ނަމަވެސް ފަހަކަށްއައިސް މެސީ ވަނީ އެފަދަ ފަރާތްތަކަށް އެކަށޭނަ ޖަވާބުތަކެއް ދޭން ފަށައިފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލާ ހަމަޔަށް މެސީގެ މޮޅު ކުޅުމާއެކު އާޖެންޓީނާ ދިޔަ އިރު، އެންމެ ފަހުން އޮތް ކޮޕާ އެމެރިކާ ފައިނަލުގައި، 2021 ގައި، ބްރެޒިލް ބަލި ކޮށް އާޖެންޓީނާ ތަށި އުފުލައިލީވެސް މެސީގެ ފަހަތުގައި މުޅި ޓީމު އޮވެގެންނެވެ.

ފާހަގަކޮށްލާން ޖެހޭ ކަމަކީ، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަކީ މަޝްހޫރު ޑިއެގޯ މަރަޑޯނާއާ އެކު 1986 ގެ ވޯރލްޑް ކަޕާއި 1993 ގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރިފަހުން، އާޖެންޓީނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ބޮޑު މުބާރާތްކަމެވެ. އެ ކާމިޔާބީއާ އެކު އާޖެންޓީނާ އޮތީ އަމިއްލަ ނަފުސަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ޓީމެއްގެ ގޮތުގައެވެ.

ޓީމުގެ ކުޅުންތެރީންނަށް ބަލާއިރުވެސް، މެސީއާ އެކު ކުޅުމަށްޓަކައި އޭނާއާ އެކަށޭނަ ފަދަ ކުޅުންތެރީންތަކެއް ތިބި ޓީމަކަށް އާޖެންޓީނާ މިހާރު ވަނީ ވެފައެވެ. ފާއިތުވެދިޔަ ތަނުގައި، މިއީ ޓީމަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައެވެ. މެސީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާއާ އެކު ދަނޑަށް އަރާއިރު، ޓީމުގައި ދެން ތިބެނީ އެވްރެޖު ކުޅުންތެރީންތަކެއް ކަމުގައި ވުމުގެ މައްސަލައެވެ.

ނަމަވެސް މިފަހަރު ޓީމުގައި ނިކޮލަސް ޓެލިއެފީކޯ އާއި ކްރިސްޓިއަން ރޮމޭރޯ އާއި ލިސާންދްރޯ މާޓިނޭޒް ފަދަ، ޔޫރަޕުގެ އެންމެ މަތީ ފެންވަރުގައި ވިދަމުންދާ ޑިފެންޑަރުން އެބަތިއްބެވެ. ރޮޑްރިގޯ ޑި ޕޯލް އާއި، ޖިއޮވާންނި ލޮ ސެލްސޯ އާއި ލިއެންދްރޯ ޕަރެޑޭސް ފަދަ މިޑްފީލްޑަރުން އެބަތިއްބެވެ. ސްޓްރައިކަރުންގެ ގޮތުގައި މެސީއާ އެކު ލައުޓޭރޯ މާޓިނޭޒް، ޕައުލޯ ޑިބާލާ، އެންހެލް ކޯރެއާ، އަދި ޖޫލިއަން އަލްވަރޭޒް ތިބޭނެއެވެ.

މި ކުޅުންތެރީން ރަނގަޅަށް ޓީމެއްގެ ގޮތުގައި ކުޅެފިއްޔާ، އަދި ނަސީބު އަތުގައި ހިފައިފިއްޔާ، އާޖެންޓީނާއަށް ބަލި ކުރާން މާކަ އުނދަގޫވާނޭ ޓީމެއް މިފަހަރު މުބާރާތަކަށް ނުދާނެއެވެ.

ސުވާލަކީ، މި ފަހަރަކީ މެސީ އާޖެންޓީނާގެ ތިންވަނަ ވޯލްޑް ކަޕް އުފުލައިލައި، ޑިއެގޯ މަރަޑޯނާއާ ހުރިހައި ގޮތަކުން ވެސް އަރައި ހަމަ ކުރާ ފަހަރު ހެއްޔޭ، މިއެވެ.

comment ކޮމެންޓް