ދިގު ލިޔުންތައް ބައިބަޔަށް ބަހާލާ ފީޗާއެއް ޓްވިޓާއިން ތައާރަފުކުރަނީ

ޓްވީޓް ކުރާ ދިގު ލިޔުންތައް އޮޓޮމެޓިކުން ބައިބަޔަށް ބަހައިލާނެ ފީޗާއެއް ޓްވިޓާއިން ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިހާރު ޓްވީޓެއްގައި ލިޔެވޭނީ އެންމެ 280 އަކުރު ކަމުން ދިގު ލިޔުމެއް އެކުލަވާލުމަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެގޮތުން އެ ލިޔުމެއްގެ އެއް ބައި ލިޔުމަށް ފަހު، ދެވަނަ ބައި ލިޔުމަށް "އެޑް އެނަދާ ޓްވީޓް" ޚިޔާރު ކުރަން ޖެހެއެވެ. ނަމަވެސް މިހާރު ޓްވިޓާއިން ވަނީ އެކަން އޮޓޮމެޓިކުން ކުރެވޭނެ ހަދަން ނިންމައިފިއެވެ.

ޓްވީޓް ކުރާއިރު ބޭނުންވަރަކަށް ދިގުކޮށް ޓްވީޓް ނުކުރެވޭތީ އެކަމުގެ ޝަކުވާ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެ ޝަކުވާތަކާ ގުޅިގެން، ޓްވިޓާގެ ސީއީއޯ އީލޯން މަސްކް ވަނީ އެކަމަށް ހައްލެއް ހޯދައި ދޭން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

"ދިގު ޓްވީޓްތައް ކުރެވޭނެ ގޮތެއް ވަރަށް އަވަހަށް ވާނެ،" މަސްކްގެ ޓްވީޓެއްގައިވެއެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ ދިގު ޓްވީޓުތައް ކުރަން ފުރުސަތު ދިނުމާ ބެހޭ ގޮތުން ވާހަކަދައްކައިފައެވެ. ނަމަވެސް އެއީ ކޮން ގޮތަކަށް ފަރުމާކޮށްގެން ގެންނާނެ ބަދަލެއް ކަމެއް އޭނާ ސާފުކޮށްދީފައި ނުވެއެވެ.

ޓްވިޓާގައި ބޭނުން ކުރެވޭ ހުރިހާ ބަހަކުން ވެސް އެއް ޓްވީޓުގައި ހިމެނޭނީ 280 އަކުރު ކަމަށް ކަނޑައަޅާ ފީޗާއެއް އެ ކުންފުނިން ތައާރަފު ކުރީ 2017ގައެވެ.

ޓްވީޓްތައް ދިގު ކުރެވޭނެ ފީޗާއެއް ތައާރަފު ކުރަން ޓްވިޓާގެ އިންޖިނިއަރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ފީޗާ ލިބޭނީ ކޮން އިރަކު ކަމެއް އަދި ސާފުނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރަސްމީ އަދި ވެރިފައިޑް އެކައުންޓްތައް ފާހަގަކުރަން މީގެ ކުރިން ޓްވިޓާއިން ހިލޭ ޖަހައިދިން ބްލޫ ޗެކްމާކް، ސަބްސްކްރިޕްޝަން ޚިދުމަތެއްގެ ގޮތުގައި ގަންނަން އެ ކުންފުނިން ހުޅުވާލީ މިދިޔަ ހަފުތާގެ ކުރީކޮޅުގައެވެ. ނަމަވެސް މަޝްހޫރު ބްރޭންޑްތަކާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ޓްވިޓާގެ ބްލޫ ޗެކް މާކް ސަބްސްކްރިޕްޝަން ޚިދުމަތް ނަހަމަ ގޮތުގައި ބޭނުން ކުރާތީ އެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ.

މަސްކް ބުނި ގޮތުގައި އެ ޚިދުމަތް އަލުން ފަށާނީ މިމަހުގެ 29ގައެވެ. އަދި އެ ޚިދުމަތަށް މަހަކު 7.99 ޑޮލަރު ދެއްކުމުން އިތުރު ފީޗާތަކާއެކު ބްލޫ ޗެކްމާކް ވެސް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު