އެފްއެސްއެމްގެ ޝެޑުތަކުން އުރީދޫގެ އެމްފައިސާ ބަލައިގަންނަން ފަށައިފި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް, ފިޔުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް)ގެ ޝެޑުތަކުން ފައިސާ ބަަލައިގަންނަން ފަށައިފިއެވެ.

މިއަދު ބޭއްވި ހަފްލާއެއްގައި މިކަން އިފްތިތާހް ކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީއެވެ.

މިކަން ފެށުމުގެ ގޮތުން 14 މެއި 2023 އާ ހަމައަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އޭގެ ދަށުން، އެމް ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑުތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ސްކޫޕީ ސައިކަލެއް ލިބޭނެއެވެ.

އެމްފައިސާ މެދުވެރިކޮށް ޝެޑުތަކަށް ފައިސާ ދައްކައިގެން ސައިކަލެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ އެފްއެސްއެމްއިން ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން އެފްއެސްއެމްއިން އެމްފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފެށުމަކީ އެ ކުންފުނި އިތުރު ހަރުފަތަކަށް ދިޔުން ކަމަށް ގަސަމް ވިދާޅުވިއެވެ.

އެފްއެސްއެމްގެ ޝެޑުތަކުން ހިދުމަތް ހޯދަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރު ވެފައިވާކަމަށް ވެސް ގަސަމް ވިދާޅުވިއެވެ. އެގޮތުން ގަސަމް ވިދާޅުވި ގޮތުގައި، ޑީސަލްގެ ހިދުމަތް އެކަނި ހޯދާ ކަސްޓަމަރުންގެ އަދަދު 2018 ވަނަ އަހަރާ އަޅާ ބަލާއިރު ވަނީ ސަތޭކަ ނުވަ އިންސައްތަ އިތުރުވެރިފައިވާ ކަމަށެވެ. އަދި ޕެޓްރޯލްގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 86 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އުރީިދޫގެ އެމް ފައިސާއަށް އިޝާރަތް ކުރައްވައި ގަސަމް ވިދާޅުވީ އެމްފައިސާގެ ހިދުމަތް ހޯދުމަށް އެފްއެސްއެމް އިން އުރީދޫއާ އެކު މަޝްވަރާ ކުރާތާ އަށް ވަރަކަށް މަސް ވެއްޖެ ކަމަށާއި، އުންމީދަކީ މި ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް އަބަދުވެސް ލިބުން ކަމަށެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި ޒަމާނަކީ ޑިޖިޓަލް ލައިފް ސްޓައިލްގެ ޒަމާން ކަމަށާއި، ރާއްޖޭގައި ޑިޖިޓަލް ލައިފް ސްޓައިލަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަކީ އުރީދޫގެ އަމާޒެއް ކަމަށެވެ.

އޫރީދޫ މޯލްޑިވްސް އަދި އެފްއެސްއެމްގެ ބައެއް ބޭފުޅުން ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ހާލިދް ވިދާޅުވީ އެފްއެސްއެމް އާ އެކު ޕާޓްނާޝިޕް ހެދުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ތެޔޮ އެޅުމުގައި ކަސްޓަމަރުން މި ހިދުމަތް ބޭނުންކުރާ ތަން ފެނުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ހާލިދް ވިދާޅުވިއެވެ.

އެމް ފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފެށީ މާލެގައި އެފްއެސްއެމް އިން ގާއިމް ކޮށްފައިވާ ހަތަރު ޝެޑާއި ހުޅުމާލޭގައި ގާއިމް ކޮށްފައިވާ އީޒީ ފިއުލް ތްރީ އިންނެވެ.

comment ކޮމެންޓް