ފޯޅަވަހީގައި ބަނޑަހަޖަހައިގެން އުޅުނީ ދިވެހީން، އެއީ ދިވެހީންގެ ތަނެއް: ނަޝީދު

ތާރީޚް ލިޔުންތެރިޔާ އަދި ކުރީގެ ރައީސް ނަޝީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށްކަމަށް ކުރީގެ ރައީސް އަދި ތާރީޚް ލިޔުންތެރިޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފޯޅަވަހި މައްސަލައާއި އެރަށުގެ ތާރީޚާ ގުޅޭގޮތުން ބައެއް ކަހަލަ މައުލޫމާތުތައް ހިއްސާކުރައްވަމުން ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ވަނީ، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހީންކަމަށާއި، ޚާއްސަ ގޮތެއްގައި ފުވައްމުލަކު މީހުންކަމަށެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ވާގޮތުން ފޯޅަވައްސަށް އަޅުން ގެންދަން ފެށީ 1793 ވަނަ އަހަރުން ފެށިގެންނެވެ. އެދުވަސްވަރު ރާއްޖެއަށްވެސް ވަރަށް ގިނައިން އަޅުން ގެނެސް އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފޯޅަވެއްސާއި މާލެއަށް އަޅުން ގެންނަނީ އެއްތަނަކުން ކަމަށްވާއިރު، އެއް އާއިލާއަކުން ގެނެސްފައިހުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާ ދެމެދު ކުރެވިދިޔަ ހަނގުރާމަތަކުގައި ކުރި ލިބޭ ޤައުމަކަށް ފޯޅަވަހީގެ ސިޔާދީ ބާރު ފުރޮޅެމުންދިޔައިރު، 1965 ވަނަ އަހަރަށް ވީފަހުން ފޯޅަވަހި ބަލަހައްޓަނީ އިނގިރޭސި ދައުލަތުންނެވެ.

ނަޝީދު ވިދާޅުވީ އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާ އިރެއްގައި އެރަށުގެ ސިޔާދީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށް ކަމަށެވެ. ފޯޅަވަހީގައި ބަޔަކު ނެތެވެ. މީހުން ތިބީ ޑިއޭގޯ ގާސިޔާ އަތޮޅުގައެވެ. އެމީހުންގެ އެއްބައިމީހުން ތިބީ މޮރިޝަސްގެ އިތުރުން އިނގިރޭސިވިލާތުގައެވެ.

މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހީންކަމަށެވެ. އެހެންކަމުން އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރައްރަށުން ފައިބާއިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހީންނަށްކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައިވެއެވެ.

އެ ބަޔާނުގައި ރައީސް ނަޝީދުވެސް ފާހަގަކުރައްވާފައިވަނީ، މޮރިޝަސް އާ އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޯސްގެ ރަށްތައް ބަހާވާހަކަތައް ކަމަށެވެ.

ފޯޅަވަހި މައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ކުރީގެ ރައީސުންނާއި ބައެއް ސިޔާސީ ލީޑަރުންނާއި ދައުލަތުގެ ކުރީގެ ބަންޑާރަނައިބުންވެސް ވަނީ ވާހަކަދައްކަވާފައެވެ. މި މައްސަލައިގައި އަދުގެ ސަރުކާރު މޮރިޝަސްކޮޅަށް ޖެހިފައިވާކަމަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި މި މައްސަލައާއި ގުޅުންހުރި ބޭފުޅުން ވިދާޅުވަމުންދާއިރު، ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ފޯޅަވަހި މައްސަލައިގައި އެއްވެސް ސަރުކާރަކާ ވާހަކަ ދައްކަވާފައި ނުވާނޭކަމަށެވެ.

އެ މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއްބަޔަކު އިނގިރޭސިވިލާތާ ވާހަކަތައް ކުރިއަށްގެންދިޔައިރު، އަނެއްބަޔަކު މޮރިޝަސްއާ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފޯޅަވަހި މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް