ވިޔަފާރިވެރިންގެ ހުވަފެންތައް އެޕަލްއިން ފުނޑުފުނޑު ކުރަނީ: ޓެލެގްރާމްގެ ބާނީ

ޓެކް ވިޔަފާރިތަކާއި، އެފަދަ ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންގެ ހުވަފެންތައް އެޕަލްއިން ފުނޑުފުނޑު ކުރަމުންދާ ކަމަށް ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވް ތުހުމަތު ކުރައްވައިފިއެވެ.

ޑުރޯވް އޭނާގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އެޕަލްގެ ހިއްސާ ޓެކްނޮލޮޖީ ދާއިރާގައި ބޮޑުވުމުން އޭގެ ބޭނުން އެ ކުންފުނިން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އެޕަލްގެ އިން-އެޕް ޕޭމަންޓް ސިސްޓަމްތައް މެދުވެރިނުވާ ގޮތަކަށް ޓެލެގްރާމް އާއި އެ ޕްލެޓްފޯމްގެ ކްރިއޭޓަރުން އެމީހުންގެ ކޮންޓެންޓް ނުވަތަ އުފެއްދުންތަކަށް ފައިސާ ހޯދުން އެޕަލްއިން މަނާކުރުމުންނެވެ.

ޑުރޯވް ވިދާޅުވީ އަމިއްލަ ކޮންޓެންޓް ބޭނުންކޮށްގެން ހައްގު އުޖޫރައަށްވާ ފައިސާ ހޯދަން މަސައްކަތް ކުރާ އެތައް މިލިއަން ޔޫޒަރުންގެ މަސައްކަތަށް އެޕަލްއިން ހުރަސް އަޅަމުންދާ ކަމަށެވެ.

ޓެލެގްރާމްގެ އައިއޯއެސް އެޕްގައި އާ "ޕެއިޑް-ޕޯސްޓްސް" ފީޗާއެއް ޓެސްޓް ކުރަމުންދާ ކަމަށް މި ހަފުތާގެ ކުރީކޮޅު އަޑު ފެތުރުނެވެ. އެއީ ޓެލެގްރާމްގައި ޕޯސްޓްތައް ވިއްކައިގެން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭނެ ގޮތް މަގުފަހިކޮށްދޭ ފީޗާއެކެވެ. މި ފީޗާގެ ދަށުން ބައެއް މެސެޖުތައް ބެލޭނީ ފައިސާ ދެއްކުމުން ކަމަށް، އެ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ކަނޑައެޅޭނެއެވެ.

ނަމަވެސް މި ފީޗާ ބަރޯސާވެފައި އޮތީ އެޕަލްގެ އިން-އެޕް ޕޭމަންޓްސް ސިސްޓަމަކަަށް ނޫނެވެ. އެ ސިސްޓަމްގެ ދަށުން، ކޮންޓެންޓް އުފައްދާ މީހުންނަށް ލިބޭ ފައިސާގެ 30 ޕަސެންޓް އެޕަލްއަށް ދައްކަން ޖެހޭނެއެވެ.

އޭގެ ބަދަލުގައި ކޮންޓެންޓް އުފައްދާ ފަރާތްތަކުން އެމީހުންގެ ޓެލެގްރާމް ޗެނަލްތަކުގައި ވަކިވަކި ޕޯސްޓްތަކަށް އެކްސެސް ވިއްކުމަށް ޕޭމަންޓް ބޮޓްތައް ބޭނުންކުރަން ފެށިއެވެ. މިކަމުގެ ސަބަބުން ސަބްސްކްރައިބަރުން ދޭ ފައިސާގެ 100 ޕަސެންޓާ ގާތްކުރާ އަދަދެއް ސީދާ ކޮންޓެންޓް އުފައްދާ މީހުންނަށް ލިބޭނެކަން ޔަގީން ވާނެއެވެ.

އެއީ ރަނގަޅު ގޮތެއް ކަމަށް ޑުރޯވް ވިދާޅުވިއެވެ. ނަމަވެސް އެޕަލްގެ އިން-އެޕް ޕޭމަންޓްސް ސިސްޓަމް ބޭނުން ނުކުރާތީ އެ ފީޗާއަކީ އެޕް ސްޓޯރުގެ ސިޔާސަތުތަކާ ހިލާފު ފީޗާއެއް ކަމަށް އެޕަލްއިން ނިންމިއެވެ. އަދި އެ ފީޗާ ބޭނުން ނުކުރެވޭ ގޮތް ހަދަން އެ ކުންފުނިން އެންގިއެވެ.

"ހިތާމައަކީ އެޕަލްއަށް 30 ޕަސެންޓް ޓެކްސް ނުދައްކައި ކޮންޓެންޓް ކްރިއޭޓަރުން އެމީހުންގެ މަސައްކަތުގެ އުޖޫރަ ހޯދުމުން އެޕަލްއިން އެކަމާ ހިތްހަމަ ނުޖެހޭކަން. އެޕަލްގެ އިކޯސިސްޓަމްގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް އެޕަލްއަށް އޮތުމުން، އައިއޯއެސް ޑިވައިސްތަކުން މިފަދަ ޕެއިޑް ޕޯސްޓްތައް ނެގުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" އެ ފީޗާ ބޭނުން ނުކުރެވޭ ގޮތަށް ހަދަން ނިންމިކަން ހާމަ ކުރަމުން ޑުރޯވް ވިދާޅުވިއެވެ.

"ސަރުކާރަކުން ނަގާ ޓެކްސްތަކަށް ވުރެ ބޮޑު ޓެކްސްއެއް ނަގައި އިތުރު ވިޔަފާރިވެރިން ފުނޑުފުނޑުކޮށްލުމުގެ ކުރިން އީޔޫ، އިންޑިއާ އަދި އެހެން ތަންތަނުގެ ރެގިއުލޭޓަރުން އެޕަލްއާމެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް އުންމީދު ކުރަން."

ޑުރޯވް ވަނީ ޓެލެގްރާމްގައި ކޮންޓެންޓް އުފައްދާ މީހުންނަށް އެ އުފެއްދުންތަކަށް ފައިސާ ހޯދޭނެ ގޮތެއް މަގުފަހިކޮށްދޭނެ ގޮތެއް ހޯދަމުންދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫޒާނޭމްތައް މިލްކު ކުރެވޭ ގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު