ބޭނުންވަނީ މެސީއާ އެއްކޮޅަށް ކުޅެން، އަދިވެސް އެއީ އެންމެ މޮޅު އެއް ކުޅުންތެރިޔާ: ރާމޯސް

މެސީއާއި ރާމޯސް-- ފޮޓޯ/ ގެޓީ އިމޭޖްސް

މެސީއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ގިނަ އަހަރުތަކެއް ވަންދެން މެސީއާ ދެކޮޅަށް ކުޅުނު ސާޖިއޯ ރާމޯސް ބުނެފިއެވެ.

މިހާރު ޕީއެސްޖީއަށް އެއްކޮށް ކުޅޭ މެސީއާއި ރާމޮސް އަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ކުލަބުކަމަށްވާ ރެއާލް މެޑްރިޑަށާއި، ބާސެލޯނާއަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

އެ ދެ ޓީމު ބައްދަލުކުރާ މެޗުތަކުގައި މެސީއާއި ރާމޯސްގެ ކުރިމަތިލުން ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. ބައެއް މެޗުތަކުގައި ރާމޮސް މެސީއަށް ކުރާ ފައުލު ތަކުގެ ސަބަބުން މެސީގެ ލޭ އޮހޮރިފައި އެބަހުއްޓެވެ.

ނަމަވެސް ރޭ ޕީއެސްޖީން ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ރާމޯސް ބުނީ އޭނާއާ މެސީއާ ދެމެދު މިހާރު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށެވެ.

އޭނާ ބުނީ މެސީ އެ ޓީމުގައި ހުރުމުން ވަރަށް ފަސޭހަވާކަމަށެވެ. ބޭނުންވަނީ މެސީއާ އެއްކޮޅަށް ކުޅެންކަމަށް އޭނާ ބުންޏެވެ.

މެސީއާއި ރާމޯސްގެ ކުރިމަތިލުމެއްގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

"މެސީއާ ދެކޮޅަށް ނުވަތަ އެއްކޮޅަށް ކުޅެން ސުވާލުކޮށްފިނަމަ ޖަވާބު ވަރަށް ސާފު،" ރާމޯސް ބުންޏެވެ.

އޭނާ ބުނީ މެސީއާ އިދިކޮޅަށް ވަރަށް ގިނަ އަހަރުތަކަކު ކުޅެވިއްޖެކަމަށެވެ. އޭނާއާ އިދިކޮޅަށް ކުޅެން ވަރަށް އުނދަގޫވާކަމަށާއި، އެކަމުގެ އުނދަގޫ އަހަރުތަކަކަށް ދިގުލައިގެން ދިޔަކަމަށް ވެސް ރާމޯސް ބުންޏެވެ.

މެސީ ވޯލްޑްކަޕަށް ވަރަށް ތައްޔާވެފައިވާކަމަށާއި، އޭނާ ހުރީ އެ މުބާރާތަށް ވަރަށް ފިޓުކޮށްކަމަށް ރާމޯސް ބުންޏެވެ. އެހެންނަމަވެސް ޓީމުގެ މެޗުތަކަށް އެކަމުގެ ނޭދެވޭ އަސަރު ނުފޯރާކަމަށް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް