ނ. ކެނދިކުޅުދޫގެ ގުދުރަތީ ރީތިކަން އާންމުންނަށް އިޝްތިހާރު ކުރުމުގެ ގޮތުން އެރަށު ކައުންސިލުން އިސްނަގައިގެން ތަފާތު ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތަކީ ފަތުރުވެރިންނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ސަގާފަތް އިޝްތިހާރު ކޮށްދިނުމަށް މަސައްކަކތް ކުރާ ޕްރޮޑަކްޝަން ޓީމެއް ކަމަށްވާ "ހާ ޓު ސީނު" އާ ކެނދިކުޅުދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، މި ހަރަކާތުގެ މަގްސަދަކީ ޓުއަރިޒަމް ޑެސްޓިނޭޝަނެއް ގޮތަށް ކެނދިކުޅުދޫ ޕްރޮމޯޓް ކުރުމާއި، ރަށުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާމްދަނީ ހޯދުމަށް މީހުން ކުރާ ތަފާތު މަސައްކަތްތައް އާންމުންނަށް ދައްކާލުން ކަމަށެވެ.
އަދި، އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި ރަށަށް ޒިޔާރަތް ކޮށް ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ މީހުންނަށް ކުރެވިދާނެ ބައެއް ކަންކަން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ރައޫފް ވިދާޅުވިއެވެ.
މިހަރަކާތުގައި، ކެނދިކުޅުދޫގައި ތަފާތު މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ޒިޔާރަތް ކުރާ މީހުންނަށް ލިބޭނެއެވެ. އެގޮތުން، ފަންގި ވިނުމާއި ރޯނު ވިޔުން ފަދަ އަތްތެރި ކަމުގެ މަސައްކަތްތައް ބަލައިލެވޭނެއެވެ. މީގެއިތުރުން، އެރަށުގައި ތައްޔާރު ކުރާ ބައެއް ތަފާތު ވައްތަރުގެ ކާބޯތަކެތީގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
"ރަށެއްގެ ކައުންސިލަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް ބޭއްވުން ފާހަގަކުރަނީ ތަފާތު ހަރަކާތެއް ގޮތުގައި. ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޭފުޅުންވެސް އަޅުގަނޑުމެންނަށް ޒިޔާރަތްކުރި. އަދި އާންމުންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން އެބަދޭ. އަދި ފުރަތަމަ ދުވަހާ އަޅާ ބަލާއިރު ވަރަށް ކާމިޔާބު. އަޅުގަނޑުމެންގެ ލަނޑު ދަނޑި ހާސިލްވަމުން މިދަނީ،" ރައޫފް ވިދާޅުވިއެވެ.
ރައޫފް ވިދާޅުވީ ރަށްރަށުގައި ހުރި ފުރުސަތުތައް އާންމުންނާ ހަމައަށް ފެންނާނީ އިޝްތިހާރު ކުރުމުން ކަމަށެވެ. އަދި ބޭރުގެ ފަތުރުވެރިން ފިޔަވައި ދިވެހީންވެސް އެކި ރަށްރަށަށް ޒިޔާރަތްކުރަން ބޭނުންވާއިރު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޮޑު ބެރާއި މިއުޒިކް އަދި ސަގާފީ ތަފާތު ހަރަކާތްތަކާއެކު ދެ ދުވަހަށް ކުރިއަށް ގެންދާ މި އިވެންޓް ދެން އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ.