ވޯލްޑްކަޕް ސްޓޭޑިއަމްތަކުގައި ރާ ވިއްކުން މަނާކޮށްފި

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް -- ފޮޓޯ: ޕްރެސް އެސޯސިއޭޝަން

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕްގެ މެޗުތައް ކުޅޭ އަށް ސްޓޭޑިއަމްގައި ބަނގުރާ ވިއްކުން ފީފާއިން މަނާކޮށްފިއެވެ.

މިއަދު ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުބާރާތް ބާއްވާ ގަތަރާއެކު މަޝްވަރާ ކުރުމަށް ފަހު ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތަކުގައި ރާ ވިއްކުމަކީ މަނާކަމެއް ކަމަށް ނިންމާފައިވާކަަމަށެވެ.

ގަތަރަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން މަނާ ގައުމެއްކަމަށް ވީނަމަވެސް ލައިސެންސު ދޫކޮށްގެން އެކަމަށް ހާއްސަ ބައެއް ސަރަހައްދުތަކުގައި އެފަދަ ތަކެތި ބޭނުން ކުރެވޭނެކަމަށް ފީފާއިން ބުންޏެވެ.

މީގެ އިތުރުން ފީފާއިން ބުނެފައި ވަނީ އެ އިދާރާއާއި ގަތަރު ގުޅިގެން ސްޓޭޑިއަމްތަކާއި، މަގުތަކަކީ ވޯލްޑްކަޕް ބަލަންދާ އެންމެން ވެސް ހިތްހަމަޖެހޭ މަޖާ ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ.

މި އަހަރު ވޯލްޑްކަޕް މުޅިން އަލަށް މުސްލިމް ގައުމެއްގައި ބާއްވާއިރު އެ ގައުމުން ވަނީ އިސްލާމް ދީނާ ޚިލާފު ކަންކަން އެ ގައުމުގައި ނުކުރެވޭނެކަން އަންގާފައެވެ.

އެގޮތުން ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެކަމަށް ވޯލްޑްކަޕްގެ ސެކިއުރިޓީ ޗީފް އަބްދުﷲ އަލް ނަސޭރީ ވަނީ ބުނެފައެވެ. އޭގެ ސަބަބުން، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގައި ހިމެނޭ ފިލިޕް ލަމް ހިމެނޭ ގޮތަށް ބައެއް މަޝްހޫރު މީހުން ވަނީ ވޯލްޑްކަޕަށް ނުދާނެކަމަށް ބުނެފައެވެ.

އޭނާ ބުނީ އިންސާނީ ހައްގުތަކަށް ހުރަސް އަޅާ ވޯލްޑްކަޕެއް ބަލަން ދާން ބޭނުން ނުވާކަމަށެވެ.

މީގެ އިތުރުން ޖަރުމަނު ބުންޑަސްލީގާ އިން ވެސް ވަނީ ވޯލްޑްކަޕް ބޮއިކޮޓުކުރުމަށް ގޮވާލައިފައެވެ.

ނަމަވެެސް ގަތަރު ވޯލްޑްކަޕްގެ ޗީފް ނެސޭރީ ބުނީ އެ ގައުމުގެ ދީން 28 ދުވަހަށް ބަދަލު ކުރެވެން ނެތްކަމަށެވެ.

ގަތަރުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޕާޓީ ކުރުމުގެ އިތުރުން ހަލާލު ނޫން ކާއެއްޗެހި ބޭނުން ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ވޯލްޑްކަަޕަށް އެ ގައުމަށް ދާ މީހުން އެ އުސޫލަށް ތަބާވާން ޖެހެއެވެ.

މީގެ އިތުރުން ވޯލްޑްކަޕް ބަލަން މަގު މަތީގައި ވެސް އައުރަ ނިވާ ނުވާވަރުގެ ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. އަދި ކައިވެނިނުކޮށް ތިބޭ މީހުންނަށް ހޮޓާތަކާއި ޔޮޓުތަކުގައި އެއްކޮށް ނުތިބެވޭނެކަން ޔަގީން ކުރާނެ ކަމަށް ވެސް ގަތަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް