ޖިންސީ ކުށްތަކުގައި ބަދަލު ހޯދުމަށް ދައުވާ ކުރަން ވަކި މުއްދަތެއް ނެތް ކަމަށް ކަނޑައަޅައި، ޖިންސީ ކުށުގެ މައްސަލަތަކުގައި ޝަރީއަތްކުރުމާ ބެހޭ ގަވާއިދު އާންމު ކޮށްފިއެވެ.
މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޖިންސީ ކުށުގެ ގާނޫނުން ހަދަން ލާޒިމް ކޮށްފައިވާ ގަވައިދެކެވެ. އެއީ ޖިންސީ ކުށްތަކާ ގުޅިގެން އަމަލުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އެފަދަ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަށް ވަކި މުއްދަތެއް ނުވެއެވެ. އަދި، އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ދައުވާކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ ކުށެއްކަމުގައިވާ ހާލަތެއްގައިވެސް، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިފަދަ މައްސަލަތަކުގައި ޝަރީއަތްކުރުމާއި ގުޅޭ އުސޫލުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، ރަޖިސްޓްރީވާ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމް ކުރަން ވާނެ ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އަދި، މި ގާނޫނުގެ ދަށުން ކުރާ ހުކުމެއް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަ ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައާ މެދު ވަކި ގޮތެއް ނިންމަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.
މީގެ އިތުރުން، ކުށުގެ ޝިކާރައަށްވީ މީހާ ކޯޓަށް ހާޒިރުކުރުމުގައި ނަފްސާނީ ގޮތުން ބަލިކަށިވިޔަ ނުދިނުމަށްޓަކައި ތުހުމަތުކުރެވޭ މީހާއާއި ކުށުގެ ޝިކާރައަކަށްވީ މީހާ އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އަދި ކުޑަކުދިންގެ ހެކިބަސް ނެގުމުގައި އެކުދިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަން ފާހަގަކޮށް ގަވާއިދުގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުއްޖާއަށް ފަރިތަ މާޙައުލެއްގައިކަމަށެވެ. އެގޮތުން، ހެކިބަސް ނަގާއިރު، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައި، އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެން ހެކިބަސް ނެގުމަށާއި، ކުއްޖާދޭ ހެކިބަހާ ގުޅިގެން މައްސަލައިގެ ޚަސްމުން ކުއްޖާއާ ސުވާލުކުރަން އެދޭނަމަ، އެ ސުވާލުތައް ކުރަންވާނީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ފަދައިން، ރޭޕްކުރުން ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއް ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި، ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.