އަށް އަހަރުގެ ސޭމް، އެލް ކަޕިތާނަށް އަރައި ރެކޯޑެއް ހަދައިފި

އެމެރިކާގެ އެންމެ މަޝްހޫރު އެއް ފަރުބަދަ ކަމަށްވާ އެލް ކަޕިތާނަށް އެރި އެންމެ ކުޑަކުއްޖާގެ ރެކޯޑު، އަށް އަހަރުގެ ސޭމް ބޭކާ ހޯދައިފިއެވެ.

އެމެރިކާގެ ކޮލޮރާޑޯއަށް އުފަން ސޭމް އަކީ ތަފާތު އެކި ސަރަހައްދުތަކުގެ ފަރުބަދަތަކަށް އަރައިގެން އެކި ކަހަލަ ރެކޯޑު ހޯދާފައިވާ ކުއްޖެކެވެ. ނަމަވެސް ކެލިފޯނިއާގެ ޔޮސެމިޓީގައި ހުންނަ އެލް ކަޕިތާން ފަރުބަދައަށް އަރައި އޭނާ ހެދި ރެކޯޑަކީ މުޅިން ތަފާތު، ބޮޑު ރެކޯޑެކެވެ.

އެލް ކަޕިތާން އަކީ 3،000 ފޫޓު އުސް ފަރުބަދައެކެވެ. މި ފަރުބަދައަކީ މިބާވަތުގެ ފަރުބަދަތަކުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް އަރަން އެންމެ އުނދަގޫ އެއް ފަރުބަދައެވެ.

ސޭމް އޭނާގެ ބައްޕަ ޖޯ ބޭކާއާއެކު -- ފޮޓޯ/ ސީއެންއެން

އެލް ކަޕިތާންއަށް އެރި އެންމެ ކުޑަކުއްޖާގެ ރެކޯޑު ސޭމް ހޯދާފައިވަނީ އެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފެށުމަށް ފަހު މިދިޔަ ހުކުރު ދުވަހު ފަރުބަދައިގެ ކޮޅަށް އަރައި، ދަތުރު ފުރިހަމަ ކޮށްގެންނެވެ.

ސޭމްގެ ދަތުރުގައި އޭނާގެ ބައްޕަ ޖޯ ބޭކާ ބައިވެރިވިއެވެ. ސޭމް ފަރުބަދަތަކަށް އަރާއިރު މުޅިންވެސް އަރަނީ އޭނާގެ ބައްޕައާއެކުގައެވެ. ނަމަވެސް ހުކުރު ދުވަހުގެ ދަތުރުގައި ސޭމް އާއި ޖޯގެ އިތުރުން ކްރޫގެ ގޮތުގައި އިތުރު ދެމީހަކު ބައިވެރިވެފައިވެއެވެ.

ޖޯ ބުނިގޮތުގައި އެނާ އާއި ދަރިފުޅު ފަރުބަދައަށް އެރުމުގެ ކުރިން ކްރޫގެ މެމްބަރަކު އެންމެ ފުރަތަމަ ވާގަނޑެއް ހިފައިގެން ފަރުބަދައަށް އެރިއެވެ. އެއަށްފަހު އެ ދެ މީހުން ވާގަނޑުގެ ބޭނުންކޮށްގެން ފަރުބަދައިގެ މައްޗަށް އެރީ ކަމަށް އޭނާ ބުންޏެވެ.

ސޭމް އޭނާގެ ބައްޕައާއެކު ފަރުބަދައަށް އަރާފައިވަނީ މިދިޔަ ހުކުރު ދުވަހު - ފޮޓޯ/ ސީއެންއެން

ފަރުބަދަތަކަށް އެރުމަށް ސޭމް ޝައުގުވެރިވީ ޖޯގެ އިތުރުން އޭނާގެ މަންމަ އޭން ބޭކާގެ ސަބަބުންނެވެ. އެ އާއިލާއަކީ އާންމުކޮށް ފަރުބަދަތަކަށް އަރައި އުޅޭ ބަޔެކެވެ.

އޭން ބުނިގޮތުގައި ސޭމް ހިނގަން ފެށުމުގެ ކުރިން، ފަރުބަދަތަކަށް އަރާ އިރު ބޭނުންކުރާ ބެލްޓު ނުވަތަ ހާނެސްއެއް ބޭނުން ކުރަން ދަސްކޮށްފިއެވެ. ފަރުބަދައަށް އެރުމަށް ސޭމް އެވަރަށް ލޯބި ކުރާ ކަމަށް އޭނާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު