ފިލްމު "މައިނޭ ޕިޔާރް ކިޔާ" އަދި "ތޭރޭ ނާމް"ގެ ބަތަލާއިން ސަލްމާން ޚާންއާއެކު

އެކްޓަރު ސަލްމާން ޚާންގެ ކުރިއަށްއޮތް ފިލްމު "ކިސީކާ ބާއި، ކިސީކީ ޖާން"އިން އިތުރު ދެ ބަތަލާއިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

މިހާރުވެސް ބޮޑު ކާސްޓެއް ހިމެނޭ މިފިލްމުގައި ޚާއްސަ ފެނިލުމަކުން ފެންނާނެ ދެ ބަތަލާއިންނަކީ ބަތަލާ ބަގިޔާޝްރީއާއި ބުމީކާ ޗަވްލާކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ. މި ދެ ބަތަލާއިންނަކީ ހިންދީ ސިނާމާގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމު "މައިނޭ ޕިޔާރް ކިޔާ" އަދި ފިލްމު "ތޭރޭ ނާމް"ގައި ސަލްމާން ޚާންއާއެކު ފެނިގެންދިޔަ ދެ ބަތަލާއިންނެވެ. އެހެންކަމުން ސަލްމާން ޚާންއާއެކު ބަގިޔާޝްރީ އަދި ބުމީކާ ސްކްރީނުން ފެނުމަކީ ވަރަށް ގިނަ ބައެއްގެ ލޯބި ހަނދާންތަކެއް އާވާ ކަމަކެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ނިންމާފައިވާ މިފިލްމު ރިލީޒްކުރުން މިހާރުވަނީ އަންނަ އަހަރުގެ ފިޠުރު ޢީދަށް ފަސްކޮށްފައެވެ. ފިލްމު "ކިސީކާ ބާއި، ކިސީކީ ޖާން"އަކީ އެކްޓަރު ސަލްމާން ޚާންގެ އަމިއްލަ އުފެއްދުމެކެވެ. އެކްޝަން ކޮމެޑީ މިފިލްމުގައި ބަތަލާގެ ރޯލްއިން ޕޫޖާ ހެޖް ފެންނައިރު ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ޕަންޖާބު ބަތަލާ/ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލްވެސް ފެންނާނެއެވެ. މީގެއިތުރުން ފިލްމުގެ ޚާއްސަ ފެނިލުމަކުން ތެލުގޫ އެކްޓަރު ރާމް ޗަރަންވެސް ފެންނާނެއެވެ.

މިފިލްމަކީ 2014ވަނަ އަހަރު ސަލްމާން ގެނެސްދިން ފިލްމު "ޖެއި ހޯ"އަށްފަހު ބޮޑު ކާސްޓެއް ހިމަނައިގެން އެކްޓަރު އުފައްދާ ދެވަނަ ފިލްމެވެ. ސަލްމާން ޚާން އެންމެފަހުން ފެނިފައިވަނީ އެކްޓަރު އަދި ޅިޔަނު އާޔުޝް ޝަރްމާއާއެކު ކުޅުނު ފިލްމު "އަންތިމް: ދަ ފައިނަލް ޓްރުތް"އިންނެވެ.

ސަލްމާން ޚާން މިވަގުތު މަސައްކަތްކުރަމުންދާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ބަތަލާ ކެޓްރިނާ ކައިފްއާއެކު ކުޅޭ ފިލްމު "ޓައިގާ 3"އެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގައި ފާހަގަކުރާ ދިވާލީ ދުވަސްވަރާ ދިމާކޮށެވެ.

comment ކޮމެންޓް