ފީފާގެ ރައީސް ކަމަށް އަނެއްކާވެސް އިންފަންޓީނޯ އިންތިޚާބުކުރަނީ

ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ- ފޮޓޯ:- ޔޫއެފާ

ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ކަމުގެ މަގާމަށް އަނެއްކާވެސް ޖިއާނީ އިންފެންޓީނޯ އިންތިޚާބު ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ފީފާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުވާލުމުން، އެ ޖަމިއްޔާގެ މެމްބަރު އެސޯސިއޭޝަންތަކުން ހުށަހެޅީ އިންފަންޓީނޯގެ ނަން އެކަނި ކަމަށެވެ.

އެހެންކަމުން އެ މަގާމަށް އިންތިޚާބު ކުރާނީ އިންފެންޓީނޯ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މިއާއެކު މިއީ ފީފާގެ ރައީސް ކަމުގެ މަގާމަށް އިންފެންޓީނޯ އިންތިޚާބުކުރާ، ޖެހިޖެހިގެން ތިންވަނަ ދައުރެވެ.

ސްވިސް-އިޓާލިއަން ދަރިކޮޅަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އިންފެންޓީނޯ އެ މަގާމާއި އެންމެ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އޭނާ އެ މަގާމާއި ހަވާލުވީ، ފީފާގެ ރައީސް ކަމުގެ މަގާމު 17 އަހަރު ވަންދެން އަދާކުރި ސެޕް ބްލެޓަރ، 2015 ވަނަ އަހަރުގެ ތެރޭގައި ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

ބްލެޓަރ ސަސްޕެންޑު ކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވި ހިސާބުންނެވެ. އެ ސަސްޕެންޝަން 2026 ވަނަ އަހަރުގެ ނިޔަލަށް ދެމި އޮންނާނެއެވެ.

ތިންވަނަ ދައުރަކަށް އިންފެންޓީނޯ އިންތިޚާބުކޮށް އައްޔަނުކުރުން އޮންނާނީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ރުވާންޑާގައި ބާއްވާ ފީފާގެ 73 ވަނަ ކޮންގްރެސްގައެވެ.

އިންފަންޓީނޯ އަކީ ފީފާގެ 9 ވަނަ ރައީސް އެވެ. ފީފާގެ ރައީސް ކަމުގެ މަގާމު އަދާކުރުމުގެ ކުރިން އޭނާ ވަނީ، ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ޔޫއެފާގެ ޑިރެކްޓަރ އޮފް ލީގަން އެފެއާޒް އެންޑް ކްލަބް ލައިސެންސިންގެ މަގާމާއި، ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކޮށްފައެވެ.

comment ކޮމެންޓް