ފްރެންޗު ލީގުގައި ޕީއެސްޖީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންކަމަށްވާ ލިއޮނަލް މެސީއާއި، ނޭމާ ޖޫނިއާގެ އިތުރުން ކީލިއަން އެމްބާޕޭގެ މޮޅު ކުޅުމުން އެ ޓީމުން ޓްރޯއިސް ބަލިކޮށްފިއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ތިން ވަނަ މިނެޓުގައި ޓްރޯއިސްއިން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރޮނީ ލޮޕޭޒްގެ އެހީތެރިކަމާއެކު މަމަ ބަލްދޭ ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ޕީއެސްޖީގެ ކާލޮސް ސޮލާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ނޭމާގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.
އެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ 52 ވަނަ މިނެޓުގައި ޓްރޯއިސްއިން ވަނީ ގޯލެއްޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ވިލްސަން އޮޑެބާޓް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުންހިފައިގެން ބަލްދޭ ޖެހި ގޯލެކެވެ.
އޭގެ ތިން މިނެޓު ފަހުން މެސީ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސާޖިއޯ ރާމޮސް ދިން ޕާހަކުން އޭރިއާ ބޭރުން މެސީ ޖެހި ރީތި ގޯލެކެވެ. މި ސީޒަންގައި މެސީގެފަރާތުން ދަނީ މޮޅު ކުޅުމެއް ފެންނަމުންނެވެ. އޭނާ މި ސީޒަންގައި ކުޅުނު 19 މެޗުގައި ވަނީ 16 ގޯލު ޖަހައި 13 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި މެސީ ތަނަވަސްކުރި ފުރުސަތަކުން ނޭމާ ވަނީ ގޯލެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި އެމްްބާޕޭ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ޕީއެސްޖީއަށް ފުޅާކޮށްދީފައެވެ. އެ ގޯލަކީ ޓްރޯއިސްގެ ޕެނަލްްޓީ އޭރިއާތެރެއިން ސޮލާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.
އެ ނަތީޖާއިން މެޗު ނިމެން ދަނިކޮށް 88 ވަނަ މިނެޓުގައި ޓްރޮއިސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ އަންޓޭ ޕަލަވާސާ އެ ޓީމަށް ޖަހައިދިން ގޯލެކެވެ.
އެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ ފްރެންޗް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 35 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޓްރޮއިސް ތާވަލުގެ ތާވަލުގެ 11 ވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ.