ކާރިސީ ހިރާސް ކުޑަކުރުމަށް ހިންގާ ޕްރޮގްރާމްތައް ފުޅާކުރަން ޔޫއެންޑީޕީއާއި އެންޑީއެމްއޭއިން ސޮއިކޮށްފި

ޔޫއެންޑީޕީ، އެންޑީއެމްއޭ އަދި ރެޑް ކްރެސެންޓުން އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގުދުރަތީ ކާރިސާތަކުން ރަށްރަށަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި އެފަދަ ކާރިސާތައް ހިނގުމުގެ ނުރައްކާ ނުވަތަ ހިރާސް ކުޑަ ކުރުމަށް ޔޫއެންޑީޕީ އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކުރިއަށްގެންދާ ޕްރޮގްރާމްތައް މިހާރަށް ވުރެ ފުޅާ ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ހުޅުމާލޭގެ ސަމަން ހޯސްޓް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީ އާއި އެންޑީއެމްއޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް ވެސް ހިމެނޭ ގޮތަށް ސޮއިކޮށްފައި ވަނީ "ސަސްޓެއިނެބުލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން އިން މޯލްޑިވްސް" އެމްއޯޔޫގައެވެ.

އެ އެމްއޯޔޫގައި ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެންރީކޯ ގެވެލިއާ އާއި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން އާއި ރެޑް ކްރެސެންޓްގެ ރައީސް އަބްދުލްހަލީމް އަބްދުއްލަތީފެވެ.

އެ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ، އދ.އިން ސެންޑައި ފްރޭމްވޯކް އެކުލަވާލި ފަހުން ރާއްޖެއިން ވަނީ ކާރިސާތަކާއި ހިރާސްތައް ކުޑަކުރުމާ ގުޅުން ހުރި މަސައްކަތްތައް، އެކަމަށް ޚާއްސަ މުއައްސަސާތަކާ ހަވާލުކުރުމަށް ސިޔާސަތުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސެންޑައި ފްރޭމްވޯކަކީ ދުނިޔެއަށް ކާރިސާތަކުން ކުރާ އަސަރު ކުޑަކުރުމަށް 2015އިން 2030އަށް ކުރުމަށް އަމާޒު ހިފާފައިވާ ކަންތައްތައް ހިމެނޭ ލިޔުމެކެވެ. މި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގައި ވަނީ ސެންޑައި ފްރޭމްވޯކްގައި ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް ހިމަނާފައެވެ.

"އަޅުގަނޑުމެންގެ ކަނޑުތައް ހިމާޔަތްކޮށް، ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު އިސްނެންގެވުންތައް ނަންގަވައި ސިޔާސަތުތައް ކަނޑައަޅުއްވާފަ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ 2018 ވަނަ އަހަރު ޑިޒާސްޓާ މެނޭޖްމެންޓް އެކްޓް ތަސްދީގު ކުރައްވައި ނެޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް އޮތޯރިޓީ އެކުލަވާލެއްވުން،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މުޅި ގައުމުގައި ޑިޒާސްޓާ މެނޭޖްމެންޓް ޕްރޮގްރާމުތައް ހިންގުމުގެ ގާނޫނީ ބާރު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވާ ގޮތަށާއި އެފަދަ ހާލަތްތަކުގައި އަމަލު ކުރާ ގޮތަށް ބަދަލު ގެނެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. އެއާއެކު، ކާރިސާއެއް ދިމާވުމުން ފިޔަވަޅު އަޅަން މަޑުކުރުމުގެ ބަދަލުގައި ކާރިސީ ހިރާސް ކުޑަ ކުރުމަށް މިހާރު އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރެޑް ކްރެސެންޓްގެ އެއްބާރުލުން ލިބޭ ގޮތަށް އިއްޔެ ސޮއިކުރި އެމްއޯޔޫގެ ސަބަބުން ސެންޑައި ފްރޭމްވޯކްގައާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުރާ މަސައްކަތްތައް އަވަސް ކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެންރީކޯ ގެވެލިއާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަމައެއާއެކު އެ އެމްއޯޔޫގެ ސަބަބުން، ކާރިސީ ހިރާސް ކުޑަ ކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުން ހިމެނޭ ގޮތަށް މުޅި މުޖުތަމައުގެ ވިލުންވެރިކަން އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރެޕްރެޒެންޓޭޓިވް ގެވެލިއާ ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ އެހީ އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.

"ޔޫއެންޑީޕީގެ ދައުރަކީ ދުނިޔޭގައި ވެސް އެންމެ ރަނގަޅު ކަމަށް ދެކޭ އުސޫލާ އެއްގޮތަށް، މުޖުތަމައަށް ވީހާވެސް އަވަހަކަށް ހައްލުތައް ގެނެސްދެވޭނެ އެއްބަސްވުމެއް ހެދުން. މި މައްސަލަތަކާ ރޭވުންތަކާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ގައުމީ ޕާޓްނަރުންނާއި ރައްޔިތުންނާ އެކު ނިމުމެއް ނެތް މަޝްވަރާތަކެއް ބޭއްވުމުގެ ބަދަލުގައި ހަގީގީ ބަދަލު ގެންނަން އެބަ ޖެހޭ. އަޅުގަނޑުމެން މިތިބީ އެކަމަށް،" ގެވެލިއާ ވިދާޅުވިއެވެ.

ޔޫއެންޑީޕީއިން ބުނީ އެ އެމްއޯޔޫގެ ދަށުން ކާރިސީ ހިރާސް ކުޑަ ކުރުމާ ގުޅުން ހުރި ގައުމީ ތަފާސްހިސާބާއި މައުލޫމާތާ ބެހޭ ނިޒާމުތައް ވަރުގަދަކޮށް، ތަފާތު ކާރިސާތަކަށް ސްކޫލްތަކާއި ކުދި އާބާދީތަކުން ތައްޔާރުވުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕްލޭންތައް އަދާހަމަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް