އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫއިން ބޭއްވި 2019 ވަނަ އަހަރުގެ ކަލާ ރަންގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އުރީދޫއިން ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްއިން ބުނީ، އެކުންފުނިން ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު ކުރިން އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫއިން ބުނީ މި ރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ގިނަ އަދަދެއްގެ މީހުން އެކަމަށް އެދި ހުށަހަޅަމުންދާތީކަމަށެވެ.

ފަން ރަންގައި ބައިވެރިވުމަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.

އުރީދޫން ބުނީ، ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ ވެސް ޖޮގްކޮށްފަ ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަންއަށް "ސްޓޭންޑަޑް ކިޓް" އަކާއި "ފަން ކިޓް"އެއް އެ ކުންފުނިން ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެވެ. މި ކިޓުގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެ ދުވުމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުންނާއި އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް