އަނދުން ހުސައިން، ސަލީމަށް: ހެޔޮ ވިސްނުން ދެއްވީތީ އުފާކުރަން

މެމްބަރު ހުސެއިން ޝަހީމް އަދި މެމްބަރު އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ހެޔޮ ވިސްނުން ލިބިވަޑައިގެން ނޫސްވެރިންގެ ދިފާއުގައި ވާހަކަދައްކަވަން ފެއްޓެވީތީ އުފާކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އަދުން ހުސައިން ވިދާޅުވީ ނޫސްވެރިންނަށް އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް މެމްބަރު ސަލީމް މިއަދު ވިދާޅުވުމުން އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނޫސްވެރިންނާ މެދު ކަންތައް ކުރެއްވި އިހާނެތި ގޮތްތަކާމެދު ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިތާމަކުރާ ކަމަކީ އެބޭފުޅުންގެ ސަރުކާރު ހިނގަމުން ދިޔައިރު ނޫސްވެރިން ލިޔުނީމާ ކެތް ނުވޭ. ނޫސްވެރިން ލިޔުނީމާ ތަނަށް ތިރި ނުވެ ގޮސް ރިޟްވާނަށް ވީގޮތެއް އަދިވެސް ނޭނގޭ. ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލެވިގެން ދިޔަ. ދިވެހިރާއްޖޭގެ އެއް ޓީވީ ބްރޯޑްކާސްޓަރު ރާއްޖެ ޓީވީގެ އިމާރާތުގައި ދިވެހި އާއިލާތަކެއް ދިރިއުޅެމުން ދަނިކޮށް ރޯކޮށް އަންދާ އަޅިއަށް ހަދާލީ،" އަދުން ހުސައިން ވިދާޅުވިއެވެ.

ބައެއް ހާލަތްތަކުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ފާސްކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް އިޝާރާތްކޮށް މެމްބަރު ސަލީމް ވަނީ ނޫސްވެރިއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ އެއްވެސް ހާލަތެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކައިގެ ސައްޙަ ކަމާމެދު ސުވާލު އުފައްދަވާފައެވެ.

އަދި ޝައްކެއްގެ މައްޗަށް ބިނާކޮށް ނަމަވެސް، ގައުމުގައި ކަން ހިނގާގޮތުގެ ތެދާއި ދޮގު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ނޫސްވެރިންނަށް މިނިވަންކަން ލިބިގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިހާރުވެސް ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ނޫސްތަކަށް ސްޕޮންސަރ ދިނީމަ އެމީހުންނަށް އެއްވެސް ކުންފުންޏަކާ ބެހޭގޮތުން ލިޔާކަށް ނުކެރޭ. އެބަޖެހޭ މި ހުރިހާ ކަމެއް ހައްލުވާން،" މެމްބަރު ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމްގެ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ޝަހީމް ވަނީ ހެއްކާ ބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިންނާއި، އިދިކޮޅު ބައެއް ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ސަރުކާރުން އަވަސް ފުރުސަތެއްގައި އެމައްސަލައަށް އިސްލާހު ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެއެވެ. އަދި، އެހާލަތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއް މަދަނީ މިންގަނޑުން ސާބިތުވާނަމަ, މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް މަޖުބޫރު ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށްދީފައިވެއެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއްގައި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއާ ގުޅޭ ޝަރީއަތުގައި ނޫސްވެރިއަކަށް މައުލޫމާތު ދިން މީހަކީ ކާކުކަން އަންގައިދޭ މައުލޫމާތެއް ހާމަ ކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައިވާނަމަ އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ކޯޓަށް ހުށަހެޅިދާނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ޖުލައި މަހުގެ 18 ވަނަ ދުވަހު ހެއްކާ ބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ރައީސްއަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވަނިކޮށެވެ. އަދި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެބިލް އަނބުރާ ފޮނުވާލެއްވުމަށް ރައީސް އަރިހުގައި ދަންނަވާފައި ވަނިކޮށެވެ.

comment ކޮމެންޓް