ޓެޑްރީގެ ''ލަސްވިޔަސް'' ގައި ރީކޯ މޫސަ

ރީކޯ މޫސާ ފެނިގެންދާނީ ކޮއްޔެ ހަސަން މަނިކު ކުޅުމަށް ހަމަޖެހިފައިވާ ރޯލުން — ފޮޓޯ : ޓެޑްރީ

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރަމުން އަންނަ ފިލްމު "ލަސްވިޔަސް" އިން ކުރީގެ މަޝްހޫރު އެކްޓަރު އަދި ކުރީގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ފެނިގެންދާނެ ކަން، ހާމަކޮށްފިއެވެ.

ބައްޔަކާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ "ލަސްވިޔަސް" އަކީ ޓެޑްރީ އެތައް އަހަރެއްގެ މަސައްކަތަށް ފަހު ހަގީގަތަކަށް ވާން ފަށާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައެވެ.

ފިލްމުގެ ޝޫޓިން އެކި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އެ ފިލްމުގެ ޝޫޓިން ތިން މަހަށް މެދު ކަނޑާލުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ފިލްމުގެ މަސައްކަތް ނިމުމާ ގާތަށް ދާއިރު އެކި ސަޕްރައިޒްތައް އަންނަނީ ލިބެމުންނެވެ. އެންމެފަހުން ޓެޑްރީ އާންމުކުރި ސަޕްރައިޒަކީ ރީކޯ މޫސައެވެ.

ޓެޑްރީ ވަނީ މޫސާ އާއެކު މީގެކުރިން މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ އާއެކު ޓެޑްރީ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ 1995 ވަނަ އަހަރު ނެރުނު ޑްރާމާ ފިލްމު "ދެރިޔާ"ގައެވެ. އެއަށްފަހު އަނެއްކާ ވެސް މޫސައާއެކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަސައްކަތަކީ ލަސްވިޔަސްގައި ކުރި މަސައްކަތެއް ކަމަށް ޓެޑްރީ ބުންޏެވެ.

މޫސަ ފެނިގެން ދާނީ ހަސަން މަނިކު (ކޮއްޔަ) އެ ފިލްމުގައި ކުޅުމަށް ހަމަޖެހިފައިވާ ރޯލުން ކަމަށް ޓެޑްރީ ބުނެއެވެ. އެކަމަކީ އޭނާ ވަރަށް ވެސް އުފާވާ ކަމެއް ކަމަށް ޓެޑްރީ ބުނެއެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ގިނަ ދުވަސްވަންދެއް ހިދުމަތްތަކެއް ކޮށްދީފައިވާ ކޮއްޔަ ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އޭނާގެ އުމުރަކީ 67 އަހަރެވެ.

"މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތްއެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން. ހަސަން ނެތުމުގެ ހުސްކަން މިފިލްމްގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ،" ޓެޑްރީ ބުންޏެވެ.

މޫސައާއެކު ފިލްމަށް ބޭނުންވާ މަންޒަރުތަކުގެ މަސައްކަތް ނިންމާލާފައިވަނީ ދާދި ފަހުން ކަމަށް ޓެޑްރީ ބުންޏެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭގެއިތުރުން އަހުމަދު އީސާ (އާނަންދު) އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

comment ކޮމެންޓް