މަރްޔަމް މަސްއޫދު ލާމްއަކީ އުމުރުން އެންމެ ނުވަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް އިލްމުވެރިއަކަށްވުމުގެ ހުވަފެން ދެކެމުން އަންނަ ކުއްޖެކެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ މަރްޔަމަކީ ހަގު އުމުރުގައި ގިނަ އަދަދެއްގެ ގައުމީ އަދި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ވެސް ހާސިލްކުރަމުން އަންނަ ކުއްޖެކެވެ. ހަމައެއާއެކު "ޤުރުއާން ވިތު މަރްޔަމް"ގެ ނަމުގައި އެމެރިކާގެ ގައިޑް އަސް ޓީވީއާއި ޔޫއެސްއޭ އައިޓީވީގައި ވެސް އޭނާގެ އަމިއްލަ ޕްރޮގްރާމެއް ގެނެސްދެމުން އަންނަ ކުއްޖެކެވެ.
ޤުރުއާން ހިތުދަސްކުރުމަކީ މަރްޔަމް އެ ކަމަކަށް ޚާއްސަ އިސްކަމެއް ދީގެން ކުރި ކަމެކެވެ. އޭނާ ބުނި ގޮތުގައި ޤުރުއާން ހިތުދަސްކުރުމަށް ޓަކައި އެންމެ ފުރަތަމަ ކުރަން ޖެހެނީ އެ ޤުރުއާންގެ މާނަ އެނގުމެވެ. އެގޮތުން އެއީ އަރަބި ބަސް ދެނެގަނެގެން ކުރެވޭ ކަމެއްކަމަށާއި އޭނާ ވެސް އެންމެ ފުރަތަަމަ އަރަބި ދަސްކުރުމުގެ މަސައްކަތް ކުރިކަމަށް ބުންޏެވެ. އަދި ޤުރުއާން ހިތުދަސްކުރުމުގައި ފަސޭހަ ސޫރަތްތަކަށް އިސްކަން ދިންކަމަށް ވެސް ބުންޏެވެ. އަދި ދިގު އާޔާތްތައް ހިމެނޭނަމަ ބައިބަޔަށް ބަހައިގެން އެ އާޔަތް ހިތުދަސްކުރާކަމަށް ވެސް ބުންޏެވެ.
"ގުރުއާނުގައި ބައިވަރު ސޫރަތްތައް ހުރޭ. ބައެއް ސޫރަތްތަކަކީ ދަސްކުރަން ވަރަށް ފަސޭހަ ސޫރަތްތައް. އަނެއްބައި ސޫރަތްތަކަކީ ދަސްކުރަން އުނދަގޫ ސޫރަތްތައް. އެހެންވީމާ ފަސޭހަވާނެ އަދި ރަނގަޅު ވެސް ވާނެ ފަސޭހަ ސޫރަތްތަކުން ފަށަން. މިސާލަކަށް އައްމާ ފޮތުގެ ސޫރަތްތަކުން ފަށައިފައި ދެން އުނދަގޫ ސޫރަތްތަކަށް ދާން،" މަރްޔަމް ބުންޏެވެ.
މަރްޔަމް ބުނި ގޮތުގައި އެއްކަހަލަ އާޔަތްތަކެއް ތަކުރާރުވާ ސޫރަތްތައް ހިތުދަސްކުރުމަކީ އޭނާއަށް އުނދަގޫވި ކަމެކެވެ. އަދި އޭނާއަށް ދަސްކުރަން އެންމެ އުނދަގޫ ސޫރަތްތަކުގެ ތެރޭގައި، ނޫރު ސޫރަތާއި، ނިސާ ސޫރަތް ހިމެނޭކަމަށް ބުންޏެވެ.

މަރްޔަމް މަސްއޫދާއި އޭނާގެ އާއިލާ މެމްބަރުން --
މަރްޔަމް އޭނާގެ ދުވަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނި ގޮތުގައި ކޮންމެ ދުވަހަކީ ވެސް ބިޒީ ދުވަހެކެވެ. އެގޮތުން ސްކޫލުގައި ކިޔަވައި ނިންމައި ގެއަށް އަންނައިރު ސްކޫލު ފިލާވަޅާއި މަސައްކަތް ވެސް ހުންނަކަމަށް ބުންޏެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް އެ މަސައްކަތްތައް ނިންމާލުމަށްފަހު އަރާމުކުރަން ވަގުތުކޮޅެއް ހުސްކުރުމަކީ އޭނާގެ އާދައެކެވެ.
ކޮންމެ ކަމެއް ކުރިކަމުގައިވީ ނަމަވެސް އެ ކަމެއް ގަވާއިދުންކުރުމުގެ އާދަ ދެމެހެއްޓުމަކީ ހަރުދަނާކަމާއެކު ކަންކަން މެނޭޖުކުރެވިދާނެ ކަމެއްކަމަށް ބުންޏެވެ.
ތުއްތު މަރްޔަމް އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާ ބުނި ގޮތުގައި ދުނިޔޭގެ ކާމިޔާބީއާ އެއް ހަމައެއްގައި އާޚިރަތުގެ ބާއްޖަވެރިކަމަށް މަސައްކަތްކުރުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އޭނާގެ އަމާޒަކީ އެ ގޮތުގައި މަސައްކަތްކުރުމެވެ.
"އަޅުގަނޑު ބޭނުންވަނީ ދީނީ އިލްމުވެރިއަކަަށްވެ، އަޅުގަނޑުގެ އެކުވެރިންނަށް ޤުރުއާން ދަސްކުރުމަށް ހިތްވަރުދީ، އިސްލާމްދީނުގެ މަތިވެރިކަން އުނގަންނައިދޭން،" މަރްޔަމް ބުންޏެވެ.
އެއާއެކު ކުރިމަގުގައި، ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ތައުލީމް ހާސިލްކޮށް ކުރިއަށް ދިއުމަކީ ވެސް އޭނާ ކުރަން ބޭނުންވާ ކަމެއްކަމަށް ބުންޏެވެ.