13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފި

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި -- ފޮޓޯ/ ސީޕީ

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިތަކެތި ހޯދާފައި ވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުން ކަމަށެވެ. ޑްރަގާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެކަމަށް އެ ޓުވީޓުގައި ސީޕީ ލިޔުއްވާފައިވެއެވެ.

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި -- ފޮޓޯ/ ސީޕީ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެ އާއި މާލޭގައި އޮޕަރޭޝަނެއް ހިންގާ މިދިޔަ ހުކުރުދުވަހު ވެސް ވަނީ ފުލުހުންގެ ޑީއީޑީ ފުލުހެއް ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފައެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައި, ކުރިން އަތުލައިފައިވާ މަސްތުވާތަކެއްޗާއެކު ޖުމްލަ 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުالله ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ.

ފުލުހުން އަތުލައިގެންފައިވާ ފައިސާ -- ފޮޓޯ/ ސީޕީ

ފާއިތުވި ހަތަރު އަހަރު ހޯމް ސެކްޓަރ އިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރުމަށް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޕީ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު މަސްތުވާތަކެތީގެ 562 އޮޕަރޭޝަން ހިންގާފައިވާކަމަށެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޖުމްލަ 11,955 މީހުން ހައްޔަރު ކޮށްފައިވާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ މީހުންނާ ގުޅުންހުރި 6165 މައްސަލައެއް ތަހުގީގުކޮށް 2681 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކެފޭ އުސޫލުން ހިންގާ 35 ތަނެއް ހުރިއިރު އެތަންތަން ބަންދު ކުރުމަށް ހުރަސްތަކެއް ހުރިކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކޮންމެ ދުވަހަކު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް