މިފަހަރު ވޯލްޑްކަޕްގައި ޓީމަށް ސަޕޯޓު ކުރާނީ މުންޑު އަނދެގެން!

ބަންގްލަދޭޝް ބްރޭންޑަކުން ވޯލްޑްކަޕާ ދިމާކޮށް ނެރުނު މުންޑުތައް : (ކ) ފްރާންސް އެޑިޝަން، (ވ) އާޖެންޓީނާ އެޑިޝަން —-

ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެންމެ ފޯރީގައި ބަލައި ބޮޑު އިވެންޓު ފީފާ ވޯލްޑް ކަޕް ފެށެން މިހާރު ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވަނީ ވެފައެވެ. އެއާއެކު އާންމުންގެ ތެރޭގައި އޮތް ފޯރި އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެންމެ ކަމުދާ ޓީމަށް ސަޕޯޓު ކުރުމަށް އެކި ކަހަލަ ކަންތައް އަންނަނީ ކުރަމުންނެވެ. ބަންގްލަދޭޝްގެ ބްރޭންޑަކުން މިފަހަރު މިއޮތީ ތަފާތު ކަމެކެވެ. ވޯލްޑްކަޕް މުންޑުތަކެވެ.

ގަތަރުގައި މިފަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް މި މަހުގެ 20 ވާ އާދިއްތަ ދުވަހު ފަށާއިރު ގިނަ ބަޔަކު އަންނަނީ އެންމެ ކަމުދާ ޓީމުތަކަށް ސަޕޯޓު ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެއްބަޔަކު އެންމެ ކަމުދާ ޓީމުގެ ދިދައިގެ ކުލައިން ބޮލުގައި ކުލަޖައްސާއިރު އަނެއްބަޔަކު އެންމެ ކަމުދާ ޓީމުގެ ޖާޒީ ގަންނަނީއެވެ.

ބަންގްލަދޭޝްގެ ޓެކްސްޓައިލް ބްރޭންޑެއް ކަމަށްވާ "މިއާ" އިން ފަށާފައިވަނީ ތަފާތު ކަމެކެވެ. މިފަހަރު އެ ބްރޭންޑުން ބޭނުންވަނީ ސަޕޯޓަރުން މުންޑު އަންނާށެވެ.

މިއާ އިން ވަނީ ވޯލްޑްކަޕާ ދިމާކޮށް މަގުބޫލު ޓީމްތަކުގެ ދިދަތައް އަސްލަކަށް ބަލައިގެން މުންޑު ނުވަތަ އެމީހުންގެ ބަހުންނަމަ "ލުންގީ" ތަކެއް ތައާރަފުކޮށްފައެވެ.

"އަމާނަތު ޝާހް ލުންގީ"ގެ ޓެގުގެ ދަށުން ވިއްކާ މުންޑުތަކުގެ ތެރޭގައި އެންމެ ބޮޑަށް ޕްރޮމޯޓުކުރަނީ ގިނަ ބައެއްގެ މެދުގައި އެންމެ ސަޕޯޓަރުން ގިނަ ޓީމުތަކެވެ. އޭގެތެރޭގައި ސްޕެއިން އާއި ފްރާންސް އަދި ބްރެޒިލްގެ އިތުރުން ޖަރުމަނު ވެސް ހިމެނެއެވެ.

މި މުންޑުތައް ވިއްކަނީ ބަންގްލަދޭޝްގެ 370 ޓާކާ އަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ޑޮލަރެވެ. އެހެންވީމާ މިފަހަރު ވޯލްޑްކަޕުގެ ޓީމުތަކަށް ސަޕޯޓުކުރަން މުންޑެއް އަނދެލުން ކިހިނެއް ވާނެ ހެއްޔެވެ؟

comment ކޮމެންޓް