އުޅަނދުތަކެއް ވަގަށް ރަޖިސްޓްރީކޮށްދިނުމުގެ ތުހުމަތުގައި ޓްރާންސްޕޯޓްގެ ޑިރެކްޓަރަކު ސަސްޕެންޑުކޮށްފި

މާލޭ މަގުމަތީގެ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި މައްސަލައަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މަގާމުގެ މައްސޫލިއްޔަތްތަކުން އެކަހެރިކޮށް ސަސްޕެންޑުކޮށްފިއެވެ.

މިކަން "ސަން"އަށް ކަށަވަރުކޮށްދެމުން އެތަނުގެ އިސް މުވައްޒަފަކު ބުނީ ރުޝޫނާ އުޅަނދުތަކެއް ވަގަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ތުހުމަތުގައި އިއްޔެ މަގާމުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ރުޝޫނާ ސަސްޕެންޑްކޮށްފައިވަނީ ސިވިލް ސާވީސް ކޮމިޝަނުންނެވެ. މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފަކު "ސަން"އަށް ބުނީ، ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން އިރު އުޅަނދުތަކުގެ ވެރިންގެ އަތުން ފައިސާ ނަގާފައިވާކަމުގެ ތުހުމަތު ވެސް ރުޝޫނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

ދާދި ފަހަކުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެ، 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.

މިކަމާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ނުވަ މީހަކު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން އުޅަނދުތަކުގެ ރަޖިސްޓްރީ ބާލިތްކޮށްފައި ވަނީ ގަވާއިދާ ޚިލާފުވި ސަބަބެއް ބަޔާން ނުކޮށް، އުޅަނދުގެ ވެރިފަރާތުގެ ބަހެއް ހޯދުމަކާ ނުލައިކަމަށްވުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުން ބާތިލުކޮށްދިނުމަށް އެ މީހުން ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި އޭރު ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ބާތިލްކުރީ ކޮން ސަބަބަކާ ގުޅިގެންކަން އެ މީހުންނަށް އެނގޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް