މެޓާއިން 11،000އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

މެޓާގެ ވެރިޔާ މާކް ޒަކަބާގް -- ފޮޓޯ/ ބްލޫމްބާގް

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން އެ ކުންފުނީގެ 13 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ފޭސްބުކުން ފާއިތުވި 18 އަހަރުވެސް ވަކިނުކުރާ މިންވަރަށް މުވައްޒަފުން ވަކިކުރަން ނިމްމީ އިސްތިހާރު ކުރުމުން ލިބޭ އާމްދަނީ ދަށްވެ، ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

ފޭސްބުކުން މި ނިންމުން ނިންމާފައިވާއިރު، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންވެސް އަންނަނީ ޚަރަދުކުޑަކުރުމަށް ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންނެވެ. އެގޮތުން ޓްވިޓާއާއި މައިކްރޮސޮފްޓުންވެސް ދަނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މެޓާ ފަދަ ކުންފުނިތަކަށް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އާމްދަނީ އިތުރުވި ނަަމަވެސް ކޮވިޑަށް ފަހު އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމުގެ ސަބަބުން އެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ.

"މި ހުރިހާ ކަމެއްގެ ޒިންމާ ނަގަން. މިއީ ނަގަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް. މިކަމުގެ ސަބަބުން ގެއްލުންވި އެންމެންގެ ކިބައިން މައާފަށް އެދެން" މެޓާގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވިއެވެ.

އިންސްޓަގްރާމް ފަދަ މެޓާގެ ޕްލެޓްފޯމްތަކަށް ވުރެ ޓިކްޓޮކްގެ މަޝްހޫރުކަން ބޮޑުވުމާއެކު މެޓާއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފައެވެ. އަދި އަންދާޒާ ކުރި ވަރަށްވުރެ އެ ކުންފުނީގެ އާމްދަނީ ދަށްކަމަށް ޒަކަބާގް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

މެޓާއިން މިއަހަރު ވަޒީފާއަށް މީހުން ނެގުން މަޑުޖައްސާލާފައިވާކަން މީގެ ކުރިން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީގެ އިންޖިނިއަރިން ރޯލްތަކަށް ރެކްރޫޓްކުރާ އަދަދު 30 ޕަސެންޓް ކުޑަކުރާކަން އޮތީ އިއުލާންކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު