''ސްޓްރޭންޖާ ތިންގްސް''ގެ ފަހު ސީޒަނުން އެންމެން ރޮއްވާލާނެ

ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަނުން ހުރިހާ ފޭނުން ވެސް ރޮއްވާލާނެ ކަމުގެ ޔަގީންކަން ޕްރޮޑިއުސަރުން ދީފިއެވެ.

އަށްޑިހައިގެ އަހަރުތައް މަތީން ހަނދާން ކޮށްދޭ ފެންޓަސީ ޑްރާމާ ސްޓްރޭންޖާ ތިންގްސްގެ ހަތަރު ވަނަ ސީޒަން ދައްކާފައިވަނީ މިއަހަރެވެ. އެއަށްފަހު ދެން އޮތީ ޝޯގެ ފަހު ސީޒަން، ފަސްވަނަ ސީޒަނެވެ.

ސްޓްރޭންޖާ ތިންގްސްގެ ކްރިއޭޓަރުން އަދި ޕްރޮޑިއުސަރުން ކަމަށްވާ ޑަފާ ދެބެއިން ބުނާގޮތުގައި ޝޯގެ ފަހު ސީޒަން ވަރަށް ބޮޑަށް "އިމޯޝަނަލް" ވާނެއެވެ. އެގޮތުން ނެޓްފްލިކްސްގެ އެގްޒެކިއުޓިވްސްއަށް ވާނީ ޝޯގެ ފަހު ސީޒަންގެ ޕިޗް މީޓިންގައި ޝޯ ނިމޭނެ ގޮތް ކިޔައިދީފައި ކަމަށް ދެބެއިން ބުންޏެވެ.

އަދި ޝޯގެ ފަހު ސީޒަންގެ ވާހަކަ އަޑުއެހުމަށްފަހު މުޅި އެގްޒެކިއުޓިވުންގެ ޓީމަށް ވެސް ރޮވުނު ކަމަށް ދެބެން ބުންޏެވެ.

"ޕިޗް މީޓިންގެ ތެރެއިން ވަނީ އެގްޒެކިއުޓިވުންގެ ޓީމު ރޮއްވާލެވިފައި. އަޅުގަނޑު ދެކެނީ އެއީ ރަނގަޅު ސިގުނަލެއްގެ ގޮތުގައި،" ދެބެންގެ ތެރެއިން މެކްސް ޑަފާ ބުންޏެވެ.

ފަހު ސީޒަނާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން މެކްސް ބުނެފައިވަނީ އާ ސީޒަން ވެގެން ދާނީ ޝޯގެ ފާއިތުވި ހުރިހާ ސީޒަންތަކުގެ ތީމުތަކުގެ މައްޗަށް ބިނާވާ ސީޒަނަކަށް ކަމަށެވެ. އެގޮތުން ފާއިތުވި ހުރިހާ ސީޒަންތަކުގައި ހިމެނޭ ރަހަތައް ފަހު ސީޒަނުން ފުރިހަމައަށް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ވެގެން ދަނީ ގިނަ ބަޔަކު އިންތިޒާރު ކުރާ ބޮޑު ނިމުމަކަށެވެ. ފަހު ސީޒަންގެ ޝޫޓިންތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވާއިރު މައުލޫމާތު ލިބޭގޮތުގައި އާ ސީޒަން ނެރޭނީ 2024 ގައެވެ.

comment ކޮމެންޓް