ފެއްސާއި ރަތާއި ހުދުގެ ދިދަ ވިހުރެނީ ބަތަލުންގެ ހަނދާން އާކޮށްދެއްމުން: މާރިޔާ

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން --

ފެއްސާއި ރަތާއި ހުދުގެ ދިވެހި ގައުމީ ދިދަ ވިހުރެނީ ދިވެހި ގައުމަށް ޓަކައި ޝަހީދުވި ގައުމީ ބަތަލުންގެ ހަނދާން އާކޮށްދެމުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހުގެ ބަތަލުގެ ގޮތުގައި ބަލައި ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ އުފަން ރަށް، ހދ. ކުޅުދުއްފުށީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ މިނިވަންކަމާއެކު ދިވެހި ދިދަ ވިހުރޭއިރު ގައުމީ ބަތަލުންގެ ގުރުބާނީ ކިޔައިދޭކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ގައުމީ ދިދަ ވިހުރެމުން އެދަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ ބަތަލުންގެ ގައުމީ ފިދާގެ ހަނދާންތައް އާކޮށްދެއްމުން. މި ގައުމަށް ޓަކައި އެ ބޭފުޅުން ވެފައިވާ މަތިވެރި ގުރުބާނީގެ ޒިކުރާ ކިޔައިދެމުން،" މާރިޔާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން --

މާރިޔާ ވިދާޅުވީ ނޮވެމްބަރު 3، 1988ވަނަ އަހަރުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއްކަމަށެވެ. އަދި އެ ދުވަހުގެ ވާހަކަދައްކާއިރު އެ ނަން ޚާއްސަ ނަމަކަށް ވަނީ އެ ސަބަބަށް ޓަކައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާއަކީ ފުރިހަމަ ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ އަޒުމުގައި ދެމިހުރި ސިފައިންގެ މީހެއްކަމަށް ވިދާޅުވިއެވެ.

"މި ބޮޑު ތިލަދުންމައްޗަކީ ބޮޑު ތަކުރުފާނާއި، އުތީމު ތިންބެއިންނާއި، ޝަހީދު ޙުސައިން އާދަމްފަދަ އެތައް ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ،" މާރިޔާ ވިދާޅުވިއެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނަކީ މި ފަހުން ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަން ފާހަގަކުރައްވައި މާރިޔާވަނީ މިއަދު ވެސް ރާއްޖޭގެ ސަލާމަަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން --

އެއާއެކު ސަރުކާރުން ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއި ހަތިޔާރު ހޯދުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އެއާއެކު ޒުވާނުން އަސްކަރިއްޔާއާ ގުޅި ގައުމަށް ޚިދުމަތްކޮށްދެއްވުމަށް މާރިޔާވަނީ އެދިވަޑައިގެންފައެވެ.

"ތައުލީމީ ޒުވާނުންގެ ބޭނުން ސިފައިންގެއަށް ވަރަށް ބޮޑު. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޒުވާނުންގެ ފަރާތުން އަސްކަރީ ހިދުމަތަށް ޒުވާނުން ކުރިމަތިލުމަށް،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ކުޅުދުއްފުށީގައި ބޭއްވި ހަވީރުގައި އެ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެލައްވައިފައެވެ. ހަމައެއާއެކު ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ސިފައިން އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕެރޭޑާއި ހެވިކަމުގެ ހަރަކާތްތައް ބަލައިލުމަށް ވެސް ގޮސްފައެވެ.

comment ކޮމެންޓް