"އަނެއްކާ ކޮން ކަހަލަ ވާހަކައެއްބާ؟" ރިފްއަތު ބުނެލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު މާކިން ހާމަކޮށްލި ވާހަކައަކުން ރިފްއަތަށް މާކިންއާ ދިމާލަށް ބަލައިލެވުނެވެ.

ރިފްއަތު އިތުރު ތަފްސީލް ބޭނުންވާފަދައެވެ. ރިފްއަތަށް ބަލައިލުމަށްފަހު, މާކިން ވާހަކަ ދެއްކިއެވެ.

"ތި އަޑު އިވުނީ ހަމަ ރަނގަޅަށް ބައްޕާ. އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. " މާކިން ބުނެލިއެވެ.

"އަނެއްކާ ކޮން ކުއްޖެއްބާ؟ " ރިފްއަތު ޝައުގުވެރިކަމާއެކު ސުވާލުކޮށްލިއެވެ.

"ނައިރާ ކިޔަނީ... ބޭރުގައި ކިޔަވަން ހުރިއިރު ދިމާވީ..." މާކިން ކުރު ގޮތަކަށް ނައިރާގެ ވާހަކަ ރިފްއަތުގެ ކައިރީގައި ބުނެލިއެވެ.

"ރަނގަޅު ކުއްޖެއް ވިއްޔާ ބައްޕަގެ މައްސަލައެއް ނެތް. ދިރިއުޅުމުގައި ޙަޔާތުގެ ބައިވެރިޔާ ޚިޔާރުކުރާނީ އެ ކުއްޖަކު އަމިއްލައަށް. އެކަމަކަށް ބައްޕަ މަޖުބޫރެއް ނުކުރާނަން. އަޚްލާގު ރަނގަޅު، މަޑުމައިތިރި ދީންވެރި ކުއްޖެއްވިއްޔާ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް. ބައްޕަ ބުނަން ބޭނުންހާވެސް ވާހަކައަކީ ދިރިއުޅުމުގައި ތަފާތު ކަންތައްތަކާ ދިމާވާނެޔޭ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. ގުޅުމެއް ބިނާވާނީ އިތުބާރާ އަޅައިލުމާ އޯގާތެރިކަމުގެ މައްޗަށް. މިއިން އެއްވެސް ކަމެއް އުނިވެއްޖެ ނަމަ ކޮންމެވެސް ގޮތަކަށް ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ. މަންމަ ހުރިނަމަވެސް ބުނާނީ މިހެން." ރިފްއަތު އެހެން ބުނެލިއިރު އެ އަޑަށް މަޑުމޮޅިކަމެއް ވެރިވިއެވެ.

"ކައިވެނި ވީހާވެސް އަވަސް ކުރަން ބޭނުމީ. އަނެއްކޮޅުން ގެއަށް އިތުރު މީހަކު އައިމަ މިޝްޔާވެސް އެކަންޏެއް ނުވާނެއެއްނު. އެ ހުރިހާކަމަކުން ދުރުވުމަށް ލިބޭ ބާރަކަށްވެސް އެކަންތައް ވެދާނެއެއްނު." މާކިން ބުނެލިއެވެ. ރިފްއަތު އެއަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

"ކޮން އިރަކުން ބައްޕައާ ބައްދަލުކުރުވާނީ؟" ރިފްއަތު ސުވާލުކޮށްލިއެވެ.

"ބައްޕަ ބުނުއްވާ ފްރީވާނެ ދުވަހެއް. އޭރުން އެ ދުވަހަކަށް އަންނަން ނައިރާ ކައިރީގައި ބުނާނަން." މާކިން ބުނެލިއެވެ.

"މާދަމާ ރޭ ކިހިނެއްވާނީ؟ މާކިންގެ ހޮވުން ބަލައިލާހިތުން ކެތްމަދުވެފަ ބައްޕަ މިހުންނަނީ. ޔަޤީނުންވެސް އެނގޭ ހުރިހާ ގޮތަކުންވެސް ފުރިހަމަވާނެކަން." ރިފްއަތު ބުނެލިއެވެ. މާކިން ހިނިތުންވެލިއެވެ. ބައްޕަގެ ފަރާތުން އޭނާއަށް އިވުނީ އަޑުއަހަން ބޭނުންވި ފަދަ ބަސްތަކެކެވެ. އެކަމުން އޭނާގެ ހިތަށް ފިނިކަން ލިބިފައިވެއެވެ. މާކިން ރިފްއަތަށް ބަލައިލިއެވެ.

"ބައްޕާ... މިޝޫ..." އެ ހިސާބަށް ބުނެފައި މާކިން މަޑުޖެހިލިއެވެ.

"މިޝްޔާއަށް ކިހިނެއްވީ މާކިން؟" ރިފްއަތު މާކިންއަށް ބަލައިލިއެވެ.

"ބައްޕާ. ކުރިއަށް ވުރެ ބޮޑަށް މިޝޫއަށް... ސަޕޯޓިވް ވާން އެބަޖެހޭ... ކުރިން ދުވަހަކުވެސް... " މާކިންއަށް އަނެއްކާވެސް މަޑުޖެހެވުނެވެ.

"ކުރިން ދުވަހު؟"

"އޭނަ އަތުވެއްޖެ!" މާކިންއަށް ބުނެވުނެވެ. އެއީކާކުކަން ރިފްއަރަށް ދެނެގަނެވުނެވެ. މިޝްޔާ އޭނާގެ ގާތުގައި ކިޔައިދިން ވާހަކަތައް މާކިން ރިފްއަތާ ހިއްސާކޮށްލިއެވެ. ރިފްއަތަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ބައްޕާ! މިޝޫއަށް އަދިވެސް އެކަމުން އަރައެއް ނުގަނެވޭ. އެންމެ ބޭނުންވި ދުވަހު އެކަކުގެ ފަރާތުންވެސް އެންމެ ބޭނުންވި ސަމާލުކަމެއް އަދި އަޅައިލުމެއްވެސް މިޝޫއަކަށް ނުލިބުނު. ޑްރަގް ގެ ތެރެއަށް ވަންނަން މެދުވެރިވީ އެހެންވެގެން. ނުތަނަވަސްކަމުން ދުރުވުމަށް މިޝޫއަށްވެސް ޚިޔާރުކުރެވުނީ އެންމެ ގޯސް މަގު. އެކަމަކު ބައްޕާ. އަޅުގަނޑަށް އެނގޭ މިޝޫ ބޭނުންވާކަން އެކަމުން ސަލާމަތްވާން. ޝީ ނީޑްސް އަސް. ކުރިއަށް ވުރެ ބޮޑަށް. ވީ ޑިޑް އަ މިސްޓޭކް. އެކަމަށް ބޮޑުބޭބެއަށް އަދަބު ދޭން ޖެހުނު ދުވަހު ނުދެވުނީމަ ވީ ގޮތް މީ... އޭނައަށް އަދިވެސް މިޝޫ ފެނިއްޖެއްޔާ އުނދަގޫކުރާނެ ބައްޕާ. އެކަހަލަ މީހުން ނުވާނެ ރަނގަޅެއް." މާކިން ރެއިލިންގައި އަތް އަޅުވައިލިއެވެ. އޭނާ ދުރުބަލައިލިއެވެ. ރިފްއަތު އެއްޗެއް ނުބުނެ ހުންނަން ފެށުމުން މާކިން މާޔޫސް ވާގޮތްވިއެވެ.

"ބައްޕަ އެކަންތައް ކުރީ ހަމަ މިޝްޔާއަށްވެސް ރަނގަޅަކަށޭ މާކިން. އެންމެނަށް އެކަންތައް އެނގުނީމަ ކިހާ ހުތުރުތަ؟ އާއިލާގެ ނަމާ... އަނެއްކޮޅުން ޚުދު މިޝްޔާގެ ނަންވެސް ކިހާ ހަޑިވީސް." ރިފްއަތު އަދިވެސް އޭނާގެ ކުށް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ އޭރު ކަންތައް ކުރީ ރަނގަޅަށްކަމުގައި ބުނެ އޭނާ ވާހަކަ ދެއްކި ކަމުގައިވީނަމަވެސް، މާކިން ދެއްކި ވާހަކަތަކަށްފަހު ހިތުގެ ކަނަކުން އޭނާ އޭރު ކަންތައްކުރި ގޮތް ރަނގަޅު ނޫންކަމުގައި އަންގަމުން ދިޔައެވެ. ރިފްއަތު އޭނާގެ އަމިއްލަ ނަފްސަށްވެސް ހަޤީގަތް އޮޅުވައިލަން މަސައްކަތް ކުރަމުން ދިޔަ ފަދައެވެ. މާކިންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ދަނީކަމަށް ބުނެ ހިނގައިގަތެވެ. ތިރިއަށް ފައިބައިގެން ގޮސް މިޝްޔާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ވަތްއިރު މިޝްޔާ ހުރީ ބެލްކަނީގައެވެ. އޭނާ މަޑުމަޑުން ބެލްކަންޏަށް ނުކުމެލިއެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި މިޝްޔާއަށް ބަލައިލުމަށްފަހު މާކިން ވާހަކަ ދެއްކިއެވެ.

"ނައިރާ... ބައްޕައާ މީޓް ކުރުވަން ގެންނަންވެގެން މިއުޅެނީ." މާކިން އެހެން ބުނުމާއެކު މިޝްޔާ މާކިންއަށް ބަލައިލީ އިތުރު ތަފްސީލް ބޭނުންވާ ފަދައަކުންނެވެ. މާކިން ދެންމެ އޭނާއާއި ރިފްއަތާ ދެއްކި ވާހަކަ މިޝްޔާއާ ހިއްސާކޮށްލިއެވެ.

"ހީވޭތަ ބައްޕަ ލައިކްވާނެހެން؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"ކީއްވެ ނުވާންވީ؟"

"ބައްޕަގެ އެކްސްޕެކެޓޭޝަން ހައި އެއް ނޫންތަ؟" މިޝްޔާ މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ނޫނޭ މިޝޫ. މިޝޫ ހީކުރާހާ ގޯހެއް ނޫނޭ ބައްޕައެއް. ވެދިޔަކަމެއް ބަދަލެއް ނުކުރެވޭނެއެއްނު. އެހެނެއްކަމަކު އަބަދު އެކަންތައް ހިތުގަ ލައިގެން ތިބެވޭނެތަ؟" މާކިން ބުނެލިއެވެ. އޭނާ މިޝްޔާއަށް ވިސްނައިދޭން ބޭނުންވިއެވެ. ރިފްއަތާ މިޝްޔާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ފާރު އޭނާ ފުނޑުފުނޑުކޮށްލަން ކިތަންމެ ބޭނުންވިޔަސް އެހާ އުނދަގޫކަމެއްކަން އޭނާއަށް އެނގެއެވެ. މާކިންގެ އެ ޖަވާބާއެކު މިޝްޔާ ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ދެން އަހަރެން ގޯތްރޫކުރާ ކަންތަކޯ. ބައްޕަގެ ސަބަބުން. މިއާއިލާގެ އެންމެންގެ ސަބަބުން. ދޮންބެގެ ސަބަބުން. ދޮންބެއަށް ނުވެސް އެނގޭނެ ދޮންބެ ދިޔުމުން އަހަރެން އެކަނި ވިވަރު. ބައްޕައަށް އަހަންނަށް އެއްވެސް ވަގުތެއް ދެވޭކަމަކަށް ނުވޭ. ދުވާލުގެ ސައްވީސް ގަޑިއިރުގެ ތެރެއިން އެންމެ ފަސް މިނިޓް ވެސް އަހަންނަށް ނުދެވޭ. ފެނުނީމަ ކިހިނެއްހޭ އަހާލުން ފިޔަވާ އިތުރު ވާހަކައެއް ބައްޕަ އަހަންނަކާ ނުދައްކާ. އަހަރެން ހިތާމައިގައި ހަލާކުވަމުންދިޔައިރު ބައްޕަ، އަދި ދޮންބެއަށް ވެސް ނޭނގޭނެ އެއްވެސް ކަމެއް. އަހަންނޭ ހުރިހާކަމަކާ ކުރިމަތިލާން ޖެހެނީ. މިއަދު އޭނަ އަހަރެން ކުރިމައްޗަށް އެރި ނަމަވެސް، އެ މޫނުމަތިން ފެންނަނީ އަދި ފެންނާނީވެސް ބޮޑާކަން. އަދިވެސް އެ ދުވަހު އެ މޫނުމަތިން ފެނުނު އަސަރުތައް އަހަރެން ހަނދާން އެބަހުރި. އަދިވެސް ގައިން ހީބިހި ނަގާ." މިޝްޔާ ފުރަތަމަ ފަހަރަށް މާކިންގެ ކުރިމަތީގައި އޭނާގެ ހިތުގެ ޙާލު ފާޅުކޮށްލިއެވެ. މާކިންއަށް ބުނާނެއެއްޗެއް ނޭނގުނެވެ. މިޝްޔާގެ ވާހަކަތަކުން އޭނާއަށް ބުނެދޭން ނޭނގޭ ވޭނެއް އިޙްސާސްކުރެވުނެވެ. އެ މޫނުމަތީގައި ދިރުމެއްނެތެވެ. އަޑުގައިވަނީ ފުން ހިތާމައެވެ.

"މިޝޫ..." މާކިންއަށް މިޝްޔާއަށް ގޮވައިލެވުނެވެ.

"ދޮންބޭ. އެކަމަކުވެސް އޯކޭ... އަހަރެން ޑްރަގްގެ ތެރެއަށް ވަންނަން މެދުވެރިވީ އަހަރެންގެ ޙާލަތުގެ ސަބަބުންކަމުގައި ވީނަމަވެސް، މިއަދު އަހަރެން ވެސް ބޭނުން މިކަމުން ސަލާމަތްވާން. އެކަމަކު އަހަރެން އެކަމަށް ދޮންބެގެ ސަޕޯޓްވެސް ބޭނުން. ބައްޕަގެ އެހީތެރިކަންވެސް ބޭނުން. އެކަމަކު ބައްޕައަށް އަހަންނަށް ވަގުތު ދެވޭނެތަ؟ އަަހަރެން ދެކެ އެހާ ރުޅި އާދޭ. އެގޮތަށް ރުޅި އައުމުގެ ބަދަލުގައި އެއްފަހަރުވެސް މި ބަދަލުތައް އަހަންނަށް އަންނަން މެދުވެރިވީ ސަބަބެއް ބައްޕަ ބަލައިލިނަމަ!" މާކިންގެ ވާހަކަ މެދު ކަނޑައިލާފައި މިޝްޔާ ބުނެލިއެވެ. އެ ވާހަކަތައް އެގޮތަށް ހާމަ ކުރެވުމުން މިޝްޔާއަށްވެސް ހަމަޖެހުމެއް ލިބުނެވެ. ބޮލުން ބޮޑު ބުރައެއް އުފުލިއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ.

"ކޮށްދެވެން އޮތް ހުރިހާކަމެއް ކޮށްދޭނަން..." މާކިން ރެއިލިންމަތީގައި އޮތް މިޝްޔާގެ އަތުގައި ހިފައްޓައިލަމުން މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ ވެސް މާކިންއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ މާކިން ނައިރާ ބަލާ ދިޔައެވެ. މާކިން ގޮސް އެގޭ ކައިރީގައި މަޑުކޮށްލިއިރު ނައިރާ ހުރީ ބޭރަށް ނުކުމެއެވެ. ގަދަ ފެހިކުލައިގެ ޓޮޕަކާއި ޖީންސް އެއްގައި ނައިރާ ހުރިއިރު، އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ކޮށްފައިވަނީ ލުއިި މޭކަޕެކެވެ. ނައިރާ އައިސް ކާރަށް އަރާ އިށީނުމާއެކު މާކިން ފުން ނަޒަރަކުން ނައިރާއަށް ބަލައިލިއެވެ.

"ކީއްވެތަ ތި ވަރަށް ތި ބަލަނީ؟" ނައިރާ ލަދުން އިސްޖަހައިލިއެވެ.

"އަހަރެންގެ މީހަކަށް ވީމަ ބޭނުންވަރަކަށް ބެލުމުގެ ހުއްދަ އޮންނާނެއެއްނު." މާކިން ނައިރާ އިތުރަށް ލަދުގަންނުވައިލުމުގެ ބޭނުމުގައި ބުނެލިއެވެ. ވީވެސް އެހެންނެވެ. އޭނާ އެހެން ބުނެލުމާއެކު ނައިރާގެ މޫނު ރަތްވެގެން ދިޔައެވެ.

"ވަރަށް ރީތި." މާކިން ނައިރާގެ އަތުގައި މަޑުމަޑުން ހިފައިލަމުން ބުނެލިއެވެ.

"ދެން ހިނގާ ދާން. އަށެއް ޖަހާއިރަށް ގަޑިކިޔާފައި މިހާރު އެއޮށް އަށްގަޑި ފަނަރަ ވަނީ." ނައިރާ އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ.

"ވޯހް. ފަސްޓް އިމްޕްރެޝަން ރަނގަޅުކުރަން ވާނެ ގަޑިއަށް ފަރުވާތެރިވެގެން..." މާކިން ބުނެލިއެވެ.

"ދެން ދުއްވަބަ!" ނައިރާ ބުނެލިއެވެ. މާކިން ހިނިތުންވެލަމުން ކާރު ސްޓާރޓްކޮށްލިއެވެ.

މާކިންއާއި ނައިރާއާއި ދެމީހުން އައިސް ގެއަށް ވަތްއިރު މިޝްޔާ ބޮޑުކޮޓަރީގައި ހުއްޓެވެ.

"ކޮބާ ބައްޕަ؟" މާކިން ސުވާލުކޮށްލިއެވެ. މިޝްޔާއަށް ނައިރާ ފެނުމާއެކު އައިސް ކައިރީގައި ހުއްޓެމުން ނައިރާއަށް ތައުރީފްކޮށްލިއެވެ. ނައިރާ ޝުކުރު އަދާކޮށްލިއެވެ.

"ބައްޕަ ދޯ... އެބައިން ކާކޮޓަރީގައި..." މިޝްޔާ ބުނެލިއެވެ. ތިން މީހުން އެކުގައި ގޮސް ކާކޮޓަރިއަށް ވަތްއިރު މޭޒު ދޮށުގައި ރިފްއަތު ފޯނަށް ގެއްލިފައި އިނެވެ. ނައިރާ ފިނިވާގޮތްވިއެވެ. އެ މޫނުމަތިން ވެސް ނުތަނަވަސްކަންފެނިގެން ދިޔައެވެ. އެކަން މާކިންއަށް އެނގުމުން އޭނާ ބޯ ޖަހައިލީ ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނާ ފަދައަކުންނެވެ.

"ބައްޕާ..." މާކިން ގޮވައިލުމާއެކު ފޯނުން ނަޒަރު ވަކިކޮށްލަމުން ރިފްއަތު އިސް އުފުލައިލާ ބަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު