އެމްއެމްޕީއާރްސީގެ މަސައްކަތްތަކަށް ރައީސް ތައުރީފް ކުރައްވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެއަށް ރީތި ނަން ހޯދައިދީ ދުނިޔޭގައި ރާއްޖެ އިޝްތިހާރުކޮށްދިނުމުގައި ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު އެމްއެމްޕީއާރްސީ އަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައިވެސް އެމްއެމްޕީއާރްސީއިން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ފަތުރުވެރިކަން ރާއްޖޭގެ މައި ނާރަށް ވީހިނދު އެމްއެމްޕީއާރްސީއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

ރައީސް، އެމްއެމްޕީއާރުސީ އޮފީހުގައި-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވޯލްޑް ޓްރެވަލް އެވޯޑްގައި އެމްއެމްޕީއާރްސީ އާއި ރާއްޖެއިން ހޯދި ކާމިޔާބީތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެއަށް ވިދިވިދިގެން ތިން ވަނަ ފަހަރު ލިބުމާއި އަދި ދުނިޔޭގެ އެންމެ މަގުބޫލު ޓުރަސްޓު ބޯޑަކަށް އެމްއެމްޕީއާރސީ އަށް ލިބުން ފާހަގަ ކުރައްވައި އެކަމަށްޓަކައި އެމްއެމްޕީއާރުސީގެ ބޭފުޅުންނަށް މަރްޙަބާ ދެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް، އެމްއެމްޕީއާރްސީގެ މުވައްޒަފުންނާ އެކު ފޮޓޯ އަކަށް ހުއްޓިވަޑައިގެން ---- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ފަރާތުން ހަނދާނީ ފިލާއަކާއި އިތުރު ފޮތްތަކެއް ރައީސަށް މި ޒިޔާރަތުގައި އަރުވާފައިވެއެވެ. މިއަދުގެ ޒިޔާރަތުގައި ރާއްޖެއަށާއި އެމްއެމްޕީއާރްސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކޭކެއްވެސް ވަނީ ފަޅާފައެވެ.

https://sun.mv/170285

ދުނިޔޭގެ އެންމެ މަގުބޫލު ބޯޑުގެ މަގާމް އެމްއެމްޕީއާރްސީއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް އެމްއެމްޕީއާރްސީން ފާހަގަކުރަމުން ދާއިރު ލިބުނު އިތުރު ކުރިއެރުމެކެވެ.

comment ކޮމެންޓް