ކްލަބް މޯލްޑިވްސް ކަޕް (ސީއެމްސީ) 2022 ގެ ޗެމްޕިއަންކަން ފެނަކަ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗު ފެނަކައިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ބަލިކޮށްގެންވެ.
ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑު ނެގީ އެމްޕީއެލްއިންނެވެ. އެ ގޯލު ކާމިޔާބުކުރީ މެޗުގެ 11 ވަނަ މިނެޓުގައި އަލީ ޝަމާލް އަބްްދުﷲއެވެ.
މެޗުގެ ފުރަތަމަ ހާފު އެމްޕީއެލް ލީޑުގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗުގެ 33 ވަނަ މިނެޓުގައި ފެނަކަައިގެ މުހައްމަދު އައްޒާމު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފައިނަލް މެޗުގެ އެންމެ ފަހު މިނެޓުގައި ފެނަކައިން ވަނީ ގޯލެއް ޖަހައި މެޗުގެ ލިޑު ނަގައިފައެވެ. އެ ގޯލަކީ ހުސައިން ޝަރީފް އެ ޓީމަށް ޖަހައިދިން ގޯލެކެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކައިގެ އަޔާޒު އަހުމަދެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެސް ފެނަކައިގެ ކޯޗު އަބްދުﷲ ނަސީރުއެވެ. މިއީ އޭނާ ޖެހިޖެހިގެން އެ މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ރޯޑް ރެކްރިއޭޝަން ކުލަބު ސީއެމްސީގެ ތަށި އުފުލާލިއިރު އެ ޓީމުގެ ކޯޗަކީ ވެސް ނަސީރުއެވެ.