ފޯޅަވަހި ކައިރިން ދިވެހީން މަސްވެރިކަންކުރި ކަމުގެ ކިތާބީ ހެއްކެއްނެތް: ބަންޑާރަ ނައިބު

ފޯޅަވަހި މައްސަލަ އާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބަންޑާރަ ނައިބު މައުލޫމާތު ދެއްވަނީ---

ފޯޅަ ވަހީގައި ބަނޑަހަގެ ޖަހައިގެން ދިވެހީން މަސްވެރިކަމު އުޅުނުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިނަމަވެސް، އެ ހިސާބުގައި ދިވެހީން މަސްވެރިކަންކުރި ކަމުގެ ކިތާބީ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޚިޔާލު ތަފާތުވެފައިވާ ފޯޅަވަހި މައްސަލަ އާ ގުޅޭގޮތުން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ، ޚިޔާލުތަފާތުވެފައިވާ މޮރިޝަސް ކަނޑުގެ ސަރަހައްދުގައި ދިވެހީން މަސްވެރިކަން ކުރިކަމުގެ އެއްވެސް ހެއްކެއް ދައުލަތުގެ އެއްވެސް އިދާރާއެއްގެ ރެކޯޑުގައި ނެތްކަމަށެވެ.

ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގެ 200 މޭލުގެ ތެރެއިން ފުށު އަރައިގެން ޚިލާފު އުފެދިފައިވާ ސަރަހައްދުގައި ދިވެހީން މަސްވެރިކަން ކުރި ކަމުގެ އެއްވެސް ހެއްކެއް ފިޝަރީޒް މިނިސްޓްރީ އާއި ކޯސްޓްގާޑަށް ލިބިފައި ނެތްކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މިއިން އެއްވެސް ހެއްކެއް މޮރިޝަސް ސަރުކާރުގައިވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ ހެއްކެއް ނެތް ކަމެއް ކޯޓުގައި ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. އަދި ފިޝިން ރައިޓްސް އަކީ އިކުއި ޑިސްޓެންސް ލައިން އެޖަސްޓު ކުރުމަށް ބޭނުން ކުރެވޭ ހައްގެއް ކަމަށް ވީއިރު، އެ ހައްޤު އޮތްކަން ސާބިތުކޮށްދޭން ޖެހޭކަމަސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ދިވެހީން މަސްވެރިކަންކުރި ކަމުގެ ކިތާބީ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ބަންޑާރަ ރިފްއަތު ވިދާޅުވިއިރު، ނަޝީދު ވިދާޅުވެފައިވަނީ، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހީންކަމަށާއި، ޚާއްސަ ގޮތެއްގައި ފުވައްމުލަކު މީހުންކަމަށެވެ.

އެހެންކަމުން އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރައްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހީންނަށްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް