ދިވެހި ބަހާއި އަދަބިއްޔާތު ދިރުވުމަށް ބަހުގެ އެކަޑަމީން ކުރިއަށްގެންދާ ތިން އަދަބީ މުބާރާތުގެ މަތީ ގިންތީގެ ބައި ފަށައިފިއެވެ.
މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނި ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ ޤައުމީ މުބާރާތާއި، ހުތްއަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތެވެ.
މި މުބާރާތުގެ ސާނަވީ ގިންތިއާއި ދަށު ސާނަވީ ގިންތީގެ ބައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައި ބާއްވާފައެވެ.
ބަހުގެ އެކަޑަމީން ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން / ސަން ފޮޓޯ: ނާއިލް ހުސައިން
މަތީ ސާނަވީ ގިންތީގެ ބައިގައި ރާއްޖޭގެ އެކި ކޮންކޮޅުތަކުގެ ސްކޫލުތަކުން 123 ދަރިވަރުން ބައިވެރިވިކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. އެއީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވި 49 ދަރިވަރުންނާއި ވާހަކަލިޔުމުގެ މުބާރާތުގައި ބައިވެރިވި 59 ދަރިވަރުންގެ އިތުރުން ޅެންހެދުމުގެ މުބާރާތުގައި ބައިވެރިވި 15 ދަރިވަރުންނެވެ.
މި މުބާރާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމް "ސަން" އަށް ވިދާޅުވީ، ބަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި މިފަދަ މުބާރަތްތަކުގެ ސަބަބުން ކުދިންގެ މެދުގައި، ބަހަށް އޮންނަ ލޯބި އިތުރުވެ، ބަހަށް އަންނަ ހީނަރުކަން ފޫބައްދައިދިނުމުގެ ފުރުސަތު ބޮޑުވުގެންދާނެ ކަމަށެވެ.
"ކުރީގައި ހުރި ލޯތްބެއް އަދި ޝައުގުވެރިކަމެއް މިހާރު ނެތް ކުދިންގެ މެދުގައި. ނަމަވެސް ސްކޫލްތަކުގެ މުދައްރިސުންގެ ވަރަށް ބުރަ މަސައްކަތަކުން، ދަރިވަރުންގެވެސް ވަރަށް ބުރަ މަސައްކަތަކާއެކު މިކަހަލަ މުބާރަތްތައް އެބަ ކުރިއަށް ގެންދެވޭ. މީގެ މައިގަނޑު ބޭނުމަކީ ކުދިންގެ ހިތްތަކުގައި ލިޔުންތެރިކަމަށް ލޯބި ޖެއްސުން. ބަހަށް ލޯބި ޖެއްސުން. އަދަބިއްޔާތަށް ލޯބި ޖެއްސުން. އަދަބިއްޔާތުގެ މައި ދެ ތަނބު، ޅެމާ ވާހަކައަކީ،" ޑރ. އަޝްރަފް ޢަބްދުއްރަޙީމް
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް / ސަން ފޮޓޯ: ނާއިލް ހުސައިން
މި މުބާރާތްތަކުގައި ބައިވެރިވި ސްކޫލްތައް ނިސްބަތްވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.
މި މުބަރާތްތައް ކުރިއަށްދަނީ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވާ ވަގުތު "ޒޫމް" ވީޑިއޯ ކޯލް މެދުވެރިކޮށް ހުރިހާ ކުދިން އެއްވަގުތެއްގައެވެ.
މުބާރާތްތަކުގެ މަތީ ސާނަވީ ގިންތީގެ މަޒުމޫނު ލިޔުމުގެ ބައި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ކުރިއަށް ދަނީ ވާހަކަ ލިޔުމުގެ ބައެވެ. ޅެން ހެދުމުގެ ބައި ކުރިއަށްދާނީ މިރެއެވެ.
ޑރ. އަޝްރަފް ވިދާޅުވީ ހުރިހާ ގިންތިތަކެއްގެ ނަތީޖާ ފާޅުކުރުން، ޅެންވެރިންގެ ދުވަސްކަމުގައިވާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މުބާރާތްތަކަކީ ދިވެހި ބަހުގެ އެކަޑަމީ އުފެދުމުގެ މާކުރީއްސުރެ ކުރީގެ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައި ފެށި މުބާރާތްތަކެކެވެ. މިހާރު މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ.