އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ހުންނަ ކޮންމެ މީހަކީ އީމާންތެރިކަން ބަލިކަށި މީހެއް ކަމަށް ބުނުން ގޯސް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި މެންކް ވަނީ މިރޭ އަލިމަސް ކާނިވަލުގައި 'އެންޒައިޓީ، ޑިޕްރެޝަން އެންޑް ސްޓްރެސް' މި މައުޟޫއަށް ދަރުސް ދެއްވާފައެވެ.
އެ ދަރުހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަޑައިގެންނެވިއެވެ.
މިރޭ މެންކް ވިދާޅުވީ، އެންޒައިޓީ އާއި ޑިޕްރެޝަންއާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އިމާންތެރިކަން ބަލިކަށި ކަމަށް ބައެއް މީހުން ވަރަށް ފަސޭހައިން ބުނާ ކަމަށެވެ. ނަމަވެސް ހުރިހާ ހާލަތެއްގައި އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މެންކް ވިދާޅުވީ އެފަދަ މީހަކާ ދިމާލަށް އީމާންތެރިކަން ވަރުގަދަ ކުރާށޭ ބުނުމުގެ ބަދަލުގައި ހިތްވަރުދީ، އެހީތެރިވެދިނުން މުހިންމު ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެފަދަ ހާލަތަކާ ކުރިމަތިވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ބައެއް މީހުން ވަރަށް ބޮޑު ކަންތައްތަކާ ދިމާވުމުން ވެސް ހިނިތުންވުމަކާއެކު ކުރިއަށްދޭ އެއީ އެފަދަ ކަންތައްތަކާ ކުރިމަތިލުމުގެ ބާރު މާތް ﷲ އެމީހުންނަށް ދެއްވާފައިވާތީ، އެފަދަ ކަންތައްތަކަށް އެމީހުންގެ ދިފާއީ ނިޒާމު މާ ވަރުގަދަ ކަމަށް ވެދާނެ. ވީމާ [ބަލި ހުންނަ] މީހުންނާ ދީމާލަށް އެގޮތަށް އީމާންތެރިކަން ވަރުގަދަ ކުރާށޭ ނުބުނޭ،" މެންކް ވިދާޅުވިއެވެ.
ހަމައެއާއެކު، މާތް ރަސްކަލާނގެއާ ގާތް ގުޅުމެއް ބޭއްވުމަކީ އެމީހެއްގެ ބައްޔަށް ފަސޭހައެއް ލިއްބައިދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ބައެއް ފަހަރު ދިމާވާ ހިތާމައާއި މާޔޫސްކަމާ ޚިލާފަށް، އެމީހެއްގެ މާޔޫސްކަން ދިގު މުއްދަތަކަށް ދެމިގެންދާ ނަމަ އެމީހަކަށް ސިއްހީ ފަރުވާ ބޭނުން ވާނެކަން މެންކް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މެންކްގެ ދަރުހުގައި ވަނީ މައިންބަފައިން، ދަރިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުދިން ކުރާ ސުވާލުތަކާ ބެހޭ ގޮތުން ވިސްނުންތެރިކަމާއެކު ޖަވާބު ދިނުމަށާއި ޖަވާބު ދެވެން ނެތް ނަމަ، ޖަވާބެއް ދެވޭނެ މީހެއްގެ ފަރާތުން އަހައިގެން ކުދިންނަށް ކަންތައްތައް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވީމާ ލޮބުވެތި ބެލެނިވެރިން، ދަރިންގެ އަޑު އަހާ. ބެލެނިވެރިންގެ އަޅާލުން ނުލިބޭ ކަމަށް އިހުސާސު ކުރެވޭތީ ވަރަށް ގިނަ ކުޑަކުދިންގެ ބޮލުގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް އުފެދޭ،" މެންކް ވިދާޅުވިއެވެ.
އެކުއްޖެއްގެ މައިންބަފައިންގެ ތެރެއިން މީހަކު ނެތް ނަމަ، ނުވަތަ މަންމަ އާއި ބައްޕަ ވެސް ނެތް ނަމަ، އެ ކުއްޖަކާ އެންމެ ގާތް ބަޔަކު އެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެންކްގެ ދަރުހުގައި ވަނީ މީހާއަށް ހާސްކަމާއި ކަންބޮޑުވުން ކުރިމަތި ކުރުވާ ތަފާތު ސަބަބުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ފައިސާގެ ދަތިކަމާއި ގާތް މީހަކު މަރުވުމާއި ވަޒީފާއާއި ޒަވާޖީ ހަޔާތާ ގުޅުން ހުރި މައްސަލަތައް މެންކް ފާހަގަކުރެއްވިއެވެ.
އެފަދަ ހުރިހާ ހާލަތެއްގައި މާތް ﷲ ހަނދުމަކޮށް، ދީން މަތީގައި ދެމި ހުރުމަށް މެންކް އިލްތިމާސްކުރެއްވިއެވެ.