އަށް ބާވަތެއްގެ ބޭހަކަށް ސަމާލުވުމަށް އެދިއްޖެ

އެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ވަނީ ތަޣައްޔަރުވެފައި--- ފޮޓޯ/ ސޫރާސުރަބާޔާ

ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ޕެރަސެޓަމޯލް ސިރަޕްގެ ބާވަތްތަކަކުން ރައްކާތެރި ވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ބުނީ އެ ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ދޫކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ވުމާއެކު އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން އެދެއެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން، ސަމާލުވުމަށް އިލްތިމާސް ކޮށްފައިވަނީ އަށް ބާވެއްތެގެ ބޭހެކެވެ. އެއީ:

- ޓާމޮރެކްސް

- ފްލުރިން ޑީއެމްޕީ

- ޔުނި ބޭބޭ ކޯފް ސިރަޕް

- ޔުނި ބޭބީ ޕެރަސެޓަމޯލް ޑްރޮޕްސް

- ޔުނި ބޭބީ ޕެރަސެޓަމޯލް ސިރަޕް

- ޕެރަސެޓަމޯލް ޑްރޮޕްސް

- ޕެރަސެޓަމޯލް ސިރަޕް (މިންޓް)

- ވިޕްކޯލް ސިރަޕް

ޑަބްލިއުއެޗްއޯ އާ ހަވާލާދީ އެމްއެފްޑީއޭ އިން ބުނީ ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށެވެ.

އެ އޮތީރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ބޭސްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެ ބޭހުގެ އިތުރުން އިންޑިއާގެ މެއިޑެން ފާމަސޫޓިކަލް އިން އުފައްދާ ކޯފް ސިރަޕެއްގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން އެ ބޭސް ވިހަވެފައިވާތީ އާއި އެއީ ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު ވެސް އޮތް ބޭހަކަށް ވާތީ، އެކަމަށް ސަމާލުވުމަށް ވެސް ދާދިފަހުން އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް