ގައުމުގެ މުހިންމު ދުވަސްތައް ފާހަގަކޮށް، އެ ދުވަސްތަކާ ގުޅިފައިވާ ހާދިސާތަކާއި މުހިންމު ހަނދާންތައް ދިރުވައި އާލާކުރުމަކީ މުހިންމު ކަމެކެވެ.
ޚާއްސަކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ހިމާޔަތުގައި ގުރުބާންވި ދިވެހި ބަތަލުންގެ ޒިކުރާއަކީ އަބަދުވެސް ފޮހެވިޔަނުދީ ދަމަހައްޓަންޖެހޭ ހަނދާންތަކެކެވެ.
މުޖުތަމައުގެ ޒުވާން ޖީލަށާއި ދަރިވަރުންނަށް އެ ދުވަސްތަކުގެ މުހިންމުކަން އިހްސާސްކޮށްދީ ގައުމީ ލޯބި ދިރުވުމަކީ މުހިންމު ކަމެކެވެ. ތައުލީމީ މުއައްސަސާތައް އެކަމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
ނަސްރުގެ ދުވަސް ބައްދަލުކޮށްފައިވާއިރު އެ ދުވަހުގެ ހަނދާންތައް ހދ. މަކުނުދޫ ސްކޫލުގެ ދަރިވަރުން އާކޮށްފައިވަނީ ތަފާތު ގޮތަކަށެވެ.
ސްކޫލުގެ މީޑިއާ ކްލަބުން އިސްނަގައިގެން ފޮޓޯއާއި ކުރެހުން ހުށަހެޅުމުގެ މުބާރާތެއްގެ ތެރެއިން މި ދުވަސް ފާހަގަކުރަން ނިންމީ ދަރިވަރުންނަށް އެ ކުދިންގެ ޝުއޫރުތައް އުފެއްދުންތެރި ގޮތަކަށް ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
އެގޮތުން ފޮޓޯ މުބާރާތަށް ދަރިވަރުންގެ އުފެއްދުންތެރި އެތައް ފޮޓޯއެއް ވަނީ ހުށަހަޅައިފައެވެ. އެއިން ކޮންމެ ފޮޓޯއަކުން ވެސް ގައުމިއްޔަތާއި ދިވެހިވަންތަކަން ދައްކުވައިދެއެވެ.

މަކުނުދޫ ސްކޫލު ދަރިވަރުން މުބާރާތަށް ހުށަހެޅި ފޮޓޯއެއް-- ފޮޓޯ/ މަކުނުދޫ ސްކޫލު
މުބާރާތުގެ ކަންކަން އެންމެ އިސްކޮށް ހިންގެވުމުގައި ހަރަކާތްތެރިވާ އެ ސްކޫލުގެ މީޑިއާ ކްލަބުގެ އިންޗާޖު މުހައްމަދު ވާސިފް ވިދާޅުވި ގޮތުގައި މިއީ ދަރިވަރުންނަށް މި ދުވަހުގެ މައުލޫމާތު އަމިއްލައަށް ހޯދަން ލިބޭ ފުރުސަތެކެވެ. އަދި ކުދިންގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތެކެވެ.
"ނަސްރުގެ ދުވަހު ދިވެހި ރައްޔިތުން ގައުމަށް ޓަކައި ވި ގުރުބާނީ ފާހަގަކޮށް އެ ކަމުގެ ހަނދާންތައް ދިރުވައި އާލާކޮށް އެ ދުވަހު ކަންތައްތައް ހިނގައިދިޔަ ހާދިސާތައް ކޮންމެވެސް މިންވަަރަކަށް ނަމަވެސް ފަހުމުވެގެން ދިޔުމަކީ އަޅުގަނޑުމެންގެ އެއް މަގްސަދު. އަޅުގަނޑުމެން އުންމީދުނުކުރާހާ ލެވެލްގައި އުންމީދު ނުކުރާ ކޮންސެޕްޓުތަކުގައި އެބަހުރި ވަރަށް ރަނގަޅު ސްޓޯރީޒް ހަދާފައި،" ވާސިފް ވިދާޅުވިއެވެ.
ނަސްރުގެ ދުވަހަކީ ރާއްޖެއަށް މުހިންމު ދުވަހެކެވެ. އެ ކަން ދަރިވަރުންގެ ހިތްތަކަށް ވެއްދުމަކީ އެ ފަދަ މުބާރާތެއްގެ މުހިންމު މަގްސަދެކެވެ.
ކިޔަވައިދިނުމުގެ ތެރެއިން ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި ދިރުވައި އާލާކުރުމަކީ މުހިންމު ކަމެކެވެ. މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ވިދާޅުވި ގޮތުގައި އަމަލީ ހަރާކާތްތަކުގެ ތެރެއިން އެ މަގްސަދު ހާސިލުކުރުމަކީ ކުރެވޭނެ ކަމެކެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިއިން ކޮންމެ ކަމެއްގައި ވެސް އެތައް ބައެއްގެ އެހީތެރިކަމާއެކު މި ކަން ކުރާއިރު މި ދުވަހުގެ ޒިކުރާ ކޮންމެވެސް މިންވަރަކަށް ސިފަކޮށްލެވިފައޭ ހުންނާނީ. މި ފަދަ މަސައްކަތެއް ބެލެނިވެރިޔާއަށް ކުއްޖާއާއެކު ކޮށްލެވޭއިރު،" ލުތުފީ ވިދާޅުވިއެވެ.

މަކުނުދޫ ސްކޫލު ދަރިވަރުން މުބާރާތަށް ހުށަހެޅި ފޮޓޯއެއް-- ފޮޓޯ/ މަކުނުދޫ ސްކޫލު
އޭނާ ވިދާޅުވި ގޮތުގައި އުނގަންނައިދޭ ބައެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ ކަމަކީ ދަރިވަރުންނަށް އެ ފަދަ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ހަމައެއާއެކު ދަރިވަރުންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމަށް ކުރެވެން ހުރި ކަންކަމަށް މަގުފަހިކޮށްދިނުމެވެ.
އެއާއެކު ލުތުފީވަނީ ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވި އެ މުބާރާތުގެ ކަންކަން މަގުފަހިކޮށްދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.