އެއް ޖިންސުން ގުޅުން ހިންގުން ހުއްޓުވާނަން، ދީނީ އުސޫލެއް ބަދަލެއް ނުކުރެވޭނެ: ގަތަރު

ގަތަރުގެ މަގުތަމަތީގައި ބަޔަކު ފޮޓޯ ނަގަނީ --- ފޮޓޯ / ގެޓީ އިމޭޖްސް

ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެކަމަށް ވޯލްޑްކަޕްގެ ސެކިއުރިޓީ ޗީފް އަބްދުﷲ އަލް ނަސޭރީ ބުނެފިއެވެ.

އޭނާ އެހެން ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކްޕްގައި އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެކަމަށް އަންގާފައިވާތީ ދުނިޔޭގެ މަޝްހޫރު ގައުމުތަކުންނާއި ކުޅުންތެރިން އެކަމާ ނުރުހުން ފާޅުކުރާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގައި ހިމެނޭ ފިލިޕް ލަމް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެތީވެ ވޯލްޑްކަޕަށް ނުދާނެކަމަށް ބުނެފައެވެ.

އޭނާ ބުނީ އިންސާނީ ހައްގުތަކަށް ހުރަސް އަޅާ ވޯލްޑްކަޕެއް ބަލަން ވެސް ދާކަށް ބޭނުން ނުވާކަމަށެވެ.

މީގެއިތުރުން ޖަރުމަނު ބުންޑަސްލީގާ އިން ވެސް ވަނީ ވޯލްޑްކަޕް ބޮއިކޮޓުކުރުމަށް ގޮވާލައިފައެވެ.

ނަމަވެެސް ގަތަރު ވޯލްޑްކަޕްގެ ޗީފް ނެސޭރީ ބުނީ އެ ގައުމުން ދީން 28 ދުވަހަށް ބަދަލު ކުރެވެން ނެތްކަމަށެވެ.

"އެއް ޖިންސުން ގުޅުންހިންގައި އިސްލާމްދީނާ ފުށޫ އަރާ ކަންކަން ކުރަންޏާ އެކަންކަން ކުރެވޭ ތާކަށް ދޭ. ގަތަރުން އެ ފުރުސަތެއް ނުދޭނަން،" ނަސޭރީ ބުންޏެވެ.

އޭނާ ބުނީ ގަތަރަށް އަންނައިރު ގަތަރުގެ އުސޫލުތައް އެނގެންޖެހޭނެކަމަށާއި، އެ ގައުމުގައި އިސްލާމްދީނާ ޚިލާފު ކަމެއް ކުރަން ޖާގަ ނުދޭނެކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ދިދައެއް ނުވަތަ ރަމްޒެއް ދަނޑެއްގައި ނުވަތަ މަގެއްގައި ގެންގުޅު ކަމުގައި ވިޔަސް އެ ދިދައަކާއި އެ ރަމްޒެއް އަތުލާނެކަމަށް ނެސޭރީ ބުންޏެވެ.

"އަޅުގަނޑުމެން އެގޮތަށް ކަން ކުރަނީ ކޮންމެހެން އޭނާއާ ޒާތީ ވެގެނެއް ނޫން. ފުޓުބޯޅަ ޓިކެޓެއް ގަނެގެން ދަނޑަށް ވަންނަނީ މެޗު ބަލަން. މީހުންގެ މެދުގައި ނަފުރަތު އުފައްދާކަށް ނޫން،" ނަސޭރީ ބުންޏެވެ.

ގަތަރުގައި މަސްތުވާތެކެތި ބޭނުންކުރުމާއި ޕާޓީ ކުރުމުގެ އިތުރުން ހަލާލު ނޫން ކާއެއްޗެހި ބޭނުން ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ވޯލްޑްކަޕުގައި އެ އުސޫލަށް ގައުމަށް އަންނަ މީހުން ތަބާވާން ޖެހެއެވެ.

މީގެއިތުރުން ވޯލްޑްކަޕް ބަލަން މަގު މަތީގައި ވެސް އައުރަ ނިވާ ނުވާވަރުގެ ހެދުން އެޅުމަކީ ވެސް މަނާކަމެކެވެ. އަދި ހޮޓާތަކާއި ޔޮޓުތަކުގައި ކައިވެނިނުކޮށް އަންހެނަކާއި ފިރިހެނުންނަށް ނުތިބޭނެކަން އެ ގައުމުން ޔަގީންކުރާނެކަމަށް ގަތަރުން ބުނެއެވެ.

comment ކޮމެންޓް