މަސްދޯނީގައި ފެން ފިނިކުރާނެ ގޮތް ގާއިމްކޮށް، ސޯލާ ހަރުކުރަން އެހީވަނީ

މަސް ދޯންޏެއްގައި މަސްވެރިޔަކު ހުއްޓިލައިގެން --- ސަން ފައިލް ފޮޓޯ

މަސް ދޯނިފަހަރުގައި ފެން ފިނިކުރާނެ ނިޒާމު ގާއިމުކޮށް، އިރުގެ އަލިން ހަކަތަ ލިބޭނެ ގޮތް ހެދުމަށް ބޭނުންވާ މީހުންނަށް މާލީ އެހީއަށް އެދުމަށް ފިޝަރީސް މިނިސްޓްރީން މިއަދު ހުލުވާލައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމަށާއި، މަސްވެރިކަން ފަހި ދުވަސްވަރު އައިސް ނުލިބިގެން ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ފައިނޭންސިން ހިންގަން ހަމަޖެހިފައި ވަނީ، އެސްއެމްޑީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ސްކީމެއް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން، މަސްދޯނި ފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރުމަށާއި އިޔާދަކުރުވަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުން ކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެނެވެ. އަދި ޕްރޮގްރާމްގެ ދަށުން ޖުމުލަ 200 މަސްވެރި އުޅަނދުގައި ސިސްޓަމްތައް ހަރުކުރަން މިނިސްޓްރީން ވަނީ ރާވާފައެވެ.

ޕްރޮގްރާމްގައި ބައިވެރިކުރާ އުޅަނދުތަކުގެ ފުރިހަމާވާން ޖެހޭ ޝަރުތުތައް:

  • ރަޖިސްޓާ ކޮށްފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް ފިޝަރީސް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައއިސަންސެއް އޮތުން.
  • އުޅަނދު މިހާރުވެސް ބޭނުންކުރަނީ މަސްވެރިކަން ކުރުމަށް ކަމުގައިވުން.
  • ފަންސާސް ފޫޓަށްވުރެ ދިގު އުޅަނދަކަށްވުން އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުރުން.
  • އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން

މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާ މީހުން އެއްވެސް ލޯނެއް ނަގާފައިވާނަމަ، އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިއަޔަތްކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ދެ މަރުހަލާއެއްގެ މައްޗަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި، އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑުކޮށްފައިވާ މައުލޫމާތު ބަލާ، އެއުޅަނދަށް ބޭނުންވާ އާރްއެސްޑަބްލިއު އަދި ސޯލާ ޕަވާގެ ކެޕޭސިޓީ ދެނެގަންނާނެއެވެ.

މި މަރުހަލާގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށްފަހު، ފައިނޭންސިން ސްކީމްގެ ދެވަނަ މަރުހަލާގައި ބައިވެރިވުމަށް ހުޅުވާލާނެއެވެ.

ދެވަނަ މަރުހަލާފައި، އެސްޑީއެފްސީގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓު ޚިޔާރު ކުރުމުގެ ފުރުސަތު ފޯމް ހުށަހަޅާ މީހާއަށް ލިބޭނެއެވެ. މި މަރުހަލާގައި ޚިޔާރުކުރާ ސިސްޓަމް ބިނާކޮށް ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނެއެވެ.

މި މަރުހަލާ ނިމުމުން ސިސްޓަމް ހަރުކޮށްދޭނެއެވެ. އަދި ސިސްޓަމް ހިންގުމާ ގުޅޭގޮތުން ތަމްރީނު ފޯރުކޮށްދޭނެއެވެ. މި ޕްރޮގްރާމްގައި އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 31ވަނަ ދުވަހެވެ.

comment ކޮމެންޓް