މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ މައުލޫމާތު އޮންނަ އުސޫލުގެ މަތިން ހާމަކުރާނަން: ޝާހިދު

ފޯޅަވަހި މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ވާހަކަދައްކަވަނީ--

ފޯޅަވަހީގެ ސިޔާދީ ބާރުވެރިކަން މޮރިޝަސްއަށް ލިބިގެންވާކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވިކަމަށް ބުނާ ސިޓީފުޅު ހަމަޖެހިފައިވާ އުސޫލުގެ މަތިން ހާމަކުރާނޭކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޯޅަވަހި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު، އެފަދަ ލިޔެކިޔުންތައް ދޫކުރަން އޮންނަ ގާނޫނީ އުސޫލެއްގެ ތެރެއިން ދޫކުރާނޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ފޯޅަވެއްސާ ބެހޭގޮތުން ސިޔާސީވެރިން ދައްކަމުންދާ ވާހަކަތަކުގައި އޮޅުވާލުންތަކެއް އެބަހުރިކަމަށާއި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމުގެ ބަދަލެއްގެ ގޮތުން މޮރިޝަސްއަށް އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް ރައީސްގެ ސިޓީފުޅުގައި ލިޔުއްވާފައި ނުވާނެ ކަމަށެވެ. ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭނޭފަދަ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނޭކަމަށާއި، ރާއްޖޭގެ އަތޮޅުތައް ވިއްކާލުމަށް މަސައްކަތްކުރީ ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވައިގެންކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގަ ކުރީގެ ސަރުކާރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ވިއްކާލުމަށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހުތަކެއް، ބަދަލުތަކެއް ގެންނެވި. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި އެއް ކަމަކީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ބަޔަކަށް ވިއްކާނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރެއްވުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިހް ފޮނުއްވެވި ސިޓީގައި ދިވެހި ސަރުކާރުން މި މައްސަލާގައި މީގެކުރިން ދެކެމުން އައިގޮތް ބަދަލުކުރިވާހަކަ ދައްކާފައިނުވާކަމަށެވެ. ޝާހިދު ވިދާޅުވީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު ދެބަސްވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރަމުން ގެންދާނޭކަމަށެވެ. މިކަމުގައި ފުކެއްވެސް ދޫނުކޮށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯއްދަވާނޭކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިހް ފޮނުއްވެވި ސިޓީފުޅުގެ ތަފްސީލު ދިނުމަށް ސަރުކާރުން ދެކޮޅުހަދާފައިވާއިރު، މި ސިޓީގެ މައުލޫމާތު ހޯދުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ 22 ވަނަ ދުވަހު ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓިފުޅަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ތިން ވަނަ މައްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަކަށްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެ ސިޓީ ގެންނަވައި މި މައްސަލަ ބަލައިދެއްވުމަށް ތޯރިގް ވަނީ އެދިފައެވެ.

comment ކޮމެންޓް