ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ސްވިޒަލޭންޑާއި ގާނާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު ގާނާ ކާމިޔާބުކޮށްފިއެވެ.
ދުބާއީގެ ޝައިޚް ޒައިދު ސްޕޯޓްސް ސިޓީގައި ކުޅުނު މިމެޗުގައި ސްވިޒަލޭންޑުގެ މައްޗަށް ގާނާ ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ގާނާއިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފުގައެވެ.
މެޗުގައި ގާނާގެ ފުރަތަމަ ލަނޑު 69 ވަނަ މިނެޓް ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ސަދަމްޓަންއަށް ކުޅެމުން އަންނަ މުހައްމަދު ސަލިސޫ އަބްދުލް ކަރީމެވެ. ގާނާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 74 ވަނަ މިނެޓް ތެރޭގައި ބްރިސްޓޯލް ސިޓީގެ ފޯވަޑް އެންޓޮއިން ސެމެންޔޯ އެވެ. ސްވިޒަލޭންޑާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އިނީ ބެންޗުގައެވެ.

ސްވިޒަލޭންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ގާނާގެ މުހައްމަދު ސަލިސޫ ތީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ-- ފޮޓޯ/ގާނާ ފުޓްބޯޅަ އެސޯސިއޭޝަން
މި މެޗުގައި ސްވިޒަލޭންޑަށް ލަނޑެއް ނުޖެހުނު ނަމަވެސް އެޓީމަށް ވެސް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗުގައި ސްވިޒަލޭންޑުގެ މުހިންމު ގިނަ ކުޅުންތެރިން ވަނީ ކުޅެފައެވެ. މީގެ ތެރޭގައި އާސެނަލަށް ކުޅޭ ގްރަނިޓް ޝަކާ އާއި ޝިކާގޯ ފަޔާގެ މިޑްފީލްޑަރު ޒެންޑެން ޝަކީރީ ހިމެނެއެވެ.
މި ފަހަރުގެ ވޯލްޑްކަޕުގައި ސްވިޒަލޭންޑު ހިމެނެނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކެމެރޫން، ސާބިއާ އަދި ބްރެޒިލް އެވެ.
މިއަދުގެ މެޗުން މޮޅުވި ގާނާ ހިމެނެނީ ގްރޫޕް އެޗުގައެވެ. ގާނާގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ ޕޯޗުގަލް، ދެކުނު ކޮރެއާ އަދި އުރުގުއޭ އެވެ.